މެދުއިރުމަތީގައި ތިބޭ ސިފައިން މޯބައިލް ފޯނު ބޭނުންކޮށްގެން ނަގާ ވީޑިއޯތައް އެކިއެކި ފަރާތްތަކަށް ހިއްސާކުރުމުގެ ސަބަބުން އީރާނުން ދޭ ހަމަލާތައް އަމާޒުކުރަން އެހީތެރިވެދޭކަމަށް ބެލެވެމުންދާތީ ސިފައިންގެ އަތުން މޯބައިލް ފޯނުތައް އަތުލަންޖެހިދާނެކަމަށް މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ އިސް ކޮމާންޑަރ އިންޒާރު ދީފިކަމަށް މި ޖުލައިމަހު 29 ވަނަދުވަހު ރޮއިޓާރސްގެ ޚަބަރުގައި ބުނެފިއެވެ.
ސިފައިންގެތެރެއިން ގިނަ ބަޔަކު އާއިލާއަށާއި ރައްޓެހިންނަށް ގުޅައި އެމީހުންގެ ހާލަތު އޮޅުންފިލުވާދިނުމަށާއި ހާލަތު ދެނެގަތުމަށް ވީޑިއޯކޯލް ކުރަމުންގެންދިއުމުގެ ނުރައްކާތެރިކަން ފާހަގަ ކުރެވެމުންދާކަންވެސް ކޮމާންޑަރުގެ އިންޒާގައި ފާހަގަކޮށްފައި ވެއެވެ. އީރާނުންދޭ ހަމަލާތައް ކާމިޔާބު ކުރެވޭ މިންވަރާއި ނުކުރެވޭ މިންވަރުވެސް ސިފައިންކުރާ ވީޑިއޯ ކޯލްތަކުގެ ޒަރީޢާއިން އީރާނަށް އެނގެމުންދާކަން މީގެކުރިން ހާމަކޮށްފައިނުވާ ކޮމާންޑަރުގެ ސިޓީއެއްގައިވެސް ވަނީ ފާހަގަ ކޮށްފައެވެ. އީރާނުގެ ހަމަލާ އަންނަވަގުތު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމެރިކާގެ ސިފައިން ބަންކަރުތަކަށް ވަންނަ ވީޑިއޯ މަންޒަރު ކޮމާންޑަރ ކޫޕަރގެ ސިޓީއާއެކު ފޮނުވާފައިވާ ކަމަށްވެސް އެނގިފައިވެއެވެ. އެނޫން ގޮތެއްގައި އީރާނަށްފުރިހަމަ މައުލޫމާތު ލިބުމަށް އެމެރިކާގެ މިލިޓްރީން ބޭނުންކުރާ އިލެކްޓްރޯނިކް ޖޭމިންގ ގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާނެއެވެ.
މޯބައިލް ފޯނުތަކުގައި ބޭނުންކުރާ ފިޓްނަސް އެޕްލިކޭޝަންފަދަ އެޕްލިކޭޝަންތަކުން ދުޝްމަން ހަނގުރާމަ ވެރިންނަށް ގިނަ މައުލޫމާތުތަކެއް ލިބިގަނެވޭނެކަން އެމެރިކާގެ މިލިޓްރީއަށް މާކުރިއްސުރެންވެސް އޮތީ އެނގިފައެވެ. މޯބައިލް ފޯނުތަކުގައި ހުންނަ ވިޔަފާރި އިޝްތިހާރުތަކަކީވެސް ހަނގުރާމައިގެ އަމާޒު ލިބިގަތުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއްކަން މިއަރު މޭ މަހުގެ ތެރޭގައިވެސް ރޮއިޓާރސް އިން ވަނީ ހާމަކޮށްފައެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގާ މިހާތަނަށް އެމެރިކާގެ 18 ސިފައިން މަރުވެ 600 އަށްވުރެން ގިނަ ސިފައިން ޒަޚަމަވެފައިވާއިރު އެމެރިކާގެ ރައްޔިތުންގެ ތެރެއިން 3 މީހުންކުރެން ހަމައެކަނި އެކަކުގެ ތާއީދު ލިބިފައިވާ މިހަނގުރާމަ ކާމިޔާބުކުރެވިދާނެކަން އެ ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަކީވެސް ފަސޭހަކަމަކަށް ނުވެދާނެއެވެ.
ހަނގުރާމައިގާ އެމެރިކާއަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ރާޑަރ ޓަވަރ ތަކާއި އެއާރކްރާފްޓް ހޭންގަރ އަދި އަގުބޮޑު ގިނަ ވަސީލަތްތަކަކަށް ލިބެމުންދާ ގެއްލުންތަކުގެ ތަފްސީލު ހާމަކުރަން ޑިމޮކްރެޓުންގެ ފިއްތުންތަކަށް ޖަވާބުދާރީ ވުމަކީވެސް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުމެކެވެ.
ހަނގުރާމައިގެ ވަގުތުގައި އަދި ވަކިން ޚާއްސަކޮށް ސެންސިޓިވް މިޝަންތަކުގައި ހަރަކާތްތެރިވަމުންގެންދާ މިލިޓްރީން އަތުން މޯބައިލް ފޯނު އަތުލުމުގެ ގަވައިދުތައް ވަރަށް ތަފާތެވެ. މޯބައިލް ފޯނު ބޭނުންކުރުން މުޅިން މަނާކުރުމާއި ތަޅުލައިގެން ގެންގުޅުން އޭގެތެރޭގައި ހިމެނެއެވެ. ހަނގުރާމައިގެ ވަގުތު މައުލޫމާތު ހާމަކުރުމުގައި ޕެންޓަގަން އިން ވަރަށްބޮޑު ސަމާލުކަމެއް ދޭނެއެވެ.
މެދުއިރުމަތީގައި ހަރަކާތްތެރިވަމުންގެންދާ އެމެރިކާގެ މިލިޓްރީން އަތުން މޯބައިލް ފޯނު އަތުލުމުން ދުރުގައިތިބި އެމީހުންގެ އާއިލާތަކުގެ ހިތްހަމަނުޖެހުމާއި ކަންބޮޑުވުމަކީވެސް ހައްލުކުރަންޖެހޭނެ މައްސަލައެކެވެ.
![]()
