ދުނިޔޭގެ ފެންވަރުގެ ބޮޑީބިލްޑިންގ މުބާރާތްތަކުގައި ބައިވެރިވަމުންދާ އަފްޢާނިސްތާނުގެ ރޯޔާ ކަރީމީ އަކީ އަފްޢާނިސްތާންގައި އޮންނަ ހަރުކަށި އުސޫލުތަކުން ގަދަކަމުން ސަލާމަތް ވެގެން ނިކުތް ”ޗައިލްޑް ބްރައިޑް“ އެއްކަން ބަލާމީހުންނަށް އިހުސާސްވެސް ނުކުރެވެއެވެ.
ގަދަޔަށް މޭކްއަޕް ކޮށް އިސްތަށިގަނޑު ގައި ބްލޮންޑް ކުލަ ޖައްސާފައިވާއިރު، މިހަމަޔަށް އައުމަށް އޭނާކުރި ދަތުރު އޭނާވަނީ ބީބީސީ އަށް ކިޔާދީފައެވެ.
އޭނާކިޔާދިން ގޮތުގައި އަފްޢާނިސްތާންގެ އާންމު އުސޫލުގެ މަތިން، އުމުރުން އެންމެ 15 އަހަރުގައި އޭނާ މީހަކާދެވިއެވެ.އަދި ފިރިހެން ދަރިއަކު ލިބިފައި ވެއެވެ.ނަމަވެސް އަފްޢާނިސްތާންގައި އޮންނަ އަންހެނުންނަށް ފިއްތުންތައް ބޮޑު ދިރިއުޅުމުގައި ހުންނަން އޭނާގެ ހިތެއް ނުރުހުނެވެ. އެހެން ކަމުން 2011 ވަނަ އަހަރު އޭނާވަނީ އޭނާގެ ދަރިފުޅާ މަންމަ ގޮވައިގެން ފިލައިގެން ނޯވޭއަށް ގޮސްފައެވެ.
މިއަދު އުމުރުން 30 އަހަރުގެ ރޯޔާ ކަރީމީ ނޯވޭ އަށް ދިއުމަށްފަހު އޭނާގެ ތައުލީމު ފުރިހަމަ ކުރިއެވެ.އަދި އެއަށްފަހު ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިއެވެ. މިހެން އުޅުމުގެ ތެރޭގައި އޭނާޔާވަނީ މިހާރުގެ ފިރިމީހާ ކަމާލް ޖަލާލުދީން އާއި ބައްދަލް ވެފައެވެ. އޭނާއަކީ ބޮޑީބިލްޑަރެކެވެ.
ފިރިމީހާ ކަމާލްގެ ސަޕޯޓްއާއި އެކު ރޯޔާ ކަރީމީ ޖިމް އަށް ދާންފަށާ، ސިއްހީ ގޮތުން ރަގަޅު އާދަތަކެއް އަށަގެނުވިއެވެ. އަދި އެންމެ ފަހުން ބޮޑީބިލްޑްވެސް ކުރަން ފަށާ އެންމެ ދެއަހަރުގެ ތެރޭގައި އޭނާވަނީ މިރޮގުން ބޮތެތި ކުރި އެރުންތައް ހޯދާފައެވެ. މިއަދު ރޯޔާ ކަރީމީ އަކީ ޔޫރަޕްގެ އެންމެ މޮޅު ބޮޑީބިލްޑަރުންގެތެރޭގައި ގުނާލެވޭ އަންހެނެކެވެ. އޭނާ މިހާރުދަނީ މިހަފްތާގައި ބާއްވަން ތައްޔާރު ވަމުންދާ ދުނިޔޭގެ ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ތައްޔާރު ވަމުންނެވެ.
ރޯޔާ ކަރީމީ ބުނީ ނަފްސާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެޅިފަ ހުރި ހުރަސްތައް، ކަސްރަތުކޮށް ބޮޑީބިލްޑް ކުރުން ފަދަ ކަމެއްގައި އުޅުމުން ފިލައިގެންވަނީ ގޮސްފައެވެ. އޭނާބުނީ އަފްޢާނިސްތާންގައި އަންހެނަކު މިނިވަންކަމާއެކު ކަސްރަތު ކޮށްލުމުގެ ހުއްދަވެސް ނޯންނަ ކަމަށެވެ.
އަފްޢާނިސްތާންގައި ފެށުނީއްސުރެވެސް އަންހެނުންނަށް ފުރިހަމަ މިނިވަންކަން ނޯންނަ އިރު، 2021 ވަނަ އަހަރު ޠާލިބާނުންގެ ވެރިކަމެއް އައިފަހުން މިކަން ވަނީ އިތުރަށް ގޯސްވެފައެވެ. މިއަދު އަފްޢާނިސްތާންގެ އަންހެން ކުދިންނަށް ސްކޫލްއަށް ދެވެނީވެސް 12 އަހަރުވަންދެނެވެ. އަންހެނުން އާންމު ތަނެއްގައި އަޑުއުފުލާ ވާހަކަ ދެއްކުންވެސް މަނާކޮށްފައިވާއިރު، މަހުރަމަކާ ނުލާ އަންހެނުން ދަތުރު ކުރުންވެސް ވަނީ މަނާ ކޮށްފައެވެ.
ރޯޔާބުނި ގޮތުގައި އެފަދަ ހާލަތުން ސަލާމަތް ވީހަމަ ނަސީބަކުންވެ. މިއަދު ވެސް އެގައުމުގެ ގިނަ އަންހެނުންނަށް އެންމެ އަސާސީ އިންސާނީހައްގުތައް ކަމަށްވާ ތައުލީމާއި ސިއްހީ ހިދުމަތް ލިބެމުން ނުދާކަމީ ވަރަށް ވެސް ހިތްދަތިވާ ކަމެއްކަމުގައެވެ.
2011 ވަނަ އަހަރު ނޯވޭއަށްގޮސް ވެސް ރޯޔާ ކަރީމީ އަށް އުޅެންޖެހުނީ މާފަސޭހަ ދިރިއުޅުމެއް ނޫނެވެ. ނޯވޭއިން އޭނާޔަށް ކުރިމަތިލާން ޖެހުނީވެސް މުޅިންތަފާތު ވެއްޓެކެވެ. ނޯވޭގެ ބަސް ދަސްކުރުމާއި ތަފާތު، އެހެންނަމަވެސް މާމިނިވަން ސަގާފަތަކަށް ހޭނުމާއި އަދި މަންމައާއި ދަރިފުޅު ބެލުމަށް ފައިސާ ހޯދުމުގެ މައްސަލައެވެ.
ނަމަވެސް އެދުވަސްތައް މިއަދު ހަންދާން ކުރަން ބޭނުން ނޫން ކަމަށް އޭނާ ބުނެފައި ވެއެވެ.
ފިރިމީހާ ކަމާލް އާއި ބައްދަލް ވީއިރުވެސް އެކި ސްޕޯޓްސް ގައި ބައިވެރިވަމުން ދިޔަނަމަވެސް ބޮޑީބިލްޑިންގގެ ތެރެޔަށް ވަދެވުނީ ފިރިމީހާގެ ސަޕޯޓާއި ހިއްވަރު ދިނުމާއި އެކުކަމަށް އޭނާބުނެފައި ވެއެވެ. ފިރިމީހާ ސަޕޯޓްކޮށް ހިއްވަރުދޭން ހުރިނަމަ ކޮންމެ އަންހެނަކަށްވެސް އަދަޔާޚިލާފް ކާމިޔާބީތައް ހާސިލް ކުރެވޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
މީގެ 18 މަސް ކުރިން އޭނާވަނީ ވެރިރަށް އޮސްލޯގެ ބޮޑު ހޮސްޕިޓަލެއްގައި އަދާކުރަމުން ގެންދިޔަ ނަރުހެއްގެ ވަޒީފާ ދޫކޮށް ޕްރޮފެޝަނަލްކޮށް ބޮޑީބިލްޑިންގ އަށް ހުސްވެ ހުރުމަށް ނިންމާ އެކަން ކޮށްފައެވެ.
އަމިއްލަ މިނިވަންކަން ހޯދުމަށް 15ވަރަކަށް އަހަރުވަންދެން އޭނާކުރި މަސައްކަތުން އަފްޢާނިސްތާންގެ އެހެން އަންހެނުންނަށްވެސް ހިއްވަރުލިބުމަކީ އޭނާކުރާ އުންމީދެއްކަމަށް ރޯޔާ ބުނެފައި ވެއެވެ.
![]()
