މެލޭޝިޔާގައި މިފެށޭ 2026 އިން ފެށިގެން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިޔާ ބޭން ކުރެވޭނެކަން ސަރުކާރުން އިއުލާން ކޮށްފިއެވެ. ރޮއިޓާސް ބުނާގޮތުން ކުދިން ސޯޝަލް މީޑިޔާ ބޭނުންކުރާ މިންވަރު މަދުކުރަމުންދާ ނުވަތަ އެއްކޮށް މަނާ ކުރަން ވިސްނަމުންމުންދާ ގައުމުތަކުގެ ލިސްޓަށް އެރުމަށް މެލޭޝިޔާއިންވެސް މިވަނީ ނިންމާފައެވެ.
މެލޭޝިޔާގެ ކޮމިޔުނިކޭޝަން މިނިސްޓަރ ފަހްމީ ފާޒިލް ވިދާޅުވެފައިވާ ގޮތުގައި 16 އަހަރުން ދަށުގެ ކުދިން ފޭސްބުކް،ޓިކްޓޮކް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ފަދަ ޕްލެޓްފޯމްތަކުގައި އެކައުންޓް ހުޅުވުން އެއީ ގާނޫނީ ކުށެއްގޮތުގައި ކަނޑައަޅާ ސަރުކާރުން މިހާރުދަނީ ގާނޫނެއް އެކުލަވާލަމުންނެވެ. މިގާނޫނާ އެކުއެކީ ރެގިއުލޭޓަރީ ގަވާއިދުތައްވެސް އިއުލާން ކުރެވޭނެއެވެ. މިގޮތުން އުމުރުހަމަނުވާ ކުއްޖަކު އެކައުންޓް ގެންގުޅޭނަމަ ބެލެނިވެރިން ކުށްވެރިވުންފަދަ ކަންކަން ހިމެނޭނެއެވެ. މިހާރުވެސް ޓެކް ކުންފުނިތަކާއި ޗައިލްޑް ވެލްފެއާ ގްރޫޕްތަކާއެކު މަޝަވަރާ ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން މިފަދަ ފިޔަވަޅެއް މިއަޅަނީ އެކިފަރާތް ތަކުން ކުދިންގެ ނާޖާއިޒްފައިދާ ނެގުން ،ސައިބަރބުލީ ކުރުން ، އަދި ކުދިންނާ ނުގުޅޭ ކޮންޓެންޓް ބެލުންފަދަ ކަންކަމުން ކުދިން ހިމާޔަތް ކުރުމަށް ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވެއެވެ.
ސޯޝަލްމީޑިޔާ އިން ކުދިންނަށްކުރާ ނޭދެވޭ އަސަރާބެހޭގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ދަނީ ބަހުތައް ކުރެވި ފިޔަވަޅުތައް އަޅަމުންނެވެ.
ދާދި ފަހުން އޮސްޓްރޭލިޔާގެ ސަރުކާރުންވެސް ވަނީ މިއަހަރުގެ ޑިސެމްބަރުމަހުން ފެށިގެން ޓީން-އޭޖް ނުވަތަ ތޭރަ އަހަރުން ފެށިގެން ދަށުގެ އުމުރުގެ ކުދިންނަށް ސޯޝަލް މީޑިޔާ ބަންދު ކުރެވޭނެކަން އިއުލާން ކޮށްފައެވެ.
ގިނަގައުމު ތަކަކުން މިކަމާމެދު ވިސްނަމުން ދިޔަނަމަވެސް ޑިސެމްބަރު 10ން ފެށިގެން އޮސްޓްރޭލިޔާގައި މިކަން ކުރަންފަށާތީ އޮސްޓްރޭލިޔާ މިވަނީ ޓީން-އޭޖް ކުދިންނަށް ސޯޝަލްމީޑިޔާ ބޭން ކުރާ ފުރަތަމަ ގައުމަށް ވެފައެވެ.
އެގައުމުން މިއަހަރުކުރީކޮޅު ހެދި ސްޓަޑީއަކުން ދައްކާގޮތުގައި 10 އަހަރާ 15 އަހަރާދެމެދުގެ ކުދިންގެ 96އިންސައްތަކުދިން ސޯޝަލްމީޑިޔާ އެކައުންޓް ތައް ގެންގުޅެއެވެ. އަދި މީގެ ތެރެއިން ކޮންމެ ދިހަ ކުއްޖަކުން ހަތްކުދިންނަށްވަނީ ނުރައްކާތެރި ކޮންޓެންޓުން ނޭދެވޭ އަސަރުކޮށްފައެވެ. މިގޮތުން ބަޑިހަނގުރާމަކުރާ ވީޑިއޯތަކާއި ، ކެއިންބުއިން ބަހައްޓަންޖެހޭ ނުރަގަޅު ގޮތްތައް ޕްރޮމޯޓް ކުރާވީޑިއޯ ތަކާއި އަދި އަމިއްލަޔަށް މަރުވުމަށް ހިއްވަރުދޭ ކޮންޓެންޓްތައް ބަލާ އެކަމުން އަސަރުކޮށްފައިވެއެވެ. އަދި ”ގްރޫމް“ ކުރުމާއި ސައިބަރ ބުލީކުރުންފަދަ ކަންކަމަށް ހުށަހެޅިފައިވާ ކަމަށްވެސް ގިނަ އަދަދެއްގެ ކުދިން ބުނެފައިވާ ކަމަށް ވެއެވެ.
![]()
