ކެއްސުމެއް ނުވަތަ އަރިދަފުސް ރޯގާއެއް ޖެހުމުން، ގިނަ ބަޔަކު އުންމީދު ކުރަނީ އެންޓިބަޔޮޓިކް ބޭނުންކޮށްގެން އަވަހަށް ބަލިން ފަސޭހަވާނެ ކަމަށެވެ. ނަމަވެސް، ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އެންޓިބަޔޮޓިކަކީ ހަމައެކަނި ނިއުމޯނިއާ ފަދަ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެއްޗެކެވެ. އާންމު ރޯގާ، އިންފްލުއެންޒާ އަދި ކަރުގައި ރިއްސުން ފަދަ ވައިރަހުގެ ސަބަބުން ޖެހޭ ބަލިތަކަށް މީގެން ފަރުވާއެއް ނުލިބެއެވެ. އޭގެ ބަދަލުގައި، ހަށިގަނޑުން ގުދުރަތީ ގޮތުން ވައިރަހާ ހަނގުރާމަކުރަމުންދާއިރު، ގޭގައި ކުރެވިދާނެ ފަސޭހަ ކަންތައްތަކުން ބަލީގެ އަލާމާތްތަކަށް ލުއި ހޯދުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ބައެއް މާހިރުން ދެކެއެވެ.
ގިނަ އަރިދަފުސް ރޯގާތައް އާންމުކޮށް އެއް ހަފުތާއާއި ދެ ހަފުތާއާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ. މި ބަލީގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، ބަލިން ފަސޭހަވުމުގެ މަރުހަލާގައި އަރާމު ހޯދުމަށް ކުރެވިދާނެ ފަސޭހަ ކަންތައްތަކެއް އެބަހުއްޓެވެ.
އެންމެ މުހިންމު އެއް ކަމަކީ ހަށިގަނޑުން ފެން މަދުވިޔަނުދީ ހިފެހެއްޓުމެވެ. ގިނައިން ފެން، މޭވާ ދިޔަ، ސުރުވާ ނުވަތަ މާމުއި އެއްކޮށްފައި ހުންނަ ތާފަނާ ލުނބޯ ފެން ބުއިމަކީ ހަށިގަނޑުން މަދުވާ ފެން ފޫބައްދައިދީ، ކަރުތެރެއަށް ލިބޭ އުނދަގޫތަކަށް ލުއިދޭ ކަމެކެވެ. ސިއްހީ މާހިރުން ލަފާދެއްވަނީ ބާރުގަދަ ކޮފީ ނުވަތަ ސައި އަދި ބާވަތްތަކުގެ ބުއިންތަކާއި އަލްކޮހޯލް ބޭނުންނުކުރުމަށެވެ. ސަބަބަކީ މީގެ ސަބަބުން ހަށިގަނޑުން ފެން މަދުވުމަށް މަގުފަހިވާތީއެވެ.
ހޫނު ކާނާއާއި ބުއިންތަކުން ވެސް ލުއި ލިބިދާނެއެވެ. ކުކުޅު ސޫޕަކީ ޒަމާނުއްސުރެ މިފަދަ ބަލިތަކަށް ބޭނުންކުރާ ފަރުވާއެކެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މީގެ ސަބަބުން ނޭފަތް ބެދުމަށް ލުއި ލިބެއެވެ. މީގެ އިތުރުން ސައި ނުވަތަ ތާފަނާ އާފަލު ދިޔަ ފަދަ ހޫނު ބުއިންތަކުން ވެސް ވަގުތީ ގޮތުން އަލާމާތްތަކަށް ލުއި ލިބި، އަރާމުކަން އިހުސާސް ކުރެވޭނެއެވެ.
ފުރިހަމައަށް އަރާމުކުރުމަކީ ވެސް ބަލިން ފަސޭހަވުމަށް ވަރަށް މުހިންމު ކަމެކެވެ. ހުން އައިސްފައި ހުރުން، މެދުނުކެނޑި ކެއްސުން ނުވަތަ ބޭހުގެ ސަބަބުން ނިދި އަންނަ ގޮތްވާނަމަ، މަސައްކަތަށް ނުވަތަ ސްކޫލަށް ނުގޮސް ގޭގައި މަޑުކުރުމުން ހަށިގަނޑު ފަސޭހަވުމަށް ވަގުތު ލިބުމުގެ އިތުރުން، އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.
ގޭތެރޭގެ ވައި ހުންނަ ގޮތުން ވެސް ބަދަލުތަކެއް އަތުވެދާނެއެވެ. މާ ބޮޑަށް ހޫނު ނުވާނޭހެން ކޮޓަރި ތާފަނާކޮށް ބެހެއްޓުމާއި، ’ހިއުމިޑިފަޔަރ‘ އެއް ބޭނުންކޮށްގެން ވައިގެ ތެތްކަން އިތުރުކުރުމަކީ ނޭފަތް ބެދުމާއި ކެއްސުމަށް ލުއި ލިބޭނެ ކަމެކެވެ. ނަމަވެސް، ބެކްޓީރިއާއާއި ފަންގަސް އުފެދުން ހުއްޓުވުމަށްޓަކައި ހިއުމިޑިފަޔަރުތައް ގަވާއިދުން ސާފުކުރަންވާނެއެވެ.
ކަރުގައި ރިއްސުމަށް ވެސް ފަސޭހަ ފަރުވާތަކެއް އެބަހުއްޓެވެ. ގަނޑުފެންކޮޅެއް އަނގަޔަށްލައިގެން ހުރުން، ކަރުގައި ޖަހާ ސްޕްރޭ، ލޮޒެންޖަސް ނުވަތަ ހަކުރު ނުހުންނަ މެޓާ ނުވަތަ ވިކްސް މެޓާ ބޭނުންކުރުމުން ކަރު ހިކުމާއި އުނދަގޫތަކަށް ލުއި ލިބިދާނެއެވެ. ތާފަނާ ލޮނުފެނުން ކަރު ދޮވުމަކީ ނުވަތަ ގާގަލް ކުރުމަކީ ވެސް ވަގުތީ ލުއި ލިބޭ ކަމެކެވެ. މި ފެން ތައްޔާރުކުރާނީ ތާފަނާ ފެން ތައްޓަކަށް ސައިސަމުސަލެއްގެ ހަތަރުބައިކުޅަ އެއްބައި ނުވަތަ ދެބައިކުޅަ އެއްބައި ލޮނު އަޅައިގެންނެވެ. ނަމަވެސް، ހަ އަހަރުން ދަށުގެ ކުދިންނަށް މި ކަންކަން ކުރުމަކީ ލަފާދެވޭ ކަމެއް ނޫނެވެ.
ނޭފަތް ބެދިފައިވާނަމަ، ’ސެލައިން ނޭސަލް ޑްރޮޕްސް‘ އަކީ ރައްކާތެރި ފަރުވާއެކެވެ. މިއީ ބޭސް ފިހާރަތަކުން އާންމުކޮށް ލިބެން ހުންނަ، ތުއްތު ކުދިންނަށް ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.
ބޭސް ފިހާރަތަކުން އާންމުކޮށް ލިބޭ ކެއްސުމާއި ރޯގާ ބޭސްތަކުން ބޮޑެތި މީހުންނާއި ފަސް އަހަރުން މަތީގެ ކުދިންނަށް ބައެއް އަލާމާތްތަކަށް ލުއި ލިބިދާނެއެވެ. ނަމަވެސް، މި ބޭސްތަކުގެ ސަބަބުން ބަލި އަވަހަށް ފަސޭހައެއް ނުވެއެވެ. މިފަދަ ބޭސްތަކުގައި އެކި ބާވަތުގެ މާއްދާތައް ހިމެނޭތީއާއި އޭގެ ނޭދެވޭ އަސަރުތައް ކޮށްފާނެތީ، އަބަދުވެސް ބޭނުންކުރަންވާނީ އިރުޝާދުތަކާ އެއްގޮތަށެވެ. އަދި ސިއްހީ މާހިރުން ލަފާދެއްވަނީ ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ކުޑަކުދިންނަށް މިފަދަ ބޭސްތައް ނުދިނުމަށެވެ.
މި ހުރިހާ ކަމަކަށްވުރެ ބޮޑަށް، ގަވާއިދުން އަތް ދޮވުމަކީ ރޯގާ ފެތުރުން ހުއްޓުވުމަށާއި ތިމާގެ ވަށައިގެންވާ މީހުން ރައްކާތެރިކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމެވެ.
![]()
