ކުލިނިކުތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ދިނުމަށް ނިންމާފައި ވާކަމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފިއެވެ.
އެންސްޕާއިން ރޭ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ކުލިނިކުތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ ލޮލުގެ ޑޮކްޓަރުން ދޭ ސިޓީތަކަށް އައިނު ހެއްދުމަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައި ވާކަމަށެވެ.
އެންސްޕާއިން ބުނީ، މިކަން ތަންފީޒު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އުސޫލުތައް އެކުލަވާލައި، އަންނަ މަހުގެ 15އިން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އާސަންދައިން މީގެ ކުރިން އައިނު ހެއްދުމަށް ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީއެކެވެ. އެހެންނަމަވެސް މި އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
މީގެ އިތުރުން، އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ސަރުކާރުން ވަނީ ހިލޭ އައިނު ހެއްދޭ ގޮތަށް ކުލިނިކުތަކެއްވެސް ހުޅުވާފައެވެ.
![]()
