ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސް އާ ދެމެދު އެއްބަސްވުމެއް

Loading

Facebook
Twitter
WhatsApp

އާންމުންނަށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އަވަސް އެންޓަޕްރައިސަސްގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މިއަދު ބޭއްވި މި ފަހުމުނާމާގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ފަންޑު މެނޭޖަރ ޢަބްދުﷲ ޢަލީއެވެ. އަދި އަވަސް އެންޓަރޕްރައިސަސް ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޔާނިއު ރަމީޒެވެ.

މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒަކާތް ދައްކާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ މަގުތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި މި ފަހުމުނާމާގެ ދަށުން، އަވަސް އެންޓަޕްރައިސަސްގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މިއަހަރުގެ ރަމަޟާން މަހުން ފެށިގެން ރަސްމީކޮށް ފެށޭނެ ކަމަށެވެ. މި ފަހުމުނާމާގައިވާ ގޮތުން، އަވަސް އެންޓަޕްރައިސަސްގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދައްކާއިރު އާންމުންގެ އަތުން އެއްވެސް އިތުރު ފީއެއް ނުނަގާނެއެވެ.

މީގެ އިތުރުން، އެ ޕްލެޓްފޯމުތަކުން ބަލައިގަންނަ ޒަކާތުގެ ފައިސާ މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލުކުރުމުގައިވެސް އަވަސް އެންޓަޕްރައިސަސްއިން އެއްވެސް ފީއެއް ނުނަގާނެއެވެ.

އެކަމުގެ މަޤްޞަދަކީ ޒަކާތް ދައްކާ ފަރާތްތަކުން ދައްކާ ފައިސާ ޒަކާތުގެ ބެހެނިވެރީންނަށް ފުރިހަމައަށް ފޯރުކޮށްދެވޭނޭކަން ކަށަވަރުކުރުމެވެ.

މިއީ ޒަކާތުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އާންމުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އިތުބާރު ހުރި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުން ހިފައިގެން، ޒަކާތް ދެއްކުމުގެ ކަންކަން ފަސޭހަ، ދެފުށް ފެންނަ އަދި ހަލުވި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަކީ ޒަކާތު ހައުސްގެ އަމާޒެކެވެ. އަވަސް އެންޓަޕްރައިސަސްއާއެކު ވެވުނު މި ބައިވެރިވުމަކީ، ޝަރުޢީ ހަމަތަކުގެ މަތިންނާއި އާންމުންގެ އިތުބާރު ދަމަހައްޓަމުން، ޒަކާތް ބަލައިގަތުމާއި ބެހުމުގެ ނިޒާމު ޒަމާނީ ކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ގެންގުޅޭ ތަޞައްވުރު ރަމްޒުކޮށްދޭ ކަމެކެވެ. ޒަކާތުގެ ޚިދުމަތްތަކަކީ ބޭނުންކުރަން ފަސޭހަ އަދި އެންމެންނަށް ބައިވެރިވެވޭ ޚިދުމަތްތަކަކަށް ހެދުމަށާއި، ޒަކާތުގެ ފައިސާ ވަގުތުން ބަލައިގަނެ، ޒަކާތުގެ ބެހެނިވެރީންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ޒަކާތު ހައުސްއިން ދަނީ އައު އީޖާދީ ހައްލުތަކާއި އިސްތިރާޖީ ގުޅުންތައް ގާއިމުކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް