ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ އާންމު ދަތުރުތަކަށް ހުޅުވާލެވޭނީ ހަނގުރާމައިގާ އެމެރިކާއިން އީރާނަށް ދީފައިވާ ގެއްލުންތަކުގެ ބަދަލު ދިނީމާކަން ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އީރާނުން ކުރަމުންގެންދާ މަޝްވަރާތަކުގައި ހޮރްމުޒް ކަނޑުއޮޅި ހުޅުވާދިނުމުގެ އަގަކީ މިހާރު ހިނގަމުންދާ ހަނަގުރާމައިގާ އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދީފައިވާ ގެއްލުންތަކުގެ ބަދަލު ހަމަ މިހާރު ދިނުންކަމުގައި ހާމަކުރައްވައި އަނެއްކާވެސް އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދަށް ހޫނުފެން އަޅައިފިއެވެ.
ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލުމާބެހޭގޮތުން އީރާނާއި އޮމާނުން ކުރަމުންދާ މަޝްވަރާތަކުގައި ކާމިޔާބު ނިމުމަކާ ހަމަޔަށް އާދެވިފައިވީ ނަމަވެސް އެ ކަނޑުއޮޅި ހުޅުވާދިނުމުގައި ފުރިހަމަކުރަންޖެހޭ އެހެން ޝަރުތުތަކެއް އެބަހުރިކަން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ހާމަކުރައްވާފައި ވެއެވެ. އޭގެތެރޭގައި ލެބަނަންއާއި ފަލސްތީނާއި އަދި ޔަމަނުގައިތިބި އީރާނާ ގުޅުންހުރި ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު ނޭޅުންވެސް ހިމެނޭކަމަށް އީރާނުގެ ބާރުގަދަ އިންގިލާބީ ލަޝްކަރުގެ ސެކްރެޓަރީ މުހަންމަދު ބާގިރް ޒުލްގަދްރް ވަނީ ވިދާޅުވެފައެވެ. މިދުވަސްވަރު އެމެރިކާއިން އެއިން އެއްވެސް ޖަމާއަތަކާ ދެކޮޅަށް އެއްވެސް ހަރަކާތެއް ހިންގާކަމަކަށް ނުވެއެވެ. އެހެންނަމަވެސް މެދުއިރުމަތީގައި ތިބި އެމެރިކާގެ ބައިވެރިންނަށް އެ ޖަމާއަތްތަކުން އުދަނގޫކުރާނަމަ އެމެރިކާއިން ހަރަކާތަށް ނިކުތުން އެކަށީގެން ވެއެވެ. ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަށް އީރާނުން ހުށައެޅި ޝަރުތުތަކުން އެނގިގެންދަނީ ރައީސް ޓްރަމްޕް ވެއްޓި ވަޑައިގެންފައިވާ ވަޅުގަނޑުގެ ފުންމިން އީރާނަށް ރަނގަޅަށް ތަސައްވުރު ކުރެވޭކަމެވެ. ޖޫންމަހު ސުވިޒަރލޭންޑްގައި ވެފައިވާ އެއްބަސްވުމުން މި ހަނގުރާމައިގާ އީރާނަށް ލިބިފައިވާ ގެއްލުންތަކަށް އެމެރިކާއިން ބަދަލު ދިނުމަށް ވަނީ އެއްބަސްވެފައެވެ.
ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގައި ޓޯލް ފީ ނެގޭނެ ވާހަކަނެތުމުން މިނިވަންކަމާއެކު ދަތުރު ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް ހުޅަނގުގެ ގައުމުތަކުން އުންމީދު ކުރެއެވެ. އެހެންނަމަވެސް އެ ކަނޑުއޮޅި ބޭނުންކުރުމުގައި އީރާނުގެ ބާރު ހިނގާނެކަމަށް ސުވިޒަރލޭންޑުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
ހަމަލާތައް ހުއްޓާލަން އެއްބަސް ވުމަށްފަހު މި ދިޔަ ޖޫންމަހި އެމެރިކާއިން އީރާނަށް ދީފައިވާ ގެއްލުންބޮޑު ހަމަލާތަކާއި އޮހޮރުވާލި ލޭ ގެ މަތިން އަހަރެމެން ހަނދާން ނައްތާ ނުލާނެކަމަށާއި އެކަންކަމުގެ ބަދަލު ނުލިބެނީސް އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާއަށް ނުދާނެކަން ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ ވިދާޅުވެފައެވެ.
އެންމެ ފަހުގެ ޚަބަރުތަކުގައި އެމިރޭޓްސްގެ ތެޔޮ ޓޭންކަރަކަށް މިދިޔަ ހޮނިހިރު ދުވަހު ގޮތްނޭންގޭ މިސައިލް ހަމަލާއެއް ދީފައިވާކަމަށާއި އެހެންނަމަވެސް ތިމާވެއްޓަށް ގެއްލުމެއް ނުލިބެނީސް ރޯވި އަލިފާންގަނޑު ވަރަށް އަވަހަށް ނިއްވާލެވިއްޖެކަން އިނގިރޭސި ވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފައި ވެއެވެ.
އެމެރިކާގެ ހަތިޔާރުތައް މަދުވަމުންދިއުމާގުޅިގެން ހަތިޔާރު އުފައްދާދިނުން އަވަސްކުރަން ޑިފެންސް ކޮންޓްރެކްޓަރުންނަށް ޕެންޓަގަން އިން ފިއްތުންތައް ކުރިމަތިކުރަމުން ގެންދާކަމަށް ވޯޝިންގޓަން ޕޯސްޓުން ރިޕޯރޓް ކޮށްފައިވެއެވެ. އެ ނޫހުގެ ރިޕޯރޓްތަކަށް ބަލާއިރު ހަތިޔާރު ތައްޔާރު ކުރެވޭނެ އެންމެ އަވަސް ތާރީޚެއް 21 ދުވަހުގެ ތެރޭގައި އެންގުމަށް ދިފާއީ ވުޒާރާގެނައިބު ވަނީ ޑިފެންސް އިންޑަސްޓްރީއަށް އެންމެ ފަހުގެ ތާރީޚް ދެއްވާފައެވެ.
އެމެރިކާ ސިފައިން އަތުގައި ހުރި މަޝްހޫރު ތާޑު ދިފާއީ އައްޑަނަ ތަކުގެ %80 ވަނީ އެއްކޮށް ބޭނުންކުރެވިފައެވެ. އަދި މިސައިލް އިންޓަރސެޕްޓަރ ތަކުގެ ބޮޑުބައެއްވެސް ހުސްވެފައިވާކަން ސީ އެން އެން އިން ވެސް ވަނީ ރިޕޯރޓް ކޮށްފައެވެ.
![]()
