ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމަށް އެންމެ ކުރީގައި ދެން ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ސިޔާސީ އިސް ފަރާތެއް ކަމަށްވާ ޠާރިޤް ރަޙްމާން 17 އަހަރު ޤައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފިއެވެ.
އުމުރުން 60 އަހަރުގެ ޠާރިޤް ރަޙްމާން އަކީ އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުންނެވެ. އަދި ބާރުގަދަ ޒިޔާ ޚާއްދާނުގެ އިސްފަރާތެކެވެ. ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަމުގައި، މަނީ ލޯންޑަރިންގއާ ގުޅޭ ދައުވާއަކާއި ބޮޑުވަޒީރު އަވަހާރަކޮށްލަން ރޭވުމާ ގުޅޭ މައްސަލައެއް، އޭނާގެ ޣައިރު ހާޒިރުގައި އޭނާއާ ދެކޮޅަށް ސާބިތުވެފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ޙަސީނާގެ ވެރިކަން ވެއްޓުމާއެކު ކޯޓުގެ ނިންމުންތައް ވަނީ ބާޠިލްކޮށްފައެވެ.
2008ވަނަ އަހަރު ލަންޑަނަށް ބަދަލުވެވަޑައިގެންނެވުމަށްފަހު، 2018ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީގެ ޗެއަރމަންގެ ގޮތުގައި ޕާޓީ ހިންގަވަމުންގެންދަވާ ޠާރިޤަށް ޤައުމަށް އަނބުރާ ވަޑައިގަތުމަށް މަގުފަހިވެގެން ދިޔައީ ދައުވާތައް ބާތިލުކުރުމާއި ގުޅިގެންނެވެ. ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ތެރޭގައި ބާއްވާ ބަންގްލަދޭޝްގެ އިންތިޚާބުގައި ޠާރިޤް ގެ ޕާޓީން ވާދަކޮށް، ބޮޑުވަޒީރުގެ މަޤާމަށް އޭނާ ހޮވިވަޑައިގަންނަވާނެ ކަމަށް ދަނީ ބެލެމުންނެވެ.
ޠާރިޤު ޤައުމަށް އެނބުރި ވަޑައިގަތުމާއެކު ވައިގެ ބަނދަރުން ފެށިގެން އޭނާއަށް މަރުހަބާ ކިޔުމުގެ ހަފްލާ އޮތް ސަރަޙައްދާ ހަމައަށް އޭނާއަށް ތާއީދު ކުރާ އެތައް ހާސް ބަޔަކު މަގުމައްޗަށް ނިކުމެ އޭނާއަށް މަރުހަބާ ކިޔާފައިވެއެވެ. މަރުހަބާ ކިޔުމުގެ ހަފްލާއަށް ހާޒިރުވެ ތިބި މީހުންނާ މުހާތަބުކުރައްވައި ޠާރިޤު ވިދާޅުވީ ހުރިހާ ދީނެއްގެ ހުރިހާ އެންމެން އެއްގަލަކަށް އަރުވާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން އޭނާ ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. ޤައުމަށް މިވަގުތު ބޭނުންވަނީ ޞުލްޙަ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޠާރިޤު ޤައުމަށް އެނބުރި ވަޑައިގެންފައި މިވަނީ ބަންގްލަދޭޝްގައި ހަމަނުޖެހުމާއި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އޭނާ އެނބުރިވަޑައިގެންނެވުމާއިއެކު ބަންގްލަދޭޝްގެ ދިމުޤުރާތީ ނިޒާމަށް ހެޔޮ ބަދަލްތަކެއް އަންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.
ޠާރިޤު ރަހުމާން ގައުމަށް އެނބުރި ވަޑައިގެންފައި މިވަނީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަމާދެކޮޅަށް އާންމުން ނިކުމެ މުޒާހަރާ ކުރުމުގެ ސަބަބުން އެކަމަނާ އިސްތިއުފާދެއްވަން މަޖްބޫރު ކުރުވާފައި ވަނިކޮންނެވެ. އެއާއެކު ގައުމުގައިވަނީ ވަރަށް ބޮޑަށް ހަމަނުޖެހުން ފެތުރިގެން ގޮސްފައެވެ.
ޝެއިޚް ހަސީނާގެ ވެރިކަމުގައި ޠާރިޤް ރަޙްމާން އާ ދެކޮޅަށް ގިނަ ޖިނާއީ ތަހްގީގް ތަކެއް ފަށައިގެން ކުރިޔަށް ގެންގޮސްފައި ވެއެވެ.
ޝެއިޚް ހަސީނާ މިވަގުތު ހުންނެވީ އަރުވާލެވިގެން އިންޑިޔާގައެވެ.އަދި ކުރިޔަށް އޮތް އިންތިޚާބްގައި ވާދަކުރުމުގެ ފުރުސަތު ވަނީ ބަންދުކޮށްފައެވެ.
މިދިޔަމަހު ބަންގްލާދޭޝް ގެ ކޯޓަކުން ވަނީ ޝެއިޚް ހަސީނާ ގެ މައްޗަށް މަރުގެ ހުކުމްވެސް އިއްވާފައެވެ.އެއީ ސަރުކާރާދެކޮޅަށް މުޒާހަރާކުރި މީހުންގެ ގަޔަށް ފުލުހުން ބަޑިޖަހާ މަރާލި މައްސަލައިގައެވެ.
އދން ބުނެފައިވާ ގޮތުގައި ބަންގްލާދޭޝްގެ މުޒާހަރާތަކުގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން 1،400 މީހުން މަރުވެފައިވެއެވެ.
![]()
