ެޭއޭނާވީ ހަގީގީ ލޯބި ނޫންކަން އެނގުނީ މާސްކް ވެއްޓުމުންނެވެ.

Loading

December 10, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އަހަރެންގެ ނަމަކީ އިލެއިން އެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ހަޤީޤީ ލޯތްބަކީ ކޮންމެ ފަދަ ހާލަތެއް މެދުވެރިވި ނަމަވެސް އެއަށް އުނިކަމެއް ނާންނާނެ އިހުސާސެކެވެ.

އަހަރުމެންގެ ކުޑަކުޑަ އާއިލާ ތައްޔާރުވަމުން މިދަނީ އަހަރުމެންގެ ހުރި އެންމެ ދަރިފުޅު ޖޭކަބް ގެ ކައިވެންޏަށެވެ. މިކަމާ އުފަލުންގޮސް އަހަރެންގެ މޭގެ ތެރޭގައި ކުދިބޮކި ޖަހާކަހަލައެވެ.މޭ ހުންނަނީ ތެޅިތެޅިއެވެ.

މީގެ ދެމަސްދުވަސް ކުރިން ދަރިފުޅު އަހަރެންނަށް ގުޅާފަ ،މަންމާ އަހަރެން ލޯބިވާ އަންހެނަކާ ބައްދަލްވެއްޖެޔޭ،އޭނާގެ ނަމަކީ ލީލާއޭ، އަހަރެން އޭނާއާ ކައިވެނިކުރަން ބޭނުމޭ ބުނިދުވަހުން ފެށިގެން ޖޭކަބްގެ ބައްޕައާއި އަހަރެން މިދަނީ އުފާވެރި ކައިވެންޏަށް ތައްޔާރުވަމުންނެވެ.

އެދުވަހު ”ލީލާ“ މިނަން ދަރިފުޅު ގެ ދުލުން ކިޔާލި ގޮތުންވެސް އޭނާގެ ހިތުގެ ހާލަތު އަހަރެންނަށް އިހުސާސްކުރެވުނެވެ. ލުއިލުއިކޮން އެނަން ކިޔާލިގޮތުން އަހަރެންނަށްވެސް ޚާއްސަ އުފާވެރިކަމެއް ގެނުވިއެވެ.

އޭގެ އެއްހަފްތާފަހުން ރޭގަނޑުގެ ކެއުމަކަށް ލީލާ ގޮވައިގެން ޖޭކަބް ގެޔަށް އައުމުން ލީލާދެކެ އޭނާ އެހާވަރަށް ލޯބިވީ ސަބަބު އަހަރެންނަށް ފެނުނެވެ. މަޑު މުށިކުލައިގެ ދެލޮލާއި އަދި ބޮޑެތި ބުޅިތަކެއްލާފައިވާ މަޑުމަޑު، ކޮނޑާހަމަޔަށް އަންނަ އިސްތަށިކޮޅު އަދި އެލޯބިލޯބި ހިނިތުންވުމަކީ ކޮންމެ ފިރިހެނެއްގެވެސް ހިތް ދަމައިގަންނަފަދަ ސިފަތަކެކެވެ. އަހަރެންގެ ރުހުން ހޯދަންވެސް ލީލާ ހިއްވަރެއް ލީކަންފާހަގަވިއެވެ.ކައިނިމުމުން ހަޑިތަށިތައް ނަގާ ހެދުމަށް އަހަރެން ނުބުނަނީސް އެހީތެރިވެދިނެވެ.އަދި ތިންވަނަ ބައްދަލްވުމުގައި އަހަރެންނަށް މަންމަ ކިއެވެ. އަދި މަންމާ އޭ ކިޔާފަ ގޮވާލާނެ މީހަކު އޭނާއަށް އެންމެ ފަހުން ލިބުނީ ކަމަށް ލޯބިކޮން ހީލަމުން ބުންޏެވެ.އަހަރެންވެސް އެންމެ ފަހުން އަހަރެންނަށް އަންހެން ދަރިއަކުވެސް ލިބުނީ ކަމަށް ބުނީމެވެ.

އެދުވަހުގެ ފަހުން އަހަރުމެން ދެމީހުން ވަނީ ވަކިނުވެވޭހާ ގާތްވެފައެވެ. ކައިވެނީގެ ކަންކަމުގައި ދަންގަޑީގައިވެސް އެކަކު އަނެކަކަށް ގުޅާލުމާއި، ޕާޓީއަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމަކުރުމާއި އަދި އެންމެ ފަހުން ވެޑިންހެދުން ގަންނަން ގޮސް އޭނަ ހިތްހަމަޖެހޭ ހެދުމެއް ފެނުމުންވެސް އެންމެ އުފާވީ އަހަރެންނެވެ.

ކައިވެނީގެ ދުވަސް އަތުވެއްޖެ އެވެ. ޖޭކަބްގެ ބައްޕަ ޖެރާލްޑް އަކީ ބޮޑު ފައިސާވެރިއެއްކަމުން ޕާޓީއަށް  ތައްޔާރުވެފައިވަނީ ވަރަށް ފުރިހަމަ އަށެވެ. ހުދު ފިނިފެންމަލުގެ ބޮކޭތަކާއި އަލިގަދަ ބޮކިތަކުން ކައިވެނީގެ ހޯލް ވަނީ ފުރިހަމަ ކޮށްފައެވެ.

އެރޭ ޕާޓީ އަށް ހުރިހާ މެހްމާނުންހެން އައިސް ގޮޑިތަކުގައި އިށީދެ ހަމަ ޖެހިފައިވަނިކޮށް ކުއްލިއަކަށް އިވުނީ ބާރަށް ޖޭކަބް ހަޅޭއްލަވައިގަތް އަޑެވެ. ”މިކައިވެނި ކުރިޔަކަށް ނުދާނެއެވެ. ކައިވެނީގެ ކަންތައް ނިމުނީއެވެ.“ އެކި ވާހަކަ ދައްކަމުންދިޔަ ހުރިހާ މެހްމާނުންގެ އަޑު ކުއްލިއަކަށް ކެނޑިގެން ދިޔައެވެ.

އަހަރެން ދުވެފަ ނިކުމެ ދަރިފުޅުގެ ކުރިމައްޗަށް އެރުމަށްފަހު ބުނީމެވެ. ”ދަރިފުޅާ އަނެއްކާ ވީކިހިނެއް ހެއްޔެވެ.؟“ މިހެން ބުނެ އަހަރެން އޭނާގެ އަތުގައި ބާރަށް ހިފާލީމެވެ.އޭނަ ހުރީ އެކަނިނޫންކަން ބުނެދިނުމަށެވެ. އެވަގުތު އޭނަ ލީލާއާއި ދިމާލަށް ބަލާވެސް ނުލައެވެ. އޭނާ ދެލޯބޮޑުކޮށްގެން ބަލަހައްޓައިގެން ހުރީ ލީލާ ހުރި ތަނުގެފަހަތުގައި ހުރި މީހަކާދިމާލަށެވެ. އެއީ ލީލާގެ ބައްޕައެވެ.

ލީލާގެ ބައްޕަގެ ގޮތުގައި ދެއްކިމީހާ އާދަޔާޚިލާފަށް ޒުވާންކަން އަހަރުމެންނަށް އެންމެކުރިންވެސް އޮތީ ފާހަގަވެފައެވެ. އަހަރެން މިކަންބޮޑުވުން ޖޭކަބްގެ ބައްޕައާ ހިއްސާ ކުރުމުން އޭނާބުނީ ބައެއްމީހުން އުމުރުން ދުވަސްވިޔަސް ޒުވާން ކޮށް ތިބޭ ކަމަށެވެ. އޭނާއަކީ އިސްކޮޅުން ދިގު، ވަރަށް ރީތި ސިފައެއްލިބިފައިވާ މީހެކެވެ.

ޖޭކަބް ރުޅިއައިސް ރަތްވެފައި ހުރެ ލީލާގެ ބައްޕައާއި ދިމާއަށް އިގިލި ދިއްކޮށްގެން ހުއްޓެވެ. އަހަރެން އަނެއްކާވެސް ދަރިފުޅުގެ އަތުގައި ހިފާ ތަޅުވާލުމަށްފަހު ބުނީމެވެ. ”ދަރިފުޅާ އަވަހަށް ބުނެބަލާށެވެ. ވީކިހިނެއްހެއްޔެވެ“. އެވަގުތު ޖޭކަބް ބުންޏެވެ.“މިތިބަ ދެމީހުންގެ ހުރި ގޮތްކުޑަކަން ނިކަން ބަލާބަލާށެވެ.އެއީ ބައްޕައަކާ ދަރިފުޅެއް ނޫނެވެ.އެއީ ދެލޯބިވެރިންނެވެ.އަދި ލީލާ އިނީވެސް އޭނަގެ ދަރިއަކަށް ބަލިވެއެވެ.“

މިވާހަކަކޮޅު އިވި ހުރިހާ މެހްމާނުންގެ މެދުގައި ޝޮކްގެ ރޫހެއް ހިނގަން ފެށިއެވެ. މިޔުޒިކް ހުއްޓާލިއެވެ. ލީލާގެ އަތުގައި އޮތް މާބޮނޑި ވެއްޓުނެވެ. އޭރުވެސް ޖޭކަބް ހުރީ ލީލާގެ ބައްޕަ ސްޓީވް އާއި ދިމާލަށް އިގިލި ދިއްކޮށްގެންނެވެ. އަނެއްއަތުން އަހަރެންގެ އަތުގައި ހިފައިގެންނެވެ. ޖޭކަބް ވާހަކަ ކުރިޔަށް ގެންދިޔައެވެ.

”ކައިވެނި ރަސްމިއްޔާތު ގެ ގަޑިޖެހޭތީ އަހަރެން ލީލާ ހޯދަމުން އެކި ކޮޓަރިތައް ބަލަމުން ހިނގީމެވެ.އެވަގުތު ފަރުދާއެއްގެ ފަހަތުގައި ދެމީހަކު ޗުކުޗުކު ލައްވާ އަޑު އިވިގެން ކޮންބައެއްތޯ ބަލާލަން މަޑުކޮށްލިވަގުތު ތިބީ ސްޓީވް އާއި ލީލާއެވެ. އެވަގުތު ސްޓީވް ބުނާއަޑު އިވުނެވެ. ބޭބީ ޖޭކަބް އާ ވައްތަރުނުވެ އަހަރެންނާ ވައްތަރުވެއްޖިއްޔާ ހަދާނީ ކިހިނެއްހެއްޔެވެ؟“ މީގެ ޖަވާބުގައި ލީލާ ބުންޏެވެ. ”ލޯބި ހާސްނުވާށެވެ.އަހަރުންގެ މަގްސަދު ހާސިލްވަންދެން ޖޭކަބް ބަހައްޓާނީ މޮޔަކޮށްލާފައެވެ.ފައިސާ ކޮޅު އަތުގައި ޖެހެންދެން އަހަރެން ހުންނާނީ ވަރަށް ވިސްނައިގެންނެވެ.“ މިހެން ބުނެފަ ލީލާ ސްޓީވް އާ ވަރަށް ބޮޑަށް ގާތްވިތަން އަހަރެންގެ ލޮލުން ދުށީމެވެ.ބައްޕައަކާ ކައިރިވާ ގޮތަކަށް ނޫނެވެ.!!“

ލީލާ އެވަގުތު އޮޅުވާލަން މަސައްކަތް ކުރިއެވެ.“ޖޭކަބް ތިޔަ ކިޔަނީ ކީކޭހެއްޔެވެ.؟“ އަނެއްކާވެސް ޖޭކަބް ހަޅޭއްލަވައިގަތެވެ. ”މިކިޔާއެއްޗެއް ކަލެޔަށް ރަގަޅަށް އެނގޭނެއެވެ.ނުލަފާ އަންހެނާއެވެ.“

އަހަރެންގެ ދުނިޔެ އެނބުރިގެން ދިޔައެވެ. ޖޭކަބްގެ ބައްޕަ ވެސް ރުޅިއައިސް ރަތްވެގެން ލީލާއާއި ދިމާލަށް ހަލޭއްލަވައިގަތެވެ. ”އެއީ ތެދެއްހެއްޔެވެ؟“ ލީލާ ޖަވާބެއްނުދީ ގަނޑުވެފައި ހުއްޓެވެ.

ޖޭކަބްގެ ބައްޕަގެ ބާރު އަޑުއިވިފަ އަހަރެންވެސް ބިއްލޫރި ޝީޓެއް ތެޅުނުހެން ތެޅިގެން ދިޔަ ކަހަލައެވެ. ފައިދޮށަށް ހުރިހާ އެތިކޮޅުތައް ފައިބައިގެން ދިޔައެވެ.

ކުއްލިއަކަށް އަހަރެންނަށް ހޭވެރިކަން އައެވެ.އަދި ޖެރާލްޑްއާއި ދިމާލަށް ބުނީމެވެ. އަވަހަށް ފުލުހުންނާ ގުޅާށެވެ. އިރުކޮޅަކުން އަނެއްކާ ބުނީމެވެ. އަޅާނުލާށެވެ. ފުހުންނާގުޅާނީ އަހަރެންނެވެ. މިހެންބުނެ ދަބަހުން ފޯނުނަގާ ފުލުހުންނާ ގުޅީމެވެ.

އެވަގުތު ލީލާ އާދޭސް ކުރަން ފެށިއެވެ. ”ތިޔަހެން ނުހަދާށެވެ. ފުލުންނާ ނުގުޅާ އަހަރުން ދޫކޮށްލާށެވެ. ތިޔަ ފެމިލީ އަކީ ވަރަށް ފައިސާވެރި ފެމިލީއެކެވެ. އަހަރެންނަށް ފާއިސާ ވަރަށް ބޮޑަށް ބޭނުންވާތީ ކުރެވުނު ކަމެކެވެ.“

މިއާއެކު ޖޭކަބް ބުންޏެވެ. ”ފައިސާ ގެއްލުމަކުން އަހަރެންގެ ފަރުވާލެއް ނެތެވެ. ނަމަވެސް މީހެއްގެ ދަރިއަކު އަހަރެންގެ ބޮލުގައި އަޅުވަން އުޅުން އެއީ އަހަރެން މައާފް ކުރާނެ ކަމެއްނޫނެވެ. ކަލޭގެ ޕްލޭން އަކީ ވިހާފަ ދަރިފުޅު ގޮވައިގެން އަހަރެން ދޫކޮށް ދިއުމެވެ.އަދި ދަރިފުޅަށް ކަމަށް ބުނެ ފައިސާ އަތުލާ އަތުލާ ހުރުންކަން މިހާރު އަހަރެންނަށް އެބައެނގެއެވެ.

އިރުކޮޅަކުން ފުލުހުން އަތުވެއްޖެއެވެ. އަދި އަހަރުން ހުރިހާ ވާހަކައެއް ކިޔާ ދިނުމުން އެދެމީހުންގެ އަތުގައި ބިޑިއަޅުވައިގެން ގެންގޮސްފިއެވެ.

އޭރު ޖޭކަބް ތުރުތުރު އަޅައެވެ. އަދި ބުންޏެވެ.“މަންމާ ލީލާ އެހެން ހެދީ ކީއްވެގެން ހެއްޔެވެ.ކީއްވެގެން ހެއްޔެވެ.“ ތަކުރާރުކޮށް އޭނާއަށް ކިޔެނީ އެހެންނެވެ.އިރުކޮޅަކުން އޭނަޔަށް ގަދަޔަށް ރޮވިއްޖެއެވެ. އަހަރެންވެސް އޭނާގެ ބުކަށިގަ ފިރުމަމުން ކަރުނަ ފޮހެދެމުން ގެންދިޔައިމެވެ. އަދި ތުރުތުރު އަޅާއަޑަކުން އަހަރެން ބުނީމެވެ.“ބައެއް މީހުންނަށް ލޯތްބަކީ މޫނުމަތީގަ އަޅާ މާސްކެއް ކަހަލަ އެއްޗެކެވެ. އޭނާވީ ހަގީގީ ލޯބި ނޫންކަން އެނގެނީ މާސްކް ވެއްޓުމުންނެވެ.“

Loading

Leave a Reply

ފަހުގެ އަޕްޑޭޓް