އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކެއް ނުހިންގަން: ޝެއިޚް ހަސީނާ

Loading

November 14, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ބަންގްލާދޭޝްގެ އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރު ހިންގި ހަރަކާތް މައިތިރިކުރުމަށް އިންސާނިއްޔަތާ ޚިލާފް ޖަރީމާ ހިންގަން ސިފައިންނަށް އަމުރު ކުރައްވާފައިނުވާނެ ކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެއެވެ. ހާލަތު ކޮންޓްރޯލުން ނެއްޓިގެން ދިޔަކަމަށާ އެތައްބަޔެއްގެ ފުރާނަ ގެއްލިގެން ދިޔަކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށާ އެހެން ނަމަވެސް ހަތިޔާރެއް ނެތް އާންމުން ގަޔަށް ބަޑިޖަހަށް އޭނާ އަމުރު ނުކުރައްވާ ކަމަށް ހަސީނާ ވިދާޅުވެފައިވެއެވެ.

ނަމަވެސް ”ލީތަލް ވެޕަންސް“ ނުވަތަ ފުރާނަޔަށް ގެއްލުންވާފަދަ ހަތިޔާރު ބޭނުން ކުރުމަށް ހުއްދަ ދެއްވާ އެކަމަނާ ކުރެއްވި ފޯން ކޯލް އެއްގެ ރެކޯޑިންގ ކޯޓުގައި ޕްރޮސެކިއުޓަރުން ވަނީ އިއްވާފައެވެ.

އިދިކޮޅު ފަރާތްތައް ގުޅިގެން ހިންގި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެކަމަނާވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ. ނަމަވެސް އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވަމުން ގެންދެވިއެވެ.

ހަސީނާ ވަޑައިގެންނެވުމުން އެގައުމުގައިވަނީ ވަގުތީ ސަރުކާރެއް ގާއިމް ކޮށްފައެވެ. އަދި ފެބްރުއަރީ މަހު އާންމު އިންތިޚާބް ބާއްވާނެކަން ވަނީ އިއުލާން ކޮށްފައެވެ.

އިދިކޮޅުފަރާތްތަކުން ބުނަނީ ހަސީނާގެ އަމުރަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން1،400މީހުން  މަރުވެފައިވާ ކަމުގައެވެ. މިމައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާ ޚާއްސަ ޓްރައިބިއުނަލް އަކުން ހަސީނާގެ ޣައިރު ހާޒިރުގައި ޝަރީއަތް ފަށާ ހުކުމް އިއްވަން ވަނީ ތައްޔާރުވެފައެވެ.

2024 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު ގައުމު ދޫކުރައްވާ ވަޑައިގެންނެވިފަހުން ބީބީސީ އަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ޝެއިހް ހަސީނާ ވިދާޅުވީ އޭނާއާ ދެކޮޅަށް ކުރިއަށް ގެންދާ ޝަރީއަތަކީ ސިޔާސީ ވާދަވެރިން ”ކެންގަރޫ ކޯޓެއްގައި“ ކުރިއަށް ގެންދާ ”ފާސް“ އެއް ނުވަތަ ކުޅޭކުޅޭ ޝަރީއަތެއް ކަމުގައެވެ. އަދި އެކަމަނާ ކުށްވެރިވާ ކަމަށް ނިންމާނެ ކަމަށް ޔަގީން ކަމަށް ހަސީނާ ވިދާޅުވިއެވެ.

ޝެއިޚް ހަސީނާ އާއި ދެކޮޅަށް ކުރާ ޝަރީއަތް ނިންމާ ހޯމަ ދުވަހު ހުކުމް އިއްވަން ތައްޔާރުވެފައިވާއިރު، ޕްރޮސެކިއުޓަރުން ވަނީ ބޭނުންވަނީ މަރުގެ އަދަބު ކަމަށް ބުނެފައެވެ.

ހޯމަ ދުވަހު ބާއްވާ ހުކުމް އިއްވުމުގެ އަޑުއެހުމާ ދިމާކޮށް ހަމަނުޖެހުން ހިންގާނެ ކަމަށް ބަލާ ޓްރައިބިއުނަލް ހިންގާ އިމާރާތުގެ ވަށާ ވަނީ މިހާރުން ފެށިގެންވެސް ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައެވެ.

ބަންގްލާދޭޝްގެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ އދގެ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ޔަގީން ކޮށްދީފައެވެ.

ޝެއިޚް ހަސީނާ ގައުމު ދޫކުރައްވާ ފިއްލަވައިގެން ފުރާވަޑައިގެންނެވުމަށްފަހު ވަޑައިގަތީ އިންޑިޔާ އަށެވެ. އަދި ޝަރީއަތުގެ މަޖިލީހަށް ހާޒިރު ވުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ.

ޝެއިޚް ހަސީނާ ގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލުނީ މިއަހަރުގެ ޖުލައިމަހުއެވެ.އޭނާއާއި އެކު ކުރީގެ ހޯމް މިނިސްޓަރަށާ އަދި ކުރީގެ އިންސްޕެކްޓަރ ޖެނެރަލްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލިފައެވެ.

ހަސީނާ ވިދާޅުވީ އަމިއްލަ ނަފްސް ދިފާއު ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާ އަދި ގާނޫނީ ވަކީލުން އައްޔަން ކުރުމުގެ ފުރުސަތުވެސް ނުލިބޭ ކަމުގައެވެ. އަދި އިދިކޮޅު ފަރާތްތަކުން މިހާރު ބޭނުން ވަނީ އޭނާގެ ޕާޓީ އަވާމީލީގް އުވާލާ ސިޔާސީ މަޝްރަހުން އެއްކައިރި ކުރަން ކަމުގައެވެ.

ފެބްރުއަރީ މަހު އޮންނަ ޖެނެރަލް އިލެކްޝަންސްގައި އަވާމީ ލީގަށް ވާދަ ނުކުރެވޭނެ ކަމަށް ސަރުކާރުން މިހާރުވެސް ވަނީ ނިންމާފައެވެ.    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް