ފާއިތުވި 25 އަހަރުވެސް ނުފެތުރޭވަރަށް އެފްރިކާގެ ބައެއް ގައުމުތަކުގައި ކޮލެރާ ފެތުރެމުން އެބަދާ ކަމަށް މެޑިކަލް އެކްސްޕަރޓުންނާ ހަވާލާދީ ލިބޭހަބަރުތައް ބުނެފިއެވެ. އެފްރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލުން ބުނި ގޮތުގައި މިއަހަރުގެ މިހާތަނަށް 300،000މީހުންނާ ކުދިންނަށް ބަލިޖެހުނުކަން ވަނީ ޔަގީން ކުރެވިފައެވެ. މިއީ މިދިޔަ އަހަރުގެ ރެކޯޑްތަކަށް ވުރެ އިތުރު އަދަދެކެވެ.
ނެޑިކަލް އޮފިޝަލުން ވިދާޅުވާ ގޮތުގައި މިފަހަރުގެ އައުޓް ބްރޭކް ގައި އެންމެ ގިނައިން ބަލި ރިޕޯޓް ކުރަމުންދަނީ އެންގޯލާ އަދި ބުރުންޑީގައެވެ.
އެފްރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލުން ބުނީ ގިނަބަޔަކަށް ފަސޭހައިން ބަލި ޖެހެމުން ދާއިރު ކޮލެރާޖެހިގެން އެފްރިކާގެ ގައުމުތަކުން މިއަހަރު މިހާތަނަށް ހަތްހާސް މީހުން މަރުވެފައިވެސް ވާ ކަމުގައެވެ.
މިދިޔަ އަހަރު އެފްރިކާގެ ގައުމުތަކުން ކޮލެރާޖެހިގެން ރިޕޯޓް ކޮށްފައިވަނީ 254،075 ކޭހެވެ. ސީޑީސީގެ ޑައިރެކްޓަރ ޖެނެރަލް ވިދާޅުވީ ކޮލެރާއަކީ އަދިވެސް އެފްރިކާގެ ގައުމުތަކަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަމުގައެވެ.އަދި އަހަރެއް އަހަރަކަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރު ވަމުން ދާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ސީޑީސީގެ ޑައިރެކްޓަރ ޖެނެރަލް ވިދާޅުވީ އެންގޯލާގައި އެކަނި 33،563 އަށް ވުރެގިނަ މީހުންނަށް ބަލިޖެހި، 866 މީހުން މަރުވެފައިވާއިރު ، ބުރުންޑީގައި 2،380 މީހުންނަށް ބަލިޖެހި 10 މީހުން މަރުވެފައިވާ ކަމުގައެވެ.
ކޮލެރާ އަކީ ބެކްޓީރިޔާއަކުން ޖެހޭ ބައްޔަކަށް ވާއިރު،އާންމުކޮށް މިބަލިޖެހެނީ ނުސާފު ފެން ބުއިމުންނާއި ފައިގަ ހުންނަ ފާރުގަޑެއްފަދަ ތަނެއްގައި ނުސާފުފެން ޖެހުމުން އެތަނުގެތެރޭން ހަށިގަޑުގެ ތެރެޔަށް ބެކްޓީރިޔާ ވަދެގެންނެވެ. ބައެއްހާލަތްތަކުގައި ރޯކޮން ހުންނަ ރެދަލި މަސް، އިހިމަސް ފަދަ އެއްޗެތި ކެއުމުންވެސް ކޮލެރާޖެހޭ ކަމަށްވެއެވެ. ކޮލެރާ އަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫން ކަމުން ބަލިޖެހިފައިވާ މީހެއްގައިގައި ޖެހިލުމަކުން ބަލި ނުޖެހޭނެ ކަމަށް އެކްސްޕަރޓުން ވިދާޅުވެއެވެ.
ކޮލެރާ ޖެހުމުން ގަދަޔަށް ބޭރަށް ހިންގައެވެ.އަދި މިހެން ވުމުގެ ސަބަބުން މީހާގައިން ފެންހިއްކާލައެވެ. ކުރިން ސިއްހަތު ރަގަޅުކޮން ތިބޭ މީހުންނަށްވެސް ކޮލެރާޖެހި ފަރުވާ ނުލިބިއްޖެނަމަ ހާލު ސީރިއަސްވެ މަރުވުމާހަމަޔަށް ދެއެވެ.
![]()
