ސައުދީއަރަބިއްޔާ އިން ދޭ އެންމެ މަތީ ”ނެޝަނަލް އޮނަރ“ ޕާކިސްތާންގެ އާމީ ޗީފް އަށް އަރުވައިފި

Loading

December 25, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ސައުދީއަރަބިއްޔާ އިން ދޭ އެންމެ މަތީ ”ނެޝަނަލް އޮނަރ“ ނުވަތަ ގައުމީ ޝަރަފުގެ މެޑަލް، ޕާކިސްތާންގެ ބާރުގަދަ އާމީ ޗީފް، ފީލްޑް މާޝަލް އާސިމް މުނީރު އަށް އަރުވައިފިއެވެ.

މިކަން ފާހަގަކޮށް ޕާކިސްތާންގެ އަސްކަރިއްޔާއިން ބުނެފައިވަނީ ކައުންޓަރ ޓެރަރިޒަމް ފަދަ މުހިންމު ދާއިރާތަކުން ސައޫދީއަރަބިއްޔާ އާއި ޕާކިސްތާންއާއި ދެމެދު، އެއްބާރުލުން އިތުރު ވަމުންދާ މިންވަރު މިކަމުން ހާމަކޮށްދޭ ކަމުގައެވެ.
އާމީ ޗީފް އާސިމް މުނީރުއަށް ރަސްގެފާނުގެ ފަރާތްޕުޅުންދޭ ”ކިންގ އަބްދުލްއަޒީޒް މެޑަލް އޮފް އެކްސެލެންޓް ކްލާސް“ އެރުވުމުގެ ކުރިން، މިދިޔަ ޖޫންމަހު ވަނީ އެ ދެ ގައުމު ދެމެދު މުހިންމު ޑިފެންސް އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ޖޫންމަހު ސައޫދީއަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅެއްގައި މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ސައޫދީ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާން އަދި ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އެވެ.
މި އެއްބަސްވުމުގެދަށުން، ސައޫދީއަރަބިއްޔާއިން ބޭނުންވެއްޖެ ހާލަތެއްގައި ޕާކިސްތާންގެ ނިއުކްލިއަރ ޕްރޮގްރާމް ބޭނުންކުރުމުގެ ފުރުސަތު ސައޫދީއަރަބިއްޔާ އަށް ލިބިދެވޭނެ ކަމުގައި ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރ ޚުވާޖާ މުހައްމަދު އާސިފް ސެޕްޓެމްބަރު މަހު ވިދާޅުވެފައި ވެއެވެ.
އާމީ ޗީފް، ފީލްޑް މާޝަލް އާސިމް މުނީރު އާދީއްތަ ދުވަހު ސައޫދީ އަށް ކުރެއްވި ދަތުރު ފުޅަށްފަހު އެހެން ބައެއް އިސްލާމިކް ގައުމުތަކަށްވެސް ދަތުރު ކުރައްވާފައި ވެއެވެ. ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސަސްގެ މަގާމަކީ އާމީ ނޭވީ އަދި އެއާފޯސް ގެ ގުޅުންތައް ވަރުގަދަ ކުރުމަށްފަހު އަލަށް އުފެއްދި މަގާމެކެވެ.
އާސިމް މުނީރަށް މަގާމުގެ ކުރިއެރުން ލިބިފައިވަނީ މިއަހަރުގެ ކުރީކޮޅު އިންޑިޔާ އާއި ޕާކިސްތާނާދެމެދު ހިނގި ކުރިމަތިލުންތައް ނިމުމަކަށް ގެނައުމަށް އޭނާ އަދާކުރެއްވި ރޯލަށް ފަހުއެވެ.

ކަޝްމީރުގެ އިންޑިޔާއިން ކޮންޓްރޯލް ކުރާ ފަޅިގައި ހަރަކާތްތެރިވަމުން ދިޔަ 26 ޓުއަރިސްޓުން ބަޑިޖަހާމަރާލުމާއި ގުޅިގެން އިންޑިޔާއިން ތުހުމަތު ކުރީ އެއީ ޕާކިސްތާންގެ ޓެރަރިސްޓުން ހިންގި އަމަލެއް ކަމުގައެވެ. މިއާއިއެކު އިންޑިޔާއިންވެސްވަނީ ޕާކިސްތާނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. ދެފަރާތުން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެ، ކުރެއްވި މަޝްވަރާތަކަކަށް ފަހުއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް