ކަށީގެ ވަރުގަދަކަން ކުޑަވާން ފަށަނީ ކަށި ފީވުމުގެ ބަލީގެ އަލާމާތްތައް ފެނުމުގެ އެތައް އަހަރެއް ކުރިން ކަމަށް މާހިރުން އިންޒާރު ދެއެވެ. އަދި ހަމައެކަނި ކިރު ބުއިމުގެ ބަދަލުގައި، ހުރިހާ އުމުރެއްގެ މީހުންވެސް އެމީހުންގެ ކެއުމާ މެދު އަލުން ވިސްނުމަށް މާހިރުން ބާރުއަޅުއްވައެވެ.
ޔުނިވަރސިޓީ އޮފް ސައުތުހެމްޕްޓަންގެ މަސްކިއުލޯސްކެލެޓަލް ހެލްތު ޕްރޮފެސަރ ކޭޓް ވާޑް ވިދާޅުވާ ގޮތުގައި، ކަށީގެ އެންމެ ވަރުގަދަ މިންވަރު ކަނޑައެޅެނީ ކުޑަކުދިންގެ އުމުރާއި ޒުވާން އުމުރުގައެވެ. އޭގެ ފަހުން ކަށީގެ ވަރުގަދަކަން މަޑުމަޑުން ދަނީ ދަށްވަމުންނެވެ. ރޯޔަލް އޮސްޓިއޯޕޮރޯސިސް ސޮސައިޓީގެ ޖޫލީ ތޮމްޕްސަން ވިދާޅުވާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 500 މިލިއަން މީހުން އޮސްޓިއޯޕޮރޯސިސް (ކަށި ފީވުމުގެ ބަލި) އާއެކު ދިރިއުޅެމުންދާއިރު، ގިނަ ފަހަރަށް މި ބަލީގެ އެއްވެސް ނިޝާނެއް ކަށްޓެއް ބިނދުމާ ހަމައަށް ނުފެނެއެވެ. ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުމުރުން 55 އަހަރުން މަތީގެ 10 މިލިއަނަށްވުރެ ގިނަ މީހުންގެ އުނަގަނޑުގެ ކަށި ބިނދޭއިރު، އުމުރުން 60 އަހަރުން މަތީގެ ބަލިމީހުންގެ ތެރެއިން ގާތްގަނޑަކަށް 30 އިންސައްތަ މީހުން އެފަދަ ހާދިސާއެއް ހިނގާތާ އަހަރެއްގެ ތެރޭގައި މަރުވެއެވެ.
ޓަފްޓްސް ޔުނިވަރސިޓީގެ ބެސް ޑޯސަން-ހިއުސް ފާހަގަކުރައްވާ ގޮތުގައި، އިއްދައިން ކެނޑުމަށްފަހު އަންހެނުންނަށް މި ނުރައްކާ ބޮޑުވި ނަމަވެސް، އިންސާނުން ދިރިހުންނަ އުމުރު ދިގުވަމުންދާ ވަރަކަށް ފިރިހެނުންނަށްވެސް މިކަމުގެ އަސަރު ކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ.
މިކަމުގެ ހައްލު ބޮޑަށް އޮތީ ކެއުމުގެ ތެރޭގައެވެ. ކެލްސިއަމް، ވިޓަމިން ޑީ އަދި ޕްރޮޓީން އަކީ މައިގަނޑު މާއްދާތަކެވެ. މީގެ އިތުރުން މެގްނީޒިއަމް، ޒިންކް، ވިޓަމިން ކޭ އަދި ފޮސްފަރަސް ވެސް މުހިންމެވެ. 200 މިލިލީޓަރުގެ ކިރު ތަށްޓަކުން ގާތްގަނޑަކަށް 260 މިލިގްރާމް ކެލްސިއަމް ލިބެއެވެ. 2024 ވަނަ އަހަރު 7,000 އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ކިރުގެ ބާވަތްތަކާއި ޕްރޮޓީން އިތުރުކުރުމުން، ދެ އަހަރު ދުވަހުގެ ތެރޭގައި މީހުން ވެއްޓުމުގެ ނުރައްކާ 11 އިންސައްތަ އަދި އުނަގަނޑު ކަށި ބިނދުމުގެ ނުރައްކާ 46 އިންސައްތަ ދަށްވެފައިވެއެވެ.
ކިރު ނޫން ބާވަތްތަކުން ވެސް ކެލްސިއަމް ލިބެއެވެ. އެގޮތުން 100 ގްރާމް ޓޯފޫ އިން 200 މިލިގްރާމް ކެލްސިއަމް ލިބޭއިރު، ސޯޔާގައި ހުންނަ ގަސްގަހާގެހީގެ މާއްދާތަކަކީ އިއްދައިން ކެނޑިފައިވާ އަންހެނުންގެ ކަށީގެ ވަރުގަދަކަން އިތުރުކޮށްދޭ އެއްޗެއްކަން ވަނީ އެނގިފައެވެ. ޗިއާ ސީޑްސްގެ އެންމެ ސައިސަމުސަލަކުން ކެލްސިއަމް، މެގްނީޒިއަމް އަދި އޮމެގާ-3 ލިބެއެވެ. ހިއްކި ޒައިތޫނި އަދި ޕްރޫންސް އަކީ ވެސް ކަށީގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ އެއްޗެހީގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ. އެއް ދިރާސާއަކުން ދެއްކި ގޮތުގައި ދުވާލަކު 50 ގްރާމް ޕްރޫންސް ކާ އަންހެނުންގެ ކަށީގެ ވަރުގަދަކަން، އެ ނުކާ މީހުންނަށްވުރެ ބޮޑަށް ދެމެހެއްޓެއެވެ.
ދަޅުމަހަކީވެސް ފާހަގަކޮށްލެވޭ ބާވަތެކެވެ. މަސް ދަޅަކުން ދުވާލަކަށް ބޭނުންވާ ކެލްސިއަމްގެ 30 އިންސައްތަ ލިބޭއިރު، ތެޔޮ މަހުން ވިޓަމިން ޑީ ލިބެއެވެ. މިއީ ކެލްސިއަމް ހަށިގަނޑަށް ދަމައިގަތުމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ.
ސަޕްލިމެންޓްތަކާ މެދު މާހިރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. މާހިރުން ވިދާޅުވާ ގޮތުގައި، ސިއްހަތު ރަނގަޅު މީހުން ވިޓަމިން ޑީ ގުޅަ ބޭނުންކުރުމުން ކަށި ބިނދުމުން ރައްކާތެރިކޮށް ނުދީފާނެއެވެ. އަދި މާ ގިނައިން (100 މައިކްރޯގްރާމަށްވުރެ ގިނައިން) ބޭނުންކުރުމުން ކަށި ފީވެ ބިންދައިގެން ގޮސްގެން ވެއްޓުމުގެ ނުރައްކާ އިތުރުވެދާނެއެވެ. ގިނަ މާހިރުން ލަފާދެނީ ސަޕްލިމެންޓް ބޭނުންކުރަންވާނީ އަވީގައި އުޅޭ މިންވަރު މަދު މީހުން ނުވަތަ ކެއުން ރަނގަޅު ނޫން މީހުން އެކަނި ކަމަށެވެ.
ދުވާލަކު ބޭނުންވާ ކެލްސިއަމްގެ މިންވަރު ތަފާތެވެ. އިނގިރޭސިވިލާތުގައި އާންމުކޮށް 700 މިލިގްރާމް ލަފާދޭއިރު، އިއްދައިން ކެނޑިފައިވާ އަންހެނުންނަށް 1,200 މިލިގްރާމް ބޭނުންވެއެވެ. އެމެރިކާގައި އުމުރާއި ޖިންސަށް ބަލައި 1,000 އާއި 1,200 މިލިގްރާމާ ދެމެދުގެ މިންވަރެއް ލަފާދެއެވެ.
ދިރާސާވެރިންގެ ނިންމުމަކީ ކިރުގެ ބާވަތްތަކާއި، މަހާއި، ފަތްޕިލާވެއްޔާއި، ތޮޅީގެ ބާވަތްތައް ހިމެނޭ ތަފާތު ކެއުމެއްގެ އިތުރުން، ކަށިތަކަށް ބާރުލާ ކަސްރަތު ކުރުމަކީ ކަށި ބަލިކަށިވުމުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ ދިފާއެވެ.
![]()
