އެކަހަލަ ދަރިން ނެތިއްޔާ މާރަނގަޅު ވާނެއެވެ.

Loading

Facebook
Twitter
WhatsApp

އަހަރެންގެ ނަމަކީ ކްރިސްޓީނާއެވެ. އަހަރެން އެފަހަރު ހޮސްޕިޓަލްގައި އެޑްމިޓްވީ އުނަގަނޑުގެ އޮޕަރޭޝަން އެއް ކުރުމަށެވެ. ދިހަ ދުވަހު އެތަނުގައި އޮތުމަށްފަހު ގެޔަށް ދެވޭ ދުވަސް ޖެހުމުން އަހަރެން އޮތީ ވަރަށް އުފަލުންނެވެ. އެކަމަކު އެދުވަހު އަހަރެން ބަލާ އަހަރެން ދަރިފުޅު ޑެނިއަލް އެއް ނައެވެ. އެކަކުގެވެސް ހަބަރެއްވެސް ނުވިއެވެ. ވަރަށް ގިނައިރު އިންތިޒާރުގައި އޮތުމަށްފަހު މަޑުމަޑުން ތެދުވެގެންގޮސް އަމިއްލަޔަށް ބިލްދައްކާ ހެދުމަށްފަހު ތައްޔާރުވެލައިގެން އަމިއްލަޔަށް ޓެކްސީ އަކަށް ގުޅީމެވެ.

ޑެނިއަލް އާއި އޭނާގެ އަންހެނުން ވެލަރީ މާ ބިޒީވީ ކަންނޭގެއެވެ. އަދި ނޫނީ އަހަރެންނަށް ”ސަޕްރައިސް“ އެއް ދޭން ޕާޓީއެއް ރާވަނީ ކަންނޭގެއެވެ. އަހަރެން ހިތަށް އެރިއެވެ. އުނަގަނޑު އޮޕަރޭޝަން ކުރިތަނަށް ތަދުވަމުން ދިޔަ ނަމަވެސް އަހަރެންގެ މާމަދަރިފުޅު އުރާލާ ހިތުން ކެތްމަދުވެފައި އުފަލުން ޓެކްސީގައި އިނީމެވެ.  

ނަމަވެސް ޓެކްސީ ގޮސް ގޭދޮރުމައްޗަށް މަޑު ކޮށްލިވަގުތު އަހަރެންނަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވެން ފެށިއެވެ. ނޭނގޭ، އުނދަގޫ ގޮތްތަކެއް ވާން ފެށިއެވެ.

ގޭ ގޯތިތެރޭގައި އަހަރެން ނުދަންނަ ކަޅު ޕިކަޕް ޓްރަކެއް އޮތެވެ. އަހަރެން ގޮސް މަޑުމަޑުން ގޭ ބޭރު ދޮރުގައި ޓަކިޖަހާލުމަށްފަހު ބުނީމެވެ. ”ދަރިފުޅާ މަންމަ މިއައީއެވެ.“ މިހެން ބުނިއަޑަށް ދޮރުހުޅުވާލީ ޑެނިއަލް އެވެ. ނަމަވެސް އޭނާގެ މޫނުމަތިވަނީ ބަދަލުވެފައެވެ. އެއީ އަހަރެން ލޯބިން ބަލާބޮޑުކުރި އަހަރެންގެ ޑެނިއަލްގެ މޫނެއް ނޫނެވެ.މޫނުމަތިން ފެނުނީ ބީރައްޓެހިކަމުގެ ސިފަ ތަކެކެވެ.

އެވަގުތު ޑެނިއަލް ބުންޏެވެ. ”މިގެޔަކު ދެން ކަލެޔަށް ޖާގައެއްނެތެވެ.އެތެރެޔަށް ނުވަންނާށެވެ.“ އަހަރެންގެ ދުނިޔެ އެނބުރިގެން ދިޔައެވެ. އަހަރެންގެ ހިތަށް އެވަގުތު ކުރި އަސަރު ބުނެދޭންވެސް ނޭނގެއެވެ. ހިތް ވީދާފަ ނެރެ އެއްލާލުމުން ވާފަދަ ތަދެއް އިހިހުސާސްވިއެވެ.އުނަގަނޑުގައި އަޅަމުން ދިޔަ ތަދު ފަނޑުކޮށްލަމުންނެވެ.

އަހަރެން ބޭނުންވީ އޭނާބުނި އެއްޗެއް އަހަރެންނަށް ރަގަޅަށް ނީވުނީ ކަމަށް ގަބޫލުކުރާށެވެ. އެހެން ކަމުން އަހަރެން ބުނީމެވެ.“ދަރިފުޅު ތިޔަބުނީ ކީކޭ ހެއްޔެވެ.މަންމަޔާ ސަމާސާ ކުރަނީހެއްޔެވެ.“ މިހެން ބުނަމުން ގޭތެރެޔަށް ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރީމެވެ.ނަމަވެސް އޭނަ ދޮރުމަތީ ހުއްޓިހުރެ އެކަމަށް ހުރަސް އެޅިއެވެ.

އިރުކޮޅަކުން ދެ އަހަރުގެ މާމަދަރިފުޅު އީމާގެ އަތުގައި ހިފައިގެން ހުރެ ޑެނިއަލްގެ އަންހެނުން ވެލަރީ އެތަނަށް އައެވެ.އަހަރެން އެލޯބި ލޯބި ދަރިފުޅު އުރާލާ ހިތުން އަތް ދިއްކޮށްލުމުން އެކުއްޖާވެސް އަވަސް އަވަހަށް އެތަނުން ދުރަށް ގެންދިޔައެވެ.

އެވަގުތު އެތެރޭން ވެލަރީގެ މަންމައާއި ބައްޕަ ނިކުތްތަން ފެނުނެވެ. ދެމީހުން ތިބީ މަލާމާތުގެ ހިންޏެއް އައިސްފައެވެ.އަދި ވެލަރީގެ ބައްޕަ އަހަރެންނާ ދިމާލަށް ބުންޏެވެ.“އަހަރުމެން ދެމަފިރިން މިގެޔަށް ބަދަލުވީއެވެ. މިގެޔަކު ދެން ކަލެއަކަށް ޖާގައެއް ނެތެވެ.ކަލޭގެ އެއްޗެހި ގަރާޖު ތެރޭގައި ހުންނާނެއެވެ.އަވަހަށް ނެރެގެން ގެންދާށެވެ.“

އަހަރެން ޑެނިއަލްގެ މޫނަށް ބަލާލީމެވެ. ރަހުމުގެ ކުޑަވެސް އަސަރެއް ފެނޭތޯއެވެ.އޭނާގެ މޫނުމަތިން އެފަދަ އެއްވެސް އަސަރެއް ނުފެނުނެވެ. ބައްޕަ މަރުވުމުން އެކަނި މާއެކަނި ބަލާބޮޑުކޮށް މޮޅަށް ކިޔަވާދީ ހެދި، މިހާރު މުސްކުޅިވެފައި އިން މަންމަގެ މައްޗަށް ރަހުމެއް ނުކުރާނީ ހާދަ ނުބައިވީމައެވެ.

އަހަރެން ގެޔަށް އައުމުން އުފަލުން އެނބުރި އަހަރެންގާތަށް އައި މާމަ ދަރިފުޅު އީމާގެ އަތުގައި ލޯބިން ހިފާލުމުން ދެން އަވަހަށް މިގެއިން ދާށޭ ބުނެ އަހަރެން ކޮއްޕާ ދުރަށް ލުމަށްފަހު އަހަރެންގެ މޫނުމައްޗަށް ވެލަރީ ދޮރުޖެހިއެވެ.

އެދޮރު ޖެހުނު އަޑު އަހަރެންގެ ކަންފަތަށް ހީވީ ހޮނު ގުގުރިއެއްޖެހި ހެންނެވެ.މޭމަތީ ހީވީ ބޮޑު މަރުތޭލަކުން ޖެހިހެންނެވެ. އަހަރެން މަޑުމަޑުން ހިނގާފައި ގޮސް ގަރާޖުތެރެބަލާލިއިރު އަހަރެންގެ ހަޔާތުގެ 63 އަހަރުން އެއްކުރި ހުރިހާ ސާމާނު ހުރީ ކުނިތަކެއް ހެން ކަރުދާސް ފޮށިތަކަށް އަޅާފައެވެ. އަހަރެންނާއި ފިރިމީހާގެ ފޮޓޯތައް ހުރީ ވީދާފައެވެ.އަހަރެންގެ މަންމަ ދީފައިވާ ނުހަނު ރީތި ސެރަމިކް ކުޑަ ގުޅިއެއް އޮތީ ދެފަޅިއަށް ފެޅިފައެވެ.އަންނައުނު ތަކުންވެސް ތަންތަން ފުހެފައި ހުރިހެން ހީވެއެވެ. މިމަންޒަރު ފެނި އަހަރެންގެ ހިތަށްކުރި އަސަރު ބުނެދޭންވެސް ނޭގެއެވެ.

އެވަގުތު ދެން ކުރިޔަށް ދާންވީގޮތް އަހަރެންނަށް ޔަގީންވިއެވެ. އަހަރެން ކޮށްލީ އެންމެ ފޯން ކޯލް އެކެވެ.

ޑެނިއަލްގެ ހުވަފެނީ ދުނިޔެ ފޫއަޅުވާލީ ތޮރުފާ ބުރުމާއެއް ހިފައިގެން ގޮސް މީހަކު ގޭގެ ދޮރު ތޮރުފާ ގަދަ އަޑުފަށަށެވެ. އަހަރެންގެ އަމުރަށް ތަޅުހަރުކުރާ މީހަކު ގޮސް ގޭދޮރުގަ ހުރި ތަޅު ބަދަލު ކުރީއެވެ. ޑެނިއަލް ރުޅިއައިސްގެން އައިސް އެމީހާއާ ދިމާއަށް އެއްޗެތި ގޮވައިގަތެވެ. ”ކަލޭތީ ކާކު ހެއްޔެވެ. މިއީ އަހަރެންގެ ގެއެކެވެ. އަހަރެންގެ އަމުރެއްނެތި މިގެޔަކަށް ތިހެން ނުހެދޭނެއެވެ.“  ބޭރުގައި ކުރިންފިލާ ހުރެފައި އެވަގުތު އަހަރެން މަޑުމަޑުން އެތެރެޔަށް ވަނީމެވެ.ފަހަތުން އަހަރުންގެ ފެމިލީ ލޯޔަރު ނިކޮލަސް ވެސް ވަނެވެ.

ނިކޮލަސް ދިޔަ ގޮތަށް ގޮސް ޑެނިއަލް އަށް ދިއްކޮށްލީ ސިޓީއެކެވެ. އޭނާގެ ބައްޕަ ލިޔެ ސޮއި ކޮށް، ހެކިވެރިން ސޮއިކޮށް ތައްގަނޑުޖަހާފައިވާ ސިޓީއެކެވެ. އޭގައިވަނީ އެގެޔަކީ ހަމަ އެކަނި އަހަރެން، ކްރިސްޓީނާގެ ގެޔެއްކަމެވެ. އެގެޔަށް ބާރުފޯރުވޭނެ އެއްވެސް ދެވަނަ މީހަކު ނުހުންނާނެކަމަށާ އެގޭގެ އިތުރުން ބައްޕަ ގެ ކާރާއި އެކައުންޓްގައިހުރި ހުރިހާ ފައިސާ އާއި އަދި ދެންވެސް ހުރިއްޔާ ހުރި މުދަލަކީ ހަމައެކަނި އަހަރެން ގެ ތަކެތިކަން ޑެނިއަލް އަށް އަންގާކަމުގައެވެ.

ކުރިން އަހަރެންނަށް ލިބުނު ޝޮކް އެވަގުތު ޑެނިއަލް އަށް ލިބުނު ކަހަލައެވެ. މުޅިމީހާ އަށް ހުރީ ހުއްޓުން އަރާފައެވެ. އެގޮތަށް އެތައް އިރަކު ހުރެފަ ހަޅޭއްލަވަން ފެށިއެވެ. ”ތިޔައީ ދޮގެކެވެ. ތިޔައީ ފޭކް ސިޓީ އެކެވެ. އަހަރެންގެ އަތުން މިގެ ނާތުލެވޭނެއެވެ.“ ހަޅޭއްލެވިނަމަވެސް އޭނަގެ ކޮޅު ބަލިވެފައިވާކަން އަހަރެންނަށް އިހުސާސްވިއެވެ.ލޯޔަރު ދިން ސިޓީ އޮތީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކުރިހާކަމެއް ފުރިހަމަ ކޮށްފައި ކަމަށްވާތީއެވެ.

އެވަގުތު އޭނާގެ އަންހެނުން އައިސް ޑެނިއަލް އާއި ދެބަސްވާން ފެށިއެވެ. ޑެނިއަލް ދޮގުހެދީކަމަށް ބުންޏެވެ. ދެން އެމީހުން އުޅޭނެ ތަނެއްވެސް ނެތް ކަމަށާ މަގުމަތިވީ ކަމަށް ބުނެ ރުޅިވެރިކަން ދައްކަން ފެށިއެވެ.

އެދުވަހު ދެން އެއިން އެއްއަޑެއްވެސް އަހާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަދި ޑެނިއަލް އާ ދިމާލަށް ބުނީމެވެ. ”ކަލޭގެ ބައްޕަ ތިޔަ ސިޓީ ތައްޔާރު ކުރިކަން އެނގުމުން އަހަރެން ވަރަށް ރުއީމެވެ. އަދި ކިތަންމެ ވަރަކަށްވެސް އެސިޓީ ވީދާލަންވެސް އުޅުނީމެވެ.ނަމަވެސް ބައްޕަޔަށް އިތުބާރު ކުރުމަށާ ސިޓީ،ލޯޔަރު އަތުގައި އޮތުމަކުން ގެއްލުމެއް ނެތްކަމަށް ބުންޏެވެ. ނަމަވެސް އަބަދުވެސް އަހަރެން ހުންނަނީ އެސިޓީގެ ބޭނުން ހިފަން ޖެހޭނެ ދުވަހެއް ނާދޭތޯ ދުއާކޮށްލަކޮށްލައެވެ.އަހަރެން އެހާލޯބިން ގެންގުޅުނު ދަރިއަކު އަހަރެންނަށް އިހާނެތި ގޮތެއް ދުވަހަކުވެސް ނުހަދާނެކަމަށް ގަބޫލުކުރަން ބޭނުން ވިއެވެ. އެކަމަކު މިދުވަސްވެސް މިއޮތީ ދައްކަވާފައެވެ.“

”މިއަދު ޑެނިއަލް ދާނެ ކޮންމެ ތަނަކަށް ދިޔަނަމަވެސް އަހަރެންނަށް ފަރުވާލެއް ނެތެވެ.އެކަކަމު އަހަރެންގެ ހަޔާތަށް ދެން ދުވަހަކުވެސް ޑެނިއަލްގެ ހިޔަނިވެސް އެޅޭކަށް އަހަރެން ބޭނުމެއްނޫނެވެ. ވަކީލް އަންގާގޮތެއްގެ މަތިން އެއްޗެތި ހިފައިގެން އަވަހަށް މިގެއިން ނިކުންނާށެވެ.“

އެވަގުތު ލޯޔަރު ބުންޏެވެ. ”ކޯޓު އަމުރުގައި އޮތީ ތިން ދުވަހުގެ މުއްދަތެކެވެ. އެހެންވީމަ ތިންދުވަސް ތެރޭ މިގެއިން ޑެނިއަލް އާއި އާއިލާ ނިކުންނަންޖެހޭނެއެވެ. އަދި މި މުއްދަތުގައި އެއްވެސް ތަނަކަށް ނުވަތަ އެއްޗަކަށް އެއްވެސް ގެއްލުމެއް ދޭތޯބަލަން ކޯޓުގެ އޮފިޝަލުން ތިބޭނެއެވެ. ފުރަތަމަ މިހާރު ހުރިހާތަނެއް ޗެކް ކުރާނެއެވެ. އަދި ދާ ދުވަހުވެސް ކަލޭގެ ހާޒިރުގައި އަލުން ޗެކްކުރާނެއެވެ.“

އަހަރެންގެ ފިރިމީހާ އަބަދުވެސް ބުނަމުން އައި ވާހަކަ އެހެންވީމާ ސީދާވީތާއެވެ. އޭނާ ބުނާގޮތުގައި ޑެނިއަލް އަކީ ވަރަށް ހަސީލަތް ނުބައި ގޯސް މީހެކެވެ. ޑެނިއަލް މާކުޑައިރުއްސުރެ އޭނާއަށް އެކަން އިހުސާސްވާން ފެށި ކަމަށް ބުންޏެވެ. ޑެނިއަލް އަކީ މުސްކުޅިވާ ދުވަހު އަހަރުމެން ދެމަފިރިން ބަލާނެ މީހެއް ނޫންކަމަށާ އޭނާގެ ހިތުގައި ރަހުމެއް ކުލުނެއް އަމުދުން ނުވާތަނުގައި އަހަރުންނަށް ކޮންމެ ހާލެއް ޖެހުނަސް އޭނައަށް ފަރުވާލެއް ނުހުންނާނެކަމަށް ބުނެއެވެ. އަހަރެންނަށް ވުރެކުރިން ފިރިމީހާ މަރުވެއްޖެނަމަ ގެޔާ މުދަލުންވެސް އަހަރެން މަހްރޫމް ކުރާނެ ކަމަށް ފިރިމީހާ އެތައް ފަހަރަކު ބުނެފައި ވެއެވެ.

ފިރިމީހާ ދޫކޮށްފައިދިޔަ ފައިސާއިން އަހަރެންނަށް ނޯކަރުން ލައިގެން ރީތިކޮން އުޅެވޭނެއެވެ. އަދި އަހަރެންނަށްވެސް ދާދި އަވަހަށް ޕެންޝަން ފައިސާ ލިބެން ފަށާނެއެވެ.

ތިން ވަނަ ދުވަހު އެމީހުންގެ ޕިކަޕަށް އެތިކޮޅު އަރުވައިގެން ދާތަންބަލަން އަހަރެން ތަންކޮޅެއް ދުރުގައި ހުރީމެވެ. އަހަރެންގެ ހިތަކަށް މިހާރު އަސަރެއް ނުކުރެއެވެ. ދަރިން ނުލިބޭ މީހުންވެސް ދުނިޔޭގައި އެބައުޅޭ ނޫންހެއްޔެވެ. އެކަހަލަ ދަރިން ނެތިއްޔާ މާރަގަޅު ވާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް