އަހަރެންގެ ގެ ނަމަކީ ކެޓްރީނާ އެވެ. އުމުރަކީ 63 އަހަރެވެ. އަހަރެންގެ ފިރިމީހާ ލޯބިން އަހަރެންނަށް ކިޔަނީ ޓީނާ އެވެ.
އެއްދުވަހަކު ހެދުނު ތެދުވިއިރު އަހަރެންގެ ފިރިމީހާ 20 އަހަރުވަންދެން ލޯބިން ގެންގުޅު އިހުގެ ކާރު އޭގެ ގަރާޖަކުނެތެވެ. ހަދާނެގޮތް ހުސްވެގެން ދަރިފުޅު ބްރަޔަން އަށް ގުޅާލުމުން ހާސްނުވުމަށާ ވާހަކަ ދައްކާލަން އެބަދާކަމަށް ބުނެ ފޯނު ބޭއްވިއެވެ.
އަހަރެންގެ ފިރިމީހާ ޑެނިސް ވަނީ މީގެ 8 މަސްކުރިން މަރުވެފައެވެ. އޭނާ 20 އަހަރުވަންދެން ލޯބިންގެންގުޅު ޝެލްބީ ބްރޭންޑުގެ އިހުގެ ކާރަކީ އޭނާގެ މުޅިފުރާނައެވެ.ހަށިގަނޑެވެ. ހުރިހާއެއްޗެކެވެ.އެކާރު ޑެނިސް ގެންގުޅުނީ އެހާވެސް ލޯބިންނެވެ. އެހެންވީއިރު އޭނާމަރު ވުމުން ކާރު ވިއްކާލުމަކީ އަހަރެން ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ.
އިރުކޮޅަކުން ބްރަޔަންގެ ކާރު ގޭދޮރުމައްޗަށް ހުއްޓާލިއަޑުއިވުނެވެ. އައީ އޭނާގެ އަންހެނުން ވަނެސާ ޖޯންސް ވެސް ގޮވައިގެންނެވެ. އަހަރެން ފުރަތަމަވެސް ސުވާލުކުރީ ބައްޕަގެ ކާރަށް ހެދީ ކިހިނެއްތޯ މިސުވާލެވެ. ޖަވާބުގައި ކާރު ވިއްކާލީ ކަމަށް ބްރަޔަން ބުންޏެވެ. އަހަރެންނަށް ވީގޮތެއް ބުނާކަށްވެސްނޭނގެއެވެ. ރުޅިއައިސް ހަޅޭއްލަވައިގަންނަން ހިތަށް އެރިއެވެ. ނަމަވެސް އެހެން ނުހަދާ މައިތިރި އަޑަކުން ބުނީމެވެ.“ކާރު ވިއްކާލުމުގެ ކުރިން މަންމަ ކައިރިން އަހާލަން ޖެހޭނެއެވެ.“ މީގެ ޖަވާބުގައި ބްރަޔަން ބުންޏެވެ.“އެހިނަމަ އާނއެކޭ ބުނާނަންހެއްޔެވެ؟“ އަހަރެން ވަގުތުން ނޫނެކޭ ބުނީމެވެ.
ބްރަޔަން ބުނީ ކާރު ވިއްކާލީ ވަނެސާ ގެ އެދުމަކަށް ޕެރިހަށް ދަތުރެއް ކޮށްލަން ވެގެންކަމަށެވެ. އަދި އެތަނަށް ގޮސްފަ ފޮޓޯ ފޮނުވާނެ ކަމަށް ބުނެފަ ހިނގައްޖެއެވެ.
އޭގެ ހަފްތާއެއް ފަހުން އަހަރެން ނުވެސް ދަންނަ މީހަކު އަހަރެންނަށް ފޯނުކުރިއެވެ.އަދި ބައްދަލު ކޮށްލުމަށް އެދުނެވެ. އޭނާބުނީ އޭނާޔަކީ އަހަރުމެންގެ އަވަށުގައި ގަރާޖެއް ހިންގާ، ކާރު ގަނެވިއްކާ މީހެއް ކަމުގައެވެ. ނަމަކީ ޑިކްއެވެ.
އަހަރެން ޑިކްއާއި ބައްދަލް ކުރުމުން ދިނީ ވަރަށް ހައިރާންކަން ގެނުވި މައުލޫމާތު ތަކެކެވެ. ޑިކް ބުނީ އަހަރެންގެ ފިރިމީހާ ޑެނިސްއަކީ އޭނާގެ ގާތް ރަހުމަތްތެރިއެއްކަމުގައެވެ. ޑިކްއަށް ގަރާޖް ހުޅުވޭނެފަދަ ތަނަވަސް ކަމެއް ނެތިގެން އެކަން ނުވެފަ ހުއްޓާ އެކަން ކޮށްދިނީވެސް ޑެނިސްކަމަށް އޭނާ ބުންޏެވެ. ޑެނިސް އޭނާގެ ކާރުދެކެވާލޯބި އެންމެ ބޮޑަށް އެނގެނީ އޭނަޔަށް ކަމަށް ބުންޏެވެ.
ޑެނިސްގެ ޚާއްސަ ކާރު ވިއްކާލަން ބްރަޔަން އައުމުން އެކާރު ގަތުމަށް އަވަސްވެގަތް ކަމަށް ޑިކް ބުނެފައި ވެއެވެ. އަގަކަށް ދެފަރާތުން އެއްބަސްވީ ފަނަރަހާސް ޑޮލަރެވެ. ނަމަވެސް އެކާރަކީ މިއަދު އެއްލައްކަ ފަންސާސް ހާސް ޑޮލަރަށް ވުރެ އަގުބޮޑުކާރެއްކަމަށް އޭނާ ބުންޏެވެ. ޑިކް ކިޔާދިން ގޮތުގައި ޑެނިސް ވަނީ އެކާރު އޭނާގެ ގަރާޖުގައި މޮޑިފައިކޮށް، އޭގައި ސިއްރު ވަތްގަޑެއް ހަދާފައެވެ.އަދި އޭގައިވަނީ އަހަރެންނަށް އެޑްރެސް ކޮށްފައިވާ ލިއުންތަކެއް ރައްކާ ކޮށްފައެވެ. އަހަރެން މިގެނައީ އެލިއުންތައް ދިނުމަށް ކަމަށް ޑިކް ބުންޏެވެ.
އަހަރެން ހައިރާންވެފައި ހުރެ ކާރަށް އަރާ އިށީނުމުން އަހަރެންނަށް ޕްރައިވަސީ ދިނުމަށްފަހު ޑިކް އެތަނުން ދުރަށް ދިޔައެވެ. ކާރުގެ ސިއްރު ވަތްގަނޑުގައި ހުރި ލިއުންތަކުގައި އަހަރެންނަށް އެޑްރެސް ކޮށްފައިވާ ސިޓީއެއް އޮތެވެ. އޭގައިވެއެވެ. ”މިސިޓީ ޓީނާ ކިޔަމުންދާނަމަ އަހަރެންނަށް ކަމެއް ވެއްޖެއެވެ. އަހަރެން ބުނަން ބޭނުމީ އަހަރުމެންގެ ދަރިފުޅު ގެ އަންހެނުން ވަނެސާ ޖޯންސް އަކީ ވަރަށް ބޮޑަށް ފްރޯޑް ހިންގާ ބޮޑު ވަގެއް ކަމުގައެވެ. އޭނާ ޓާގެޓް ކުރަނީ މުއްސަނދި އާއިލާތަކުގައިތިބޭ، މީހުނާ ނުއިނދެތިބޭ ފިރިހެނުންނަށެވެ. އެފަދަ މީހުންނާއިނދެ،އާއިލާގައި ހުންނަ ހަރުމުދާ ފުރަތަމަ ވިއްކާލައެވެ.އަދި އެންމެ ފަހުން ގެވެސް ދަމައިގަންނަން މަސައްކަތް ކުރެއެވެ.“
ޑެނިސްއަށް މިކަހަލަ ޝައްކެއް ވެގެން ޕްރައިވެޓް ޑިޓެކްޓިވް އެއް ހޯދައިގެން ވަނެސާ ގެ ކަންކަން ބަލާހޯދަން ފެށިކަމަށް އޭނާ ބުނެފައިވެއެވެ. އަދި ހާމަވެފައިވާ ގޮތުގައި ވަނެސާ ޖޯންސް އަކީ އަސްލު ވަނެސާ ކިޔާ މީހެއްވެސް ނޫނެވެ.އޭނާގެ އަސްލު ނަމަކީ ސެލީ ބަންޑޯސް އެވެ. ސެލީވަނީ ބްރަޔަންއާއި އިނުމުގެ ކުރިން ހަމަ މުއްސަނދި އެކަނިވެރި ދެމީހަކާ އިނދެފަ ކަމަށް ވެއެވެ.އަދި މިއިން ކޮންމެ މީހަކަށް ވެސް މަކަރުހަދާ އޮޅުވާލުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ފިލާފައި ވާކަން ޑިޓެކްޓިވް ހޯދާފައިވެއެވެ.
ޑެނިސް ބަހައްޓާފައިވާ ލިއުންތަކުގެ ތެރޭގައި ސެލީ ކުރިން ކުރި ދެކައިވެނީގެ ފޮޓޯތަކާ އެދެފިރިހެނުންނާ ގުޅޭނެ މައުލޫމާތު ހިމެނެއެވެ. އަދި ފުރިހަމަ ހެކި ލިބިގެންނޫނީ ދަރިފުޅު ބްރަޔަން ކާރީ ބުނަންބޭނުން ނުވީ ކަމަށް ޑެނިސް ބުނެފައިވެއެވެ. އަދި އޭނާ ފެށި މަސައްކަތް ނިންމާދީ ދަރިފުޅު އެމަޅިން ސަލާމަތް ކޮށްދިނުމަށް އެދިފައިވެއެވެ.
ޑެނިސް އިތުރަށް ވެސް އަހަރެންގެ ނަމުގައި އެކި ޓްރަސްޓް ތަކަށް ފައިސާ ޖަމާކޮށްފައިވާ ލިއުންތައް އެތަނުގައި ހުއްޓެވެ. އެއިން ލިބޭ ފައިސާއިން އަހަރެން އުމުރު ދުވަހަށް ހަމަޖެހިލައިގެން ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ވަރުވާނެއެވެ.
އިރުގަޑެއްގެ ފަހުން އަހަރެން ކާރުން ފޭބުމުން ޑިކް އައިސް އަހަރެންނަށް ފެން ފުޅިއެއް ދިނެވެ.ފެންފޮދެއް ބޯލުމުން ކުޑަކޮން އަހަރެން ހަމަޖެހުނެވެ.
އަހަރެން ގެޔަށް ދިއުމަށްފަހު ޑެނިސް އެދިފައިވާ ގޮތުގެ މަތިން މަސައްކަތް ފެށީމެވެ. އަދި އެތަނުން އެއްފިރިހެނަކަށް ގުޅުމަށްފަހު ބުނީމެވެ. ”އަހަރެންގެ ނަމަކީ ކެޓްރީނާއެވެ. އަހަރެން މިގުޅީ ވަރަށް ބޮޑުކަމަކުއެވެ. ފުރަތަމަ، އަހަރެންގެ ދަރިފުޅު އިނދެގެން އުޅެނީ ވަނެސާ ޖޯންންސް ކިޔާ އަންހެނަކާއެވެ…“ މިހާހިސާބަށް ބުނާއިރަށް އެކޮޅުން ބުންޏެވެ. ”އަހަރެން މިހުންނަނީ ތިޔަފަދަ ކޯލެއްގެ އިންތިޒާރުގައެވެ.“
އަހަރެން ހުރިހާތަފްސީލެއް ކިޔާ ދިނުމަށްފަހު ވަނެސާ ނުވަތަ ސެލީ ފުހުންނާ ހަވާލު ކުރުމަށް އެހީތެރިވެ ދިނުމަށް އެދުނީމެވެ.އޭނާ އެއްވެސް ޖެހިލުމެއްނެތި އެކަމަށް އެއްބަސް ވިއެވެ.
ދެވަނަ މީހާވެސް ހަމަ އެފަދައެވެ. އަދި ދެމީހުންވެސް އެމީހުންގެ އަތުގައި ހުރި
ޑޮކިއުމަންޓެއްވިޔަސް ފޮޓޯއެއްވެސް އަހަރެންނަށް ފޮނުވާދޭނެ ކަމަށް ބުންޏެވެ.
އެޔަށްފަހު އަހަރެން ބްރަޔަންއާއި ވަނެސާ އަށް ރޭގަނޑުގެ ކެއުމަކަށް ދައުވަތުދިނީމެވެ. އަދި ބްރަޔަން އަށް މީރު ކެއުންތައް ހެދީމެވެ.
އިރުއޮއްސި ހައެއް ޖެހިއުރު ދެމީހުން އައިސް ގޭތެރޭ ހަމަޖެހިލުމާއެކީ ވަނެސާ ފެށީ އަހަރުމެންގެ ގެ ބޮޑު ވާހަކައެވެ.އެހާ ބޮޑުގެޔެއްގައި އެކަނި ނޫޅެ ތަންކޮޅެއް ކުޑަ ތާކަށް ބަދަލުވާން ނުވިސްނަންތޯ އެހިއެވެ.ގެވިއްކާލަން ފެންނަކަމަށް ބުންޏެވެ.
އިރުކޮޅަކުން ފާހާނާއަކަށް ކަމަށް ބުނެ ވަނެސާ ތެދުވެގެން ދިޔައެވެ. ސިޓިންގރޫމްގައިވެސް ފާހާނާ އެއް ހުރެއެވެ.އޭނާޔަށް އެކަން އިނގޭނެއެވެ. އޭނަ ދިޔަތާ ދިހަމިނެޓް ވީމަ އަހަރެން ބެލިއިރު ފާހާނާހުރީ ހުހަށެވެ.އޭނަހުރީ މައްޗަށް އަރާ ޑެނިސްގެ އޮފީސްތެރޭގައެވެ. މިތާ ކީއްކުރަނީތޯ ސުވާލު ކުރުމުން ބުނީ ފާހާނާ ހުރިތަން އޮޅުނީކަމަށެވެ.
އަހަރެންނަށް މިހާރު ޝައްކުކުރެވޭ ގޮތުގައި އޭނައުޅުނީ ޑެނިސްގެ ކޮމްޕިއުޓަރު ހުޅުވާ ލިޔެކިއުންތަކާއި އީމެއިލްތައް ހާވާ ފައިސާގެ މުއާމަލާތުތައް ހުރިނެތް ގޮތް ބަލާށެވެ. ނަމަވެސް އަހަރެން އޭގެ ކުރިން އެރުމުން އެކަން ނުވީއެވެ.
އޭގެ އަނެއް ދުވަހު އަހަރެން ބްރަޔަން އަށް ގުޅާފަ އެހީމެވެ.“ބްރަޔަން މަންމަޔަށް އިތުބާރު ކުރަންހެއްޔެވެ؟“ އާނއެކޭ ބުނުމުން އަހަރެން ބުނީމެވެ. ”ވަރަށް ބޮޑުކަމަކު ބްރަޔަން އެކަނި މަންމަގެޔަށް އާދެވިދާނެހެއްޔެވެ.“ ވަނެސާއާއި ދެމީހުން އެއްވެސް ސިއްރެއް ނުގެންގުޅޭ ކަމަށް ބުނެ ފުރަތަމަ އެއްބަހެއް ނުވިއެވެ. އަހަރެން ވަރަށް އާދޭސް ކުރުމުން އެއްބަސްވިއެވެ.
ފާޑެއްގެ މޫނެއް ހަދައިގެން ހުރެ އައިސް ގެޔަށް ވަނުމުން އަހަރެން ގޮވާ ގެންގޮސް ކޮޓަރިއަށް ވެއްދުމަށްފަހު ހުރިހާ ވާހަކަތައް ކިޔާދިނީމެވެ. އަހަރެން ވަރަށް އާދޭސްކޮށްފައި ބައްޕަގެ ކަންބޮޑުވުންތަކާ ޑިޓެކްޓިވްގެ ވާހަކަތައް އަދި ކާރުގައި ހުރި ލިއުންތަކާބެހޭ ތަފްސީލް ތައް ދީފައި އެ ދެފިރިހެނުންނާ ގުޅާލުމަށް އެދުނީމެވެ. ފުރަތަމަވެސް އޭނާއައީ ރުޅިއެވެ. ތިޔައީ ހުސްދޮގުކަމަށް ބުންޏެވެ. އަދި ތިޔަ އުޅެނީ ކީއްކުރަންތޯ ސުވާލުކުރިއެވެ. އަހަރެން،މިއުޅެނީ ބައްޕަވެސް އެދިފައިވާ ފަދައިން ދަރިފުޅު ރައްކާތެރިކޮށްދޭންކަމަށް ބުނެ ވިސްނާދެވޭތޯ އުޅުނީމެވެ. ނަމަވެސް އަޑުނާހާކަމަށް އަހަރެންނަށް އޭރު ހީވިއެވެ. ނަމްބަރުތައް ލިޔެފައި ދިން ގަނޑު ރުޅިއައިސްފަ ބޮޑިބޮޑި ކޮށްލިއެވެ. ނަމަވެސް އެއްލާނުލާ ހިފައިގެން ބާރަށް ހިނގާފަ ނިކުމެގެން ހިނގައްޖެއެވެ.
އޭގެ އަނެއްދުވަހު ބްރަޔަން އަހަރެންނާއި ގުޅިއިރު އޭނާގެ އަޑުގައި ތުރުތުރެއް ހުއްޓެވެ.ރޮވެމުން ދާހެން ހީވެއެވެ. ބްރަޔަން ކިޔާދިންގޮތުގައި އެދުވަހު ގެޔަށް ނުގޮސް އެތައް އިރަކު ކާރުގަ ދެވޭ ނުދެވޭތަނެއްނޭނގި ދުއްވީއެވެ. ވަނެސާ އުޅޭގޮތުން މަންމަ ދެއްކި ވާހަކަތައް ގަބޫލުކުރެވޭތީ ހާސް ވެގެންނެވެ.އެންމެ ފަހުން ގެޔަށް ދިއުމަށްފަހު ވަނެސާ އާއި އޭނަ ސުވާލުތައް ކުރަން ފެށިއެވެ.އުފަންރަށަކީ ކޮބައިތޯ، މައިންބަފައިން ކީއްތޯ ކުރަނީ، ކިޔެވީ ކޮންތާނުންތޯ މިކަހަލަ ސުވާލުތަކެވެ.އަދި އޭނާދިން ޖަވާބުތައް ކުރިން އޭނާ ދައްކާފަހުރި ވާހަކަޔާ ވަރަށް ތަފާތު ކަމަށް ބްރަޔަން ބުންޏެވެ.
ބްރަޔަން އެގޮތަށް ސުވާލުތައް ކުރަން ފެށުމުން އޭނަޔަށް ޝައްކެއްވެގެން ކީއްވެގެންތޯ މިއަދު މާވަރަކަށް ސުވާލުތިޔަކުރަނީ އެހިއެވެ.އެންމެ ފަހުން ބްރަޔަން ސީދާ ދިމާލަށް ބުނީކަމަށް ވެއެވެ. އޭނަގެ ރޭވުންތައް އިނގިފައިވާކަމަށާ ފުލުހުންނަށް ގުޅާނެ ކަމަށް ބްރަޔަން ބުނި ކަމަށްވެއެވެ.
ވަނެސާ ހުންނަނީ ފިލަން ދުއްވައިގަންނަން އަބަދުވެސް ތައްޔާރަށް ކަމަށްވެއެވެ.މިގޮތުން އޭރުވެސް ހުރީ ސޫޓްކޭސްތައް ބަންދުކޮށްފަ އެވެ. އަދި އިރުކޮޅަކުން ޓެކްސީއެއްގެނެސްގެން ގެއިން ނައްޓާލިއަޑުއިވުނެވެ. ބްރަޔަން އަވަސް އަވަހަށް ބެލިއިރު ދެމީހުންގެ ޖޮއިންޓް އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއްއެއްކޮން ވަނީ ނަގާފައެވެ. އެތައް މިލިއަން ޑޮލަރެކެވެ.
ވަގުތުން ފުލުހުންނާގުޅާ މައްސަލަ ރިޕޯޓް ކުރުމުން ބެލިއިރު އޭނާވަނީ ހެނދުނު 6 ޖަހާއިރު އޮންނަ ފްލައިޓަކުން ގައުމު ދޫކޮށް ދިއުމަށް ބުކިންގ ހަދާފައެވެ. ބްރަޔަން ބުނީ އެއާޕޯޓުން އޭނާ ހައްޔަރުކުރަން ފުލުހުން ދާއިރު ބްރަޔަންއާއި އަހަރެންވެސް އެމީހުންނާއެކީ ދިއުމަށް ފުލުހުން އެދޭ ކަމުގައެވެ.
އަހަރުމެން ޑިޕާޗާ ޓާމިނަލް އަށް ދިޔައިރު އަދި ވަނެސާ އެއާޕޯޓަކަށް ނާދެއެވެ. އިރުކޮޅަކުން ދެތިން ބޮޑު ސޫޓްކޭސް ހިފައިގެން އަންނަތަން ފެނުނެވެ. ފުލުހުން ދިޔަގޮތަށް ގޮސް މަޑުކޮށްލަން އެދުނެވެ. އިރުކޮޅަކަށް މޫނުމަތިން ހާސްކަން ފެނުނު ނަމަވެސް މާހަމަޖެހިލާފަ ކިހިނެއް ވީތޯ ސުވާލުކުރިއެވެ. އެވަގުތު ފުލުސް އޮފިސަރު ބުންޏެޏެވެ. ސެލީ ބަންޑޯސް ހައްޔަރު ކުރުމުގެ އަމުރެއް އަހަރުމެންގެ އަތުގައި އެބައޮތެވެ. މިހެންހަމަ ބުނާއިރަށް ގަދަހަދާފަ ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް އަންހެން ފުލުހުންގެ އެހީގައި ފުލުހުން އޭނަ ހިފަހައްޓައިފިއެވެ. އެހާހަމައިން އޭނާޔަށް އަހަރެންނާއި ބްރަޔަން ފެނުނެވެ. އަދި ހުރިހާކަމެއް ސާފުވި ކަހަލައެވެ.
ސެލީ ބަންޑޯސް އަކީ އެތައް ސްޓޭޓަކުން ހޯދަން ބޭނުން ވެފައިވާ މީހެއްކަމަށްވެއެވެ. ވަނެއްސާގެ އައިޑެންޓީޓީ އަކީވެސް އޭނާ ވަގަށް ނަގައިގެން އުޅޭ ނަމެކެވެ. ހަގީގީ ވަނެސާ ޖޯންސް މީގެ އަހަރުތަކެއް ކުރިން ވަނީ މަރުވެފައެވެ. އެހެން ކަމުން ސެލީ އުޅެނީ ވަނެސާގެ އައިޑެންޓިޓީގައެވެ.
ފުލުހުން ކޯޓަށް މައްސަލަ ހުށައަޅައިގެން ބެލިބެލުމުން ވަނެސާ އަށް 15 އަހަރުގެ ޖަލުހުކުމް އަންނަވަރުގެ ޖަރީތައް އޭނާވަނީ ހިންގާފައެވެ. އޭނާ ކުށްކުރުމުގެ ތެރޭން ޖަމާކޮށްފައި ހުރިފައިސާ އޭގެ ހައްގުވެރިންނަށް އަނބުރާ ހޯދާދީފައިވެއެވެ. ވަނެސާ އާއި ބްރަޔަން އުޅެން ކަމަށް ބުނެ ގަނެފައިވާ އަގުބޮޑު ގެވެސް ވިއްކާލީއެވެ. ބްރަޔަން ވަނީ އެނބުރިގެޔަށް ބަދަލުވެފައެވެ.
ޑެނިސްގެ ކާރު ވެސް ޑިކް އަނބުރާ ގެނެސް ދިނެވެ. އަދި ކާރުގެ ހައްގުވެރިއަކީ އަހަރެން ކަމަށް ބުންޏެވެ. ބްރަޔަންވަނީ ކާރަށް ދިން އަގު، ފަނަރަހާސް ޑޮލަރު އަނބުރާ ޑިކް އަށް ދީފައެވެ.
ހުރިހާކަމެއް ނިމި ހަމަޔަކަށް އެޅުމުން ބްރަޔަން ވަނީ އައިސް އަހަރެންގެ ގައިގައިލޯބިން ބައްދާލުމަށްފަހު، އަންހެނެއްގެ ކަނުލޯބީގައި ޖެހި ކުރެވުނު އަދި ކުރަން އުޅުނު ނުރަގަޅު ކަންކަމަށް މައާފަށް އެދިފައެވެ. އޭގެ ކުރިން އޭނާވަނީ ތެރަޕީވެސް ނަގާފައެވެ. ދެން އެއްވެސް އަންހެނަކަށް އިތުބާރު ނުކުރާނެކަމަށް ކިޔާވަރުން އަހަރެން ތެރަޕީއަށް ފޮނުވީއެވެ.
![]()
