މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް ގެ މައްޗަށް މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގގެ އިތުރު ދަޢުވާތަކެއް ސާބިތުވާކަމަށް އެގައުމުގެ ކޯޓަކުން ކަނޑައަޅައި އިތުރު 15 އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މުޅި މެލޭޝިޔާގެ ތާރީޚުގައި ވެސް ހިންގި އެންމެ ބޮޑު ޚިޔާނާތުގައި،އެގައުމުގެ ސޮވްރިން ފަންޑް ކަމަށްވާ ވަން-މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދް (ވަންއެމްޑީބީ)ގެ ފައިސާގެ ތެރެއިން 569 މިލިޔަން އެމެރިކާ ޑޮލަރުގެ ޚިޔާނާތާއި މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވެ، 2022ވަނަ އަހަރުން ފެށިގެން ނަޖީބް މިހާރުވެސް ގެންދަވަނީ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ނަޖީބްގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ޙުކުމުގެ ދެބައިކުޅަ އެއްބައި އެ ޤައުމުގެ ރަސްގެފާނު މިދިޔައަހަރު ވަނީ މަޢާފުކޮށްދެއްވާ ފައެވެ.
ވަންއެމްޑީބީ މަސްއަލައިގެ އިތުރުން، ޚިޔާނާތުގެ ތަފާތު ހަތަރު ދަޢުވާއަކާއި މަނީލޯންޑަރިންގގެ 21 ދަޢުވާއެއް ވަނީ އުފުލައިފައެވެ. މީގެތެރެއިން ޝަރީއަތް ނިންމާ ހުކުރު ދުވަހު ހުކުމް އިއްވާފައިވަނީ ހަތަރު މަސްއަލަ އަކަށެވެ. ހަތްއަހަރުވަންދެން ކުރިޔަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުން ތަކުގައި 76 ހެކިންނާއި ސުވާލުކޮށް މައުލޫމާތު އެއްކޮށްފައިވެއެވެ.
ނަޖީބް ރައްޒާޤް އާއި ދެކޮޅަށް ހުށަހެޅިފައިވާ ދައުވާތަކުގެ ތެރެއިން ކޮންމެ ދަޢުވާއަކަށް 15 އަހަރާއި 20 އަހަރުގެ ޖަލު ޙުކުމެއްގެ އިތުރުން ޚިޔާނާތްތެރިވި ޢަދަދުގެ ފަސް ގުނައަށްވާ ޖޫރިމަނާއެއް ނަޖީބްގެ މައްޗަށް އިއްވާނެއެވެ. އަދި މަނީ ލޯންޑަރިންގ ގެ ކޮންމެ ދައުވާއަކަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވާނެއެވެ.
އެ ޚިޔާނާތާ ގުޅުވައި ކުރަނީ ސިޔާސީ ދަޢުވާތަކެއްކަމަށް ނަޖީބްގެ ދިފާޢުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިނަމަވެސް، ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ނަޖީބް ބޭނުންކުރެއްވިކަމަށް ހުށަހެޅުނު ހެކިތަކާއި ދަލީލްތަކުން ސާފުވާކަމަށް، ޙުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވިއެވެ.
ހޯމަދުވަހު ނަޖީބް ރައްޒާގްވަނީ ހުކުމުގެ ބާކީބައި ގޭބަންދުގައި ބައްހައްޓާދިނުމަށް އެދިވަޑައިގެންފައެވެ.ނަމަވެސް ކޯޓުންވަނީ އެކަން އެގޮތަށް ނުކުރެވޭނެކަމަށް ނިންމާފައެވެ.
ވަން އެމްޑީބީ ޚިޔާނާތުގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި ގައުމުގެ ރައުސްމާލުން 4.5ބިލިއަން ޑޮލަރުވަނީ ނަޖީބް އާއި އޭނާގެ ގާތް އެކި ފަރާތްތަކުގެ އެކައުންޓް ތަކަށް ޓްރާސްފަރ ކޮށްފައެވެ.
ނަޖީބް ރައްޒާގެ އިތުރުން އޭނާގެ އަނބިކަނބަލުން ރޮސްމާ މަންސޫރުގެ މައްޗަށްވެސް ވަނީ ރިޝްވަތުދިނުމުގެ ކުށް ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް ރޮސްމާވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފައެވެ.
![]()
