ތައިލަންޑް ގައި ހައިވޭ އެއްގެ މައްޗަށް ކޮންސްޓްރަކްޝަން ކެރޭނެއް ވެއްޓުމުގެ ސަބަބުން ދެމީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. އިއްޔެވެސް ތައިލަންޑްގައިވަނީ ދުއްވާފައި ދިޔަ ރޭލެއްގެ މައްޗަށް ކެރޭނެއް ވެއްޓުމުގެ ސަބަބުން 32 މީހުން މަރުވެފައެވެ.
މިއަދުގެ ހާދިސާ ހިނގާފައިވަނީ ބެންކޮކްގެ ރަށްފުށު ހިސާބެއްގައި އެކްސްޕްރެސްވޭ ނުވަތަ ބާރަށް ދުއްވާ މަގެއް ހެދުމުގެ މަސައްކަތް ކުރިޔަށް ދިޔަ ތަނެއްގައެވެ. ވީޑިއޯ ތަކުން ފެންނަ ގޮތުގައި ކާރު ތަކެއްގެ މައްޗަށް ކެރޭނު ވެއްޓުމާއި އެކު ބައެއްކާރު ފިތިގެން ދެއެވެ.އަދި އެއާއިއެކު މުޅި ހިސާގަނޑަށް ހިރަފުސް ނުވަތަ ދުން އަރައިގެން ދާތަން ފެނެއެވެ. މިހާދިސާގައި މަރުވި ދެމީހުންގެ އިތުރުން އެތައް ބަޔަކަށް އަނިޔާވެފައިވާނެކަމަށް ބެލެވެއެވެ.
ބުދަ ދުވަހުގެ ހާދިސާގައި ވެސް 60 މީހުންނަށް އަނިޔާތައް ލިބިފައި ވެއެވެ.
ކެރޭނު ވެއްޓުމުގެ ހާދިސާ ހިނގި ދެތަނުގައިވެސް މަސައްކަތް ކުރަމުން ދަނީ އެއް ކުންފުންޏަކުން ކަމަށް ވެއެވެ. އެއީ ތައިލަންޑްގެ އިމާރާތްކުރުމާބެހޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އިޓޭލިއަން ތައި ޑިވެލޮޕްމަންޓް ކުންފުންޏެވެ.
ތައިލަންޑްގައި މިފަދަ އެކްސީޑެންޓް ތައް ހިނގަން މެދުވެރިވަނީ މިފަދަ ބިޔަ ޕްރޮޖެކްތްތައް ކުރިޔަށްދާއިރު ސޭފްޓީ ސްޓޭންޑަޑް ހިފެހެއްޓުމަށް މާބޮޑު އިސްކަމެއް ނުދެވޭތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބެންކޮކުން ދެކުނަށް އޮންނަ ބޮޑުމަގެއް އަލުން ހެދުމަށް ކުރިޔަށްދާ މަސައްކަތުގެ ތެރޭން އެކިފަހަރު ހިންގި އެކްސީޑެންޓް ތަކުގައި ފާއިތުވި ހަތްއަހަރުތެރޭ 150މީހުން މަރުވެފައިވާކަމަށް ވެއެވެ.
ބުރާސްފަތިދުވަހުގެ އެކްސީޑެންޓް ހިނގި އެކްޕްރެސްވޭ އަކީ ވެސް ”ޑެތުރޯޑް“ ގެ ނަމުން ނަންދީފައިވާ މަގެކެވެ.އެއީ އެމަގުގައި ހިނގާ ނުރައްކާތެރި އެކްސީޑެންޓްތައް ގިނަ ކަމުންނެވެ.
މިދެ ހާދިސާއަށްފަހު ކޮންސްޓްރަކްޝަން މަސައްކަތުގައި ފަރުވާކުޑަ ކުރާ މައްސަލަޔަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ. އަދި މަސައްކަތް ކުރާ އިޓޭލިއަން ތައި ޑިވެލޮޕްމަންޓް ކުންފުނި ޖޫރިމަނާ ކުރާނެ ކަމަށް ސްޓޭޓް ރޭލްވޭ ކުންފުނިން ބުނެފައި ވެއެވެ.
މިދިޔަ މާރޗްމަހު އައި ބިންހެލުމެއްގައި ވެއްޓުނު އުސް އިމާރާތަކީވެސް އިޓޭލިއަން ތައި ޑިވެލޮޕްމަންޓް ކުންފުނިން އެޅިތަނެކެވެ. މި ބިންހެލުމުގައި އެއިމާރާތް ފިޔަވާ އެހެން އެއްވެސް އިމާރާތެއް ވެއްޓިފައެއް ނުވެއެވެ.
![]()
