ލ.އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފިއެވެ.
މިކަމަށްޓަކައި މިއަދު ލ.ފޮނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޚިދުމަތް ފައްޓަވައިދެއްވީ، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޡާރިޤު އިބްރާހީމެވެ.
އާރުޓީއެލް ޚިދުމަތް ކޮންމެ އަތޮޅެއްގައިވެސް ފަށަނީ، އެއް ހަފުތާއަށް އެ އަތޮޅެއްގެ ރައްޔިތުން އަހުލުވެރި ކުރުމަށް ހިލޭ ދަތުރުކުރެވޭ ގޮތަށް ޚިދުމަތް ދިނުމަށް ފަހުއެވެ.
އޭގެ ފަހުން އަތޮޅުގެ އެކި ރޫޓުތަކާއި އެހެން އަތޮޅުތައް ގުޅުވާލެވޭ ރޫޓުތަކުގައި އަގު ނަގަން ފަށައެވެ.
އެމްޓީސީސީން ބުނީ މި ޚިދުމަތް ދެނީ، ސަރުކާރުން ސަބްސިޑައިޒު ކުރާ ގޮތަށް ހެޔޮ އަގެއްގައި ކަމަށެވެ. އެހެންކަމުން ލ.އަތޮޅުގައިވެސް މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި އުޞޫލުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ލ. އަތޮޅުގައި ޚިދުމަތް ދިނުމަށް 2 ލޯންޗު ބޭނުން ކުރެއެވެ. އެއީ، 48 މީހުންގެ ޖާގައިގެ ޒަމާނީ ލޯންޗުތަކެކެވެ. މީގެ ތެރެއިން 4 ޖާގަ ޚާއްސަކޮށްފައިވަނީ، އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. މި ލޯންޗުތަކަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ ލޯންޗުތަކެކެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް މި ޚިދުމަތް ލިބޭނެއެވެ.
![]()
