އަހުލުބައިތުންދެކެ ނުރުހުމަކީ މުނާފިޤުކަމުގެ ޢަލާމަތެކެވެ.

Loading

Facebook
Twitter
WhatsApp

ޢަލީގެފާނުދެކެ ލޯބިވުމާއި އެކަލޭގެފާނުގެ ޤަދަރަށް އުނިކަން ލިއްބައިދޭ ކަންކަމަށް ތިމާގެ ހިތް ބުރަވުމަކީ އެމީހާގެ އީމާންކަމާއި ނިފާޤުކަން ވަޒަންކޮށްދޭ މީޒާނެކެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ: ”قُلْ لَا أَسْأَلُكُمْ عَليهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَى“ (އަލްޝޫރާ: 23). މިއާޔަތުގެ މާނައަކީ: ”އޭރަސޫލާއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ދީނަށް ގޮވައިލެއްވުމުގައި، ތިޔަބައިމީހުންގެ ކިބައިން ތިމަންކަލޭގެފާނުގެ ގާތްތިމާގެ މީހުންދެކެ ލޯބިވުން ފިޔަވައި ، އެއްވެސް އުޖޫރައަކަށް ތިމަންކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމެވެ.“


މިއާޔަތުގެ ތަފްސީރުގައިވާ އެއްބަސްފުޅަކީ، އިތުރު އެކަލޭގެފާނުގެ އަހުލުބައިތުންނާއި ގާތްތިމާގެ ބޭފުޅުންދެކެ މުސްލިމުން ލޯބިވެ، އެބޭފުޅުންނަށް ހެޔޮކޮށްހިތައި، އެބޭފުޅުންގެ ޙައްޤުތައް އަދާކުރުމެވެ. މިއީ މާތް ﷲ ރަޙްމަތްލެއްވި އިމާމު ސަޢީދު ބިން ޖުބައިރުގެފާނުގެ އަރިހުން ރިވާވެގެންވާ ބަސްފުޅެކެވެ. އަދި މިއީ މިއާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ މާނަވެސް މެއެވެ. ކީރިތި ރަސޫލާގެ މަޝްހޫރު ޙަދީސްފުޅެއްގައި މިފަދައިން އައިސްފައި ވެއެވެ.
تَركتُ فِيكم الثَّقلين، ما إن تمسَّكتُم بهما، لن تضلُّوا: كِتابَ اللهِ، وعِترتي أهلَ بيتي .. أُذكِّركم اللهَ في أهلِ بيتي فإنَّهما لن يفترقَا حتى يرِدَا عليَّ الحوضَ (رواه مسلم)
(މާނައީ: ތިމަންކަލޭގެފާނު ވަޑައިގަންނަވަނީ، ނުހަނު މަތިވެރިވެގެންވާ ދެ އަމާނާތެއް ތިޔަބައިމީހުންގެ ތެރެއަށް ދޫކުރައްވާގައެވެ. އެ ދެ އަމާނާތުގައި ތިޔަބައިމީހުން ބާރަށް ހިފަހައްޓައިގެން ތިބޭ ނަމަ، ދުވަހަކުވެސް މަގުފުރެދިގެން ނުދާނެއެވެ. އެއީ ﷲގެ ފޮތާއި ތިމަންކަލޭގެފާނުގެ އަހުލުބައިތުންނެވެ. (އެބަހީ ޢާއިލާގެ ބޭކަލުންނެވެ). ފަހެ ތިމަންކަލޭގެފާނުގެ އަހުލުބައިތުންނާ މެދު، އެބޭކަލުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް (ﷲއަށް ބިރުވެތިވާހާލު) ތިޔަބައިމީހުންނަށް ހަނދުމަކޮށް ދެެއްވަމެވެ. ދަންނާށެވެ. ކައުޘަރުކީ އާރު ދޮށުން ތިމަންކަލޭގެފާނާ ބައްދަލު ވެއްޖައުމަށް ދާނދެން، ދުވަހަކުވެސް އެދޭތި އެކަތި އަނެކައްޗަކާ ވައްކެއް ނުވާނެއެވެ.)

އަދިވެސް ލޮބުވެތި ރަސޫލާގެ ޙަދީސްފުޅެއްގައި އައިސްފައި ވެއެވެ.
عن عَليٌّ قال والذي فلَقَ الحَبَّةَ وبَرَأ النَّسَمةَ، إنَّه لَعَهدُ النَّبيِّ الأُمِّيِّ صلَّى اللهُ عليه وسلَّم إلَيَّ أن لا يُحِبَّني إلَّا مُؤمِنٌ، ولا يُبغِضَني إلَّا مُنافِقٌ (صحيح مسلم)
މާނައީ: ޢަލީގެފާނުންގެ ކިބައިން ރިވާ ވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އޮށްޓަރު ފަޅުއްވައި، ފުރާނަ އުފެއްދެވި ރަސްކަލާނގެ ގަންދީ ވިދާޅުވަމެވެ. އުއްމިއްޔަ ނަބިއްޔާ ﷺ ތިމަންކަލޭގެފާނުންގެ ގާތު މިފަދައިން ޢަހުދުކަށަވަރު ހިއްޕަވައި ޙަދީސު ކުރެއްވިއެވެ. ހަމަކަށަވަރުން، މުއުމިނަކު މެނުވީ ތިމަންކަލޭގެފާނުދެކެ (އެބަހީ ޢަލީގެފާނު ދެކެ) ލޯބިނުވާނެއެވެ. އަދި މުނާފިޤަކު މެނުވީ ތިމަންކަލޭގެފާނަށް ނަފުރަތު ނުކުރާނެއެވެ. (ޞަޙީޙް މުސްލިމް)

މިޙަދީސުފުޅުގެ މައްޗަށް ބިނާކޮށް ޢިލްމުވެރިން ވިދާޅުވަނީ
فكانَ عَهدُ النَّبيِّ صلَّى اللهُ عليه وسلَّمَ له أنَّ المؤمنين حقًّا يُحبُّونَ عليًّا رَضيَ اللهُ عنه، وأنَّ المُنافِقين يَكرَهونَه، وهذا من فَضائلِ عليٍّ رَضيَ اللهُ عنه، والمَعنى: أنَّ مَن عَرَفَ قَدْرَ عليِّ بنِ أبي طالِبٍ رضيَ اللهُ عنه، وقُربَه من رَسولِ اللهِ صلَّى اللهُ عليه وسلَّمَ، وحُبَّ النَّبيِّ صلَّى اللهُ عليه وسلَّمَ له، وما كانَ مِنه في نُصرةِ الإسلامِ، وسَوابِقَه، ثُمَّ أحَبَّه لذلك، كانَ ذلك من دَلائلِ صِحَّةِ إيمانِه وصِدقِه في إسلامِهِ؛ لقيامِه بِما يُرضي اللهَ سُبحانَه وتعالى ورَسولَه صلَّى اللهُ عليه وسلَّمَ، ومَن أبغَضَه كانَ بضِدِّ ذلك، واستُدِلَّ به على نِفاقِه وفَسادِ سَريرتِهِ، وهذا فيه مَزيدُ وَصيَّةٍ بعليٍّ رَضيَ اللهُ عنه
(ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަޤީޤީ މުއުމިނުން ޢަލީގެފާނު ދެކެ ލޯބިވާނެ ކަމަށާއި، މުނާފިޤުން އެކަލޭގެފާނަށް ނަފުރަތު ކުރާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. މިއީ ޢަލީގެފާނުގެ މަތިވެރިކަން ހާމަކޮށްދޭ ކަމެކެވެ. މީގެ މާނައަކީ، ޢަލީ ބިން އަބީ ޠާލިބް ރަޟިޔަﷲ ޢަންހުގެ ޤަދަރާއި، ރަސޫލާ صلى الله عليه وسلم އާ އެކަލޭގެފާނާ އޮތް ގާތް ގުޅުމާއި، އެކަލޭގެފާނަށް ރަސޫލާ صلى الله عليه وسلم ގެ ހިތްޕުޅުގައި އޮތް ލޯބިފުޅާއި، އިސްލާމްދީނުގެ ނަޞްރަށްޓަކައި އެކަލޭގެފާނު ކުރެއްވި މަތިވެރި ޚިދުމަތްތައް ދެނެގަނެ، އެކަންކަމަށްޓަކައި އެކަލޭގެފާނު ދެކެ ލޯބިވާ މީހާގެ އީމާންކަމުގެ ތެދުވެރިކަން ސާބިތުވެގެންދެއެވެ. އެއީ ﷲ އާއި އެކަލާނގެ ރަސޫލާ ރުހިވޮޑިގަންނަވާ ކަންކަމުގައި އެކަލޭގެފާނު ޤާއިމުވެ ހުންނެވީތީއެވެ.

އަދި މިއާއިދިކޮޅަށް، ޢަލީގެފާނަށާއި އާލުބައިތުންނަށް ނަފުރަތުކޮށް ރުޅިވެރިކަން ގެންގުޅޭ މީހާއަކީ، އޭނާގެ ނިފާޤުކަމާއި ހިތުގެ ފަސާދަ ކަމުގެ ބޮޑުކަން ހާމަވާ ކަމެކެވެ. އަދި މިއިން އެނގެނީ ޢަލީގެފާނަށް އިޙްތިރާމްކޮށް، އެކަލޭގެފާނުންގެ ޢާއިލާއާމެދު ބާއްވަންޖެހޭ ޤަދަރާއި ލޯތްބަށް ސަމާލުވުމުގެ މުހިންމުކަމެވެ. މިކަމާއި އަޅުގަނޑުމެންގެ އީމާންކަމާ އޮތް ގުޅުމުގެ ބޮޑުކަމެވެ.

ލިޔުއްވީ ޝެއިހް ޙުސައިން ރަޝީދު އަޙްމަދު

Loading

Leave a Reply

ފަހުގެ އަޕްޑޭޓް