ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެއެވެ. ގިނަދުވަސްވީ ބައެއް އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދެވި ޚާލިދާ ޒިޔާ، އަންގާރަ ދުވަހު ހެނދުނު 6 ޖެހިއިރު އަވަހާރަވިއިރު އުމުރު ފުޅަކީ 80 އަހަރެވެ.
ވިހިއަހަރުގެ މުއްދަތަކަށްފަހު 1991ވަނަ އަހަރު ބަންގްލާދޭޝްގައި ބޭއްވުނު ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބް ކާމިޔާބް ކުރެއްވުމުން އެކަމަނާ ވެފައިވަނީ އެގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށެވެ.
ޚާލިދާ ޒިޔާ ވަޑައިގެންނެވީ ތަފާތު އެތައް އާލާސްކަންފުޅަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އެކަމަނާގެ ހާލުކޮޅު ވަރަށް ބޮޑަށް ”ކްރިޓިކަލް“ ވެފައިވާ ކަމަށް ޑޮކްޓަރުން ހޯމަދުވަހު ބުނެފައި ވެއެވެ.އެއާ އެކު ލައިފް ސަޕޯޓް އަށް ލެވިފައިވީނަމަވެސް، އާންމު ސިއްހަތު ވަރަށް ބޮޑަށް ދަށްވެފައިވުމާއި، ދޮށީ އުމުރުފުޅުގެ ސަބަބުންނާއި އާލާސްކަންފުޅު ތަކުގެ ބާވަތުން އެއްފަހަރާ ގިނަފަރުވާ ދިނުން ދަތިވި ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.
ޚާލިދާ ޒިޔާ ގެ ސިއްހީހާލަތު ވަރަށް ދަށްވެފައި ވުމާއި އެކުއެކުވެސް އެކަމަނާގެ ޕާޓީން ވަނީ ފެބްރުއަރީ މަހު އޮންނަ އިންތިޚާބްގައި އެކަމަނާ ވާދަ ކުރައްވާނެކަން މީގެ ކުރިން އިއުލާން ކޮށްފައެވެ. ފެބްރުއަރީމަހު ބާއްވާ އިންތިޚާބަކީ ކުރީގެ ބޮޑުވަޒީރު ޝޭޚް ހަސީނާ،އާންމުން މުޒާހަޒާކޮށް މަގާމުން ދުރުކުރި ފަހުން ބާއްވާ ފުރަތަމަ އިންތިޚާބެވެ.
ޚާލިދާ ޒިޔާ އަވަހާރަވި ޚަބަރު ލިބުމާއި އެކު އެކަމަނާގެ ސަޕޯޓަރުންވަނީ ޑާކާގައި ހުންނަ، އެކަމަނާ ފަރުވާ ހޯއްދަވަމުން ވަޑައިގެންނެވި ހޮސްޕިޓަލް ދޮށަށް އެއްވާން ފަށާފައެވެ.އަދި ބައެއްމީހުން ހޮސްޕިޓަލްގެ އެތެރެޔަށް ވަނުމަށްވެސް މަސައްކަތް ކުރިކަމަށާ ނަމަވެސް ސަލާމަތީ ބާރުތަކުން އެކަން ހުއްޓުވަމުން ދާކަމަށް ޚަބަރު ލިބެއެވެ.
ޚާލިދާ ޒިޔާ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ބަންގްލާދޭޝްގެ ކުރީގެ ރައީސް ޒިއާއުއްރަހްމާންގެ އަނބިކަނބަލުން ގެ ހައިސިއްޔަތުންނެވެ.އޭގެ ފަހުން 1981 ވަނަ އަހަރު ގެނެވުނު މިލިޓަރީ އިންގިލާބެއްގައި ޒިއާއުއްރަހްމާން އަވަހާރަ ކޮށްލުމާއި ގުޅިގެން އެކަމަނާ ސިޔާސީ މައިދާނަށް ނިކުމެވަޑައިގެން ބީއެންޕީ ޕާޓީގެ ލީޑަރަށް ވެވަޑައިގެންނެވިއެވެ.އޭގެ ފަހުން
ބަންގްލާދޭޝްގެ ސިޔާސީ މައިދާނުގައި އިސް ދައުރެއް އަދާކުރައްވަމުން ވަޑައިގެންނެވި ނަމަވެސް އެކަމަނާގެ މައްޗަށްވެސް ވަނީ ކޮރަޕްޝަން އާއި ފަސާދައިގެ ބޮޑެތި ތުހުމަތު ތަކެއް ކުރެވިފައެވެ.އަދި 2018 ވަނަ އަހަރު އެކަމަނާ ޖަލަށް ލެވިފައި ވެއެވެ.
ޚާލިދާ ޒިޔާގެ ދަރިކަލުން ޠާރިޤް ރަހްމާން ވަނީ 17 އަހަރަށް ފަހު މިދިޔަ ހަފްތާގައި ގައުމަށް އެނބުރި ވަޑައިގެންފައެވެ.އެއާއެކު ދެން އޮންނަ އިންތިޚާބް ބީއެންޕީން، ޠާރިގް ކާމިޔާބް ކުރައްވާނެ ކަމަށް ދަނީ ބެލެމުންނެވެ.
![]()
