އަހަރެން އެކަނި ބްރިޖް ހައިވޭއަށް ދޫކޮށްލާފައި އެމީހުން ދިއުމުން…

Loading

December 15, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އެއީ ހޫނު ގަދަ ދުވަހެކެވެ. މީޓަރުން ދައްކާގޮތުގައި 110ޑިގްރީ އަށް ހޫނު އަރައެވެ.

އަހަރެންގެ ދަރިފުޅު ޑެނިއަލް އާއި އޭނާގެ އަންހެނުން މެލިއްސާ ރޭވީ އެދުވަހު ޕިކްނިކް ގޮސްލުމަށެވެ. ދަނީ ވަރަށް ދުރަށް ކަމުން މޫދަށް އެރިލާ ހެދުމަށްފަހު ކައިރި ހޮޓަލަކުން ފެންވަރައިގެން ރޭގަނޑު ގެޔަށް އައުމަށް ރޭވިއެވެ.

އަހަރެން ކައިރީވެސް ދެ ހެދުމަކާ ތުވާއްޔާ އެހެންވެސް ބޭނުންވާނެ އެއްޗެތި ކުޑަފޮއްޓަކަށް އަޅާ ތައްޔާރު ވުމަށް އެމީހުން ބުންޏެވެ.އަހަރެންވެސް ވަރަށް އުފަލުން ތައްޔާރު ވެލީމެވެ.

ކާރުގަ ޑެނިއަލްއާއި މެލިއްސާ އެމީހުންގެ ދަރިފުޅު އީމާ ގޮވައިގެން ކުރީގަ ތިބި އިރު އަހަރެން އިނީ ފަހަތުގައެވެ. ކާރު ދުއްވަމުން ގޮސް ގަޑިއެއްހާއިރު ދުއްވުމަށްފަހު ބްރިޖް ހައިވޭ ގެ އެއްފަރާތަށް ކާރު މަޑުކޮށްލުމުން ކިހިނެއްވީތޯ އަހަރެން ސުވާލުކޮށްލީމެވެ. މީގެ ޖަވާބު ދެމީހުން ކުރެ އެކަކުވެސް ނުދެއެވެ. އިރުކޮޅަކުން މެލިއްސާ އަހަރެންނާ ދިމާލަށް ބުންޏެވެ. ފޮށިހިފައިގެން މިތަނަށް ފައިބާށެވެ. އަހަރެން ބުނާނެ އެއްޗެއް ނޭގި އާގަމަވެފަ އިންދާ މެލިއްސާ ކާރުން ފައިބައިގެން އައިސް ކާރުގެ ފަހަތު ދޮރު ހުޅުވާފަ ނިކުތުމަށް އަމުރު ކުރިއެވެ.

އަހަރެން ހަދާނެ ގޮތެއް ނޭގިގެން ދަރިފުޅު ޑެނިއަލް އާއި ދިމާލަށް ބަލާލީމެވެ.އޭނާ ކާރުގެ ހުންގާނުގަ ބާރަށް ހިފަހައްޓާލައިގެން ކުރިމައްޗަށް ބަލަހައްޓާއިގެން ހަމަ އެކައްޗެއްވެސް ނުބުނެ އިނެވެ. އެހޫނަށް ނުފައިބަން ވެގެން އަހަރެން އެކި ސުވާލު ކުރަންފެށީމެވެ. ބަހަނާ ދެއްކީމެވެ.މީގެ ޖަވާބުގައި މެލިއްސާ ބުނީ ދަރިފުޅު އީމާ މަސަލަސް ނުވެގެން އުޅޭ ކަމަށާ މަސަލަސް ވުމުން އަހަރެން ބަލާ އަންނާނެ ކަމަށެވެ. މިއީ ހަމަޖެހޭ ވާހަކައެއްނޫންކަންވެސް އެނގެއެވެ.

ހަދާނެ އެހެން ގޮތެއް ނެތިގެން މަޑުމަޑުން އަހަރެން ކާރުން ފޭބީމެވެ. ހޫނު ގަދަކަމުން ހީވަނީ އަބުރައިގަނެދާނެ ހެންނެވެ.އަހަރެން އަތުގަ ފެން ފޮދެއްވެސް ނެތެވެ. ފޯނުގެ ޗާޖް ހުސްވަނީ އެވެ. އެހާލުގައި އަހަރެން ދޫކޮށް ކާރު ދުއްވާލިވަގުތު އަހަރެން ޑެނިއަލް އަށް ބަލާލުމުން ހިނދު ކޮޅަކަށް އަހަރެން ގެ ކުޑަކުޑަ ދަރިފުޅު އަހަރެންނަށް ފެނުނެވެ. ބަގީޗާއިން މާ ބިނދެގެން އަހަރެންނަށް ގެނެސްދޭ ދަރިފުޅެވެ. އަދި އަބަދުވެސް މަންމަ ކައިރީ ހުންނާނެކަމަށް ވައުދުވާ އަހަރެންގެ ލޯބިވާ ދަރިފުޅެވެ.ނަމަވެސް އެހިނދުކޮޅު ދާދި އަވަހަށް ހިނގައްޖެއެވެ.އޭގެ ބަދަލުގައި އިނީ އަންހެނެއްގެ ހެއްލުމުގައި ޖެހި މުސްކުޅި މަންމަގެ މައްޗަށް ރަހުމެއް ކުރަން ބޭނުންނުވި ބޮޑު ފިރިހެނެކެވެ. އަހަރެން ”ވައްޓާލުމަށްފަހު“ ކާރު އެދިޔަގޮތަށް ދިޔައީއެވެ.

އަހަރެން ފޯނަށް ބަލާލިއިރު ކޯލެއް ކުރާވަރަށްވެސް ފައިސާއެއްވެސް ނެތެވެ.އެހެން ކަމުން އަހަރެން ގުޅީ އެމްބިއުލައިންސް އަށެވެ. އަހަރެން ހުރިތަނެއް ބުނެނުދެވިގެން އުޅެނިކޮށް ފޯނު ކެނޑިއްޖެއެވެ.ހޫނުގަދަކަމުން އެވަގުތު އަހަރެންގެ ހެޔަށްވެސް ގޮތްވިއެވެ.

ބްރިޖް މަތިން އާންމުގޮތެއްގައި އެމްބިއުލައިންސްއަށް ގުޅަނީ އެކްސީޑެންޓް ވެގެން ކަމުން އެމީހުން ލޮކޭޝަން ހޯދައިގެން ދާދި އަވަހަށް އައިއިރު އަހަރެން އޮތީ މަގުގެ އެއްފަރާތަށް ވެއްޓިފައިކަމަށް އެމީހުން ބުންޏެވެ.އަވަސްއަވަހަށް އަހަރެންގެ ވައިޓަލްސް ބެލުމަށްފަހު ދޭންވާ ފަރުވާއެއް ދެމުން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ދެދުވަހު ހޮސްޕިޓަލުގައި އޮތްއިރު ވެސް އެއިން މީހަކު އަހަރެންކޮބާތޯ ބަލާވެސް ނުލައެވެ. އުމުރުން ދުވަސްވެފައިވުމުން ސޯޝަލް ސެކިއުރިޓީގެ ދަށުން އަހަރެންގެ ބޭހާއި ކެއުން އަހަރެންނަށް ލިބުނެވެ. އަހަރެން މަރުވަންޏާ މަރުވާން އެމީހުން ދޫކޮށްލީ ކޮންމެހެން އަހަރެންނަކީ އެމީހުންނަށް ބުރަޔަކަށް ވާތީއެއް ނޫނެވެ.އަހަރެންގެ ގޭގެ ބޭނުމުގައިކަން ފަހުން އަހަރެންނަށް ވިސްނުނެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން އެމްބިއުލައިންސްގައި އަހަރެން ގެޔަށް އައުމުން އެމީހުން ފާޑަކަށް ތިއްބެވެ. އަދި ޓެކްސީއެއް ނަގައިގެން އަންނަން އިނގޭނެ ކަމަށް ހީކުރި ކަމަށް ބުންޏެވެ.އަހަރެން ދިޔައީ ކޮންތާކަށްތޯ ވީ ކިހިނެއްތޯ މިއިން ސުވާލެއް ނުކުރެއެވެ.

އެރޭ ބަދިގޭ މޭޒުކައިރީގައި ސައިތައްޓެއް ހިފައިގެން އިނދެ އަހަރެން ވަރަށް ވިސްނީމެވެ. އެމީހުންގެ ހަޔާތުގައި އަހަރެން ހިމަނަން ބެނުން ނޫންނަމަ އަހަރެންގެ އެއްޗެއް އެމީހުންނަށް ހައްގެއް ނުވާނެއެވެ.

އަހަރެން ވަރަށް ވިސްނުމަށްފަހު ގޮތެއް ނިންމީމެވެ. އަދި އަނެއް ދުވަހު ހެދުނު ވަކީލުގެ އޮފީހަށް ގޮސް އަހަރެން ރޭވި ޕްލޭން ކުރިޔަށް ގެންދިއުމަށް ހުރަހެއް އޮތްތޯ ބެލީމެވެ.އޭނަޖަވާބުދިނީ ނެތް ކަމުގައެވެ. އަހަރެން ނިންމީ އެގެ، އަނިޔާލިބޭ އަންހެނުންނަށް ހިޔާވަހިކަންދޭ ޝެލްޓަރ އަކަށް ބަދަލު ކުރުމަށް ޝަރުތު ކޮށް ވިއްކާލުމަށެވެ. އަދި ލިބޭ ފައިސާއިން އަހަރެން ވަކިން ތަނެއްގަނެ، އައު ހަޔާތެއް ފެށުމަށެވެ.

އަނެއްދުވަހު ހެނދުނު ޑެނިއަލް އަހަރެންނަށް ގުޅުމަށްފަހު ގެއަށް އައު ފަރުނީޗަރު ހޯދަން މެލިއްސާ ބޭނުން ކަމަށާ މިންނަގަން ބޭނުން ކަމަށް ބުންޏެވެ. ކުރިންނަމަ މިފަދަ ވާހަކައެއް އަޑު އިވިއްޖެ ނަމަ އަހަރެން މޭތުރުތުރު އެޅީހެވެ. ނަމަވެސް އެދުވަހު އަހަރެން ހުރީ ވަރަށް ހަމަޖެހިފައެވެ. އަދި ބުނީމެވެ. މިގެ މިހާރުވަނީ ވިއްކާލުމަށް އޭޖަންޓަކާ ހަވާލުކޮށްފައެވެ.

ފޯނު ބޭއްވިތާ ދެމިނެޓް ނުވެ އަނެއްކާ ގުޅައިފިއެވެ.ދެމީހުން އެއްތާކު ތިބެގެންނެވެ. އެހެން ނުހެދޭނެ ކަމަށާ ގެޔަކީ އެމީހުންގެ ހައްގެއް ކަމަށް ބުނެ ހަޅޭއްލަވާ އެއްޗެތި ކިއެވެ.ގެޔަކީ ފެމިލީގެ ތަނެއްގެ ގޮތުގައި އަބަދުވެސް ހުންނާނެ ކަމަށް އަހަރެން ވީ ވައުދު ހަނދާން ކޮށްދިނެވެ.އަމިއްލަ ފެމިލީ އަށް ތިޔަހެން ހަދާކަށް ނުވާނެ ކަމަށް ބުންޏެވެ. އަހަރެން ބުނީމެވެ. ކަލޭމެން އަހަރެންނާމެދު ކަންތައް ކުރިގޮތުން ފެމިލީގެ ވާހަކަ ފަށަމާ ހިނގާށެވެ.ކަލޭމެން އަހަރެން މަރުވާން ދޫކޮށްލިއިރު ތިޔަބުނާ ފެމިލީ ކޮބާހެއްޔެވެ. އެދުވަހު އެމްބިއުލައިންސް އަށް އަހަރެން ނުފެނުނު ނަމަ އަހަރެން މަރުވީސްކަން ޔަގީނެވެ. މީހުންނަށް ފެންނާނީ ބްރިޖްމަތީ މަރުވެފައި އޮތް މުސްކުޅި އަންހެނެކެވެ.“

މެލިއްސާ ޑެނިއަލްއާ ދިމާލަށް ބުންޏެވެ. މިއީ ކުރިން ރާވައިގެން ކުޅޭ ކުޅިގަނޑެކެވެ. އަހަރެން ބުނީމެވެ. ރާވައިގެން ވިއަސް ނުރާވާ ވިއަސް އަމިއްލަ މަރަށް އެކަކުވެސް އަމިއްލަޔަށް ހުށަހެޅި ނުގަންނާނެއެވެ. ހޮސްޕިޓަލްގެ ލިއުންތަކުން އެހެރީ އަހަރެންގެ ހާލަތު ފެންނާށެވެ.ޕްރެޝަރުހުރީ މަތިވެގެން ގޮސް ހިތް ހުއްޓޭ ހަމައިގައެވެ. އަހަރެން ބޭނުން ނަމަ ކަލޭމެންނަށް ދައުވާވެސް ކުރެވޭނެއެވެ. އެކަން ނުކޮށް ދޫކުރީމަވެސް ޝުކުރުވެރިވާށެވެ.“  

”ތިޔަކަން ތިހެން ހުއްޓަސް އަހަރުންގެ ގެ ވިއްކުމުގެ ހައްގެއް ނޯންނާނެއެވެ.“ މެލިއްސާ ހަޅޭއްލަވައިގަތެވެ. އަހަރެން އެވަގުތު ބުނީމެވެ.ގެޔަކީ އެއްއިރަކުވެސް ކަލޭމެންގެ ގެއެއް ނޫނެވެ. ގެޔަކީ އަހަރެންގެ އަމިއްލަ ގެޔެކެވެ. ކަލޭމެން އަހަރެންނާމެދު ކަންތައް ތިޔަކުރީ ބޭނުން ވުމުން ގައިން ވަކިކޮށްލެވޭ ފަދަ ބުރައެއް ގަޔާ ވަކިކޮށްލާ ގޮތަށެވެ. އެހެން ވީއިރު އަހަރެންވެސް ބޭނުންވުމުން ކަލޭމެން އަހަރެންގެ ގައިން ވަކިކޮށްލެވޭނެ ނޫންހެއްޔެވެ؟“

އަނެއްދުވަހު އަނެއްކާވެސް އަހަރެންގެ ކުރިމައްޗަށް އައިސް އަހަރެންގެ ހިޔާލް ބަދަލު ވޭތޯ އައު ގޮތަކަށް ވާހަކަ ގެންދިޔައެވެ. އެވަގުތު މެލިއްސާ ބުންޏެވެ.“މިގެޔަކީ އީމާގެވެސް ހައްގެއް ނޫންހެޔެވެ.“ އެވަގުތު އީމާ އަހަރެން ގާތަށް އަންނަން އަތް ދިއްކޮށްލިއެވެ.ނަމަވެސް މެލިއްސާ ވަރަށް ބާރަށް ކުއްލި އަކަށް އެކުއްޖާފުޅު ދުރަށް ލިއެވެ. އަތަށް ތަދުވާވަރަށް ދަމައިގަނެފައެވެ. ޑެނިއަލް ހިމަވެފައި އެއްޗެއް ނުބުނެ ހުއްޓެވެ. އަހަރެން ބުނީމެވެ. އީމާއަށް ކަލޭމެން ތަރުބިއްޔަތު ދޭގޮތް ތިޔަފެންނަނީ އެވެ. ކަލޭމެން އީމާއަށް ގެޔަކާމެދު ވިސްނުމުގެ ކުރިން އެކުއްޖާގެ ޝަހުސިއްޔަތު ބިނާވަމުން އަންނާނެ ގޮތާމެދު ވިސްނުން މާބުއްދިވެރިވާނެއެވެ. ހަގީގަތުގައި އެކުއްޖާ އަށް އަހަރެން ހަމްދަރުދީވަމެވެ. އޭނަޔަށް ހަގީގީ ލޯބިދޭން މިއަދުހުރި މާމަޔާ ދުރުގައި،ތިޔަފަދަ ނުލަފާ، ހިތުގައި ރަހުމެއް އަމުދުން ނެތް ދެމީހުންގެ ބެލުމުގެ ދަށުން ބޮޑުވާން ދިމާވީތީއެވެ.“

އޭގެ ދެހަފްތާ ފަހުން އެބޮޑުގެ ވިކިއްޖެއެވެ. އަހަރެން މާދުރުން އެހެން ކުޑަގެޔެއް ގަނެގެން އެތަނަށް ބަދަލުވީމެވެ.

އަހަރެންގެ އައު އަވަށްޓެރިންނާއި އެހެންވެސް ކޮންމެ ދުވަހަކު ދިމާވާ މީހުން އަހަރެންނަށް ރަހުމު ކުރެއެވެ. އަޅާލައެވެ.ލޯބިދެއެވެ.އަހަރެންގެ ފަރާތުން އެއްޗަކަށް އެދުމެއްނެތިއެވެ. އަހަރެންވަނީ ކޮމިއުނިޓީ ސެންޓަރެއްގައި ވޮލަންޓިއަރ މަސައްކަތްވެސް ކުރަން ފަށާފައެވެ. މިއަދު ”އާއިލީ“ ލޯތްބަކީ ވަކިޝަރުތު ތަކެއް ފުރިހަމަ ވުމުން ލިބޭ އެއްޗެއް ނޫނެވެ. ކުރިން އަހަރެންނަށް ފެނުނު ގޮތުގައި މަންމަ އަކީ އިހާނެތި ކަންކަން ބަރުދާސްތު ކޮށްގެން އިންނަން ޖެހޭ މީހެކެވެ. ނަމަވެސް މިއަދު އިހާނެތި ކަންކަމާ ކުރިމަތިލާން ނުޖެހިވެސް ”މަންމަ“ އަކަށް ވަނީވެވިފައެވެ.  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް