ޝައިޠާނީ އިސްރާއީލާއި އަދި އެމެރިކާގެ ޙަމަލާގައި، އީރާނުގެ އިސްލާމީ އިންޤިލާބުގެ އެންމެ މަތީ ވެރިޔާ، އާޔަތުﷲ ސައްޔިދު ޢަލީ ޙުސައިނީ ޚާމަނާއީ ޝަހީދުވެވަޑައިގެންފިކަން އީރާނުގެ ދައުލަތުގެ ޓީވީން އިޢުލާންކޮށްފިއެވެ.
މި ޙަމަލާގައި ޚާމަނާއީގެ ދަރިކަނބަލުންނާއި، ދަނބި ދަރިކަލުންނާއި ކާފަ ދަރިކަލުންވެސް ޝަހީދުވެފައިވާ ކަމުގައި ވެއެވެ.
ޚާމަނާއީ އެ ޝަހީދުވެ ވަޑައިގަތީ މި އުންމަތުގެ އެންމެ ނުބައި ދުޝްމަނުންނާއި ކެރިގެން ކުރިމަތިލުމުގައި ލާމަސީލު މިސާލެއް ދައްކަވަމުންނެވެ. ރަމަޟާން ރޯދަ މަހުގައެވެ. ސީދާ ހަނގުރާމައިގެ މައިދާނުގައި ހުންނަވަނިކޮށެވެ. ދާއޫދު ގެފާނާއި ޢީސާގެ ފާނު (عليهم السلام) ފަދަ ނަބީބޭކަލުންގެ ދޫފުޅުތަކުން އެބަޔަކަށް ލަޢުނަތް ދެއްވި އެންމެ ނުބައި ޔަހޫދީ ކާފަރުންގެ ޙަމަލާގައެވެ. ލޮބުވެތި ޙަބީބު ﷺ ގެ ކާފަ ދަރިކަލުން ސައްޔިދުނާ ޙުސޭނުގެފާނު (رضي الله عنه) ގެ ދަރިކަލުން އިމާމް ޢަލީ ބިން ޙުސޭން ޒައިނުލް ޢާބިދީން ގެ ”ސައްޔިދު“ މަތިފުށުގެ 38 ވަނަ ޖީލުގައި ހިމެނި ވަޑައިގަތް ޚާމަނާއީ ވެވަޑައިވަޑައިގަތީ އިސްލާމީ އުންމަތުގައި މިޒަމާނުގައި އުފެދުނު ދެގޮތެއް ނުވާ ސާބިތު ފަރުބަދައެއް ކަމުގައެވެ.
އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަތް ނަމަ ”ރައްކާތެރި“ ހިސާބަކަށް ނުވަތަ ގައުމަކަށްވެސް ވަޑައިގެންނެވުނީހެވެ. ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވެލެއްވި ކަމުގައި ވަނީ ޝަހީދެއްގެ ދަރަޖަ ލިބިވަޑައިގަތުމަށެވެ.
ޚާމަނާއީ ޝަހީދު ކޮށްލެވުމުން ކާފަރުންގެ ބޮޑެތި ސަރުދާރުން ވަރަށް އުފާ ވެއްޖެއެވެ. ނުބައި ނުލަފާ ޓްރަމްޕު އާއި ޝައިޠާންޔާހޫ އެކަމާއިމެދު ބޮޑާބަސް އެބަ ބުނެއެވެ.
މިކަމާއިވިދިގެން، ޒަޚަމްވެފައިވާ އިސްލާމީ އުންމަތުގެ ހިތަށް އިތުރަށް ހިތާމަ ލިބިދީފިއެވެ. ނަމަވެސް މިކަމާއިމެދު އުފާކޮށް ނުވަތަ އުފާފާޅުކޮށް ހަދާނޭ މަދު ބަޔަކު އިސްލާމުންގެ ތެރޭގައި އަދި ކީއްތަ މި ދިވެހި ރާއްޖޭގައިވެސް ތިބޭނެއެވެ. ލުބުނާނުގެ ޙިޒުބުﷲ ގެ ލީޑަރ ޝައިޚު ޙަސަން ނަޞްރުﷲ އިޒްރޭލުން ޝަހީދު ކޮށްލުމުން މާލޭގެ ”ސީކްރެޓް ރެސިޕީ“ ރެސްޓޯރަންޓަށް ގޮސް ކޭކު ފެޅި ދިވެހިންތަކެއްގެ ވާހަކަވެސް އަޅުގަނޑު އަޑު އެހީމެވެ. މިއީ ކަނު މަޒުހަބީ ތަޢައްޞުބުގެ ކެންސަރުގައި ޖެހިފައިވާ މީހުންނެވެ. އެމީހުންނަކަށް މިދުނިޔޭގައި މި ވަމުންދާ ގޮތެއް ރޭކާވެސް ނުލައެވެ. (ނޯޓް: ކޭކުފެޅި މީހުންނަކީ މިފަދަ ބައެއް ފިކުރެއް އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ކިބައިގައި ހުއްޓަސް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރޭގައި ނުހިމެނޭ ބައެކެވެ. )
އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުންނެވެ. ޝިޔަޢީ މުސްލިމުން އަހަރެމެންނާއި ތަފާތުކޮށް ގަބޫލު ކުރާ ކަންތައް އަޅުގަނޑުމެން ފަހަރެއްގައިވެސް ގަބޫލެއް ނުކުރަމެވެ. އަދި އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި މި ދެބައިމީހުންގެ ތެރެއިން މާބޮޑަށްވެސް ޙައްގު ގޮތުގައި ތިބީ އަޅުގަނޑުމެން ސުންނީންނެވެ. ނަމަވެސް ޝިޔަޢީ މުސްލިމުންނަކީވެސް އިސްލާމީ އުންމަތުގެ އެއް ބައެވެ. އެމީހުންގެ ބައެއް މީހުންގެ ކިބައިގައި ހުރި މައްސަލަ ތަކަކާއިއެކުގައިވެސް އެމީހުންގެ ކިބައިގައި އެހުރި ޖިހާދު ކުރުމަށް އޮތް ލޯތްބާއި، އިސްލާމީ އުންމަތުގެ ޝަރަފާއި ފަލަސްޠީނަށްޓަކައި ތެދުވުމާއި، ދުޝްމަން ކާފަރުންގެ ކުރިމަތީގައި ސާބިތުވެ ތިބުމާއި، ފުރާނައިން ޤުރުބާންވުންފަދަ އެތަކެއް މާތް ސިފަތަކެއް ހުރުމުގެ ސަބަބުން މުޅި އިސްލާމީ އުންމަތުގެ ޢާންމުންގެ ހިތްތައް މިއަދު ވަނީ އެމީހުންނާއި އެކުގައެވެ. އެމީހުންގެ ދަރިންނަށް މިސާލު ކިޔަވައިދެނީ ކަރްބަލާގެ މައިދާނުންނެވެ. އެއީ ދުޝްމަނުން ކިތަންމެ ގިނަވެފައި ބާރުގަދަ ވިޔަސް، ޙައްގުގެ މަގުގައި ސާބިތުވެ ތިބެ ނަޞްރު ހޯދައި ނުވަތަ ޝަހީދުވެ ދިއުމުގެ މިސާލެވެ. އިސްލާމީ އުންމަތުގެ ބުރަކަށްޓަށް ވަޅި ޖެހި ޣަދަރުވެރި ޢަރަބި އަދި އިސްލާމީ ވެރިންނާއި އަދި އެމީހުންގެ ބަތާ ކައިގެންތިބި ސަރުކާރީ ދަންނަބޭކަލުންނަކީ މިއަދު އިސްލާމީ އުންމަތުގެ ޙައްގު ނަފްރަތުގެ އަހުލުވެރިންނެވެ.
ޚާމަނާއީ އަވަހާރަކޮށްލުމަކީ ކުޑަކަމެއް ނޫނެވެ. އީރާނާއި އަދި ގުޅިފައިވާ ރެސިސްޓެންސް ބާރުތަކުން ޝައިޠާނީ ބާރުތަކާއި ދެކޮޅަށް ޢާންމުވެގެންވާ ޖިހާދެއް އިޢުލާން ކުރާނެއެވެ. އެމީހުން މިކަމުގެ ބަދަލު ހިފާނެއެވެ.
މިއޮތްފަދަ ރޯދަމަހުގައި، އަޅުގަނޑުމެން މިކުރާ ދުޢާއަކީ ”ބޮޑު އިސްރާއީލާއި“ އިސްލާމީ އުންމަތާއި ދެމެދު މިވަގުތު ފެންނަން އޮތް ހަމައެކަނި ހުރަސް ކަމުގައިވާ އީރާނުގެ މުސްލިމުންނަށް ސާބިތުކަން ދެއްވައި، އެމީހުންގެ މިސައިލް ތަކުގެ ތީރުތައް ސީދާ ކުރައްވައި ވަރުގަދަ ކުރައްވައި އިސްރާއީލާއި އަދި ގަލްފު ސަރަޙައްދުގައި ވަކިހިއްޕާލާފައިވާ ކާފަރުންގެ ބާރުތަކުގެ މައިކަށި ބިންދަވައި ލެއްވުމެވެ. އަދި އިސްލާމީ އުންމަތުގެ މުއްސަނދި ކަމާއި ވަޞީލަތް ތަކުގެ މައްޗަށް ސަވާރުވެ، ޙަރުބީ ކާފަރުންނާއި ބައިޢަތު ހިފައިގެން ތިބި ގޮތެއްފޮތެއްނެތް ޣައްދާރުންގެ ބާރު ނެތި ކުރައްވައި އިސްލާމީ ބިންތައް މިނިވަން ކުރެއްވުމެވެ. އަދި އިސްލާމީ އުންމަތް އެއްބައި ކުރެއްވުމެވެ.
ﷲ ސުބުޙާނަހޫ ޥަ ތަޢާލާ ސައްޔިދު ޢަލީ ޚާމަނާއީގެ ފާފަ ފުއްސައި ޝަހީދުންގެ އެންމެ މަތީ ދަރަޖަ ދެއްވާނދޭވެ! އޭނާފަދަ ޤާއިދުން އަދިވެސް މިއުންމަތުން ނެރުއްވާނދޭވެ! އަދި ކާފަރުންގެ އަނިޔާވެރި ޙަމަލަ ތަކުގައި މަރުވަމުންދާ އީރާނާއި، ޣައްޒާއާއި އަދި އެހެނިހެން ގައުމު ތަކުގެ މުސްލިމުންނަށް ޝަހީދުންގެ ދަރަޖަ ދެއްވާނދޭވެ! އާމީން.
ލިޔުއްވީ: ޑރ. މައުރޫފް ހުސައިން
![]()
