އިންޑޮނީޝިޔާގެ ކުރީގެ ރައީސް ސުހާޓޯ އަކީ ގައުމީ ބަޠޮލެއް ކަމަށް އެގައުމުން ކަނޑައަޅައިފި

Loading

November 10, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އިންޑޮނީޝިޔާގެ ކުރީގެ ރައީސް ސުހާޓޯ އަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ލެގަސީ ފެތުރިފައި ވަނިކޮންވެސް އޭނާއަކީ ޤައުމީ ބަޠޮލެއް ކަމަށް އެގައުމުން ކަނޑައަޅައި، ނެޝަނަލް ހީރޯ އެވޯޑް ދީފިއެވެ. ސަރުކާރުގެ މިނިންމުމާއި ގުޅިގެން އާންމުންގެ މެދުގައި ހޫނު ބަހުސްތައް ފެށިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ފަސްދޮޅަހުގެ އަހަރުތަކުން ނުވަދިހައިގެ އަހަރުތަކަށް ދެމިގެން ދިޔަ ސުހާޓޯގެ ”ނިއުއޯޑަރ ރެޖީމް“ ގައި އިގްތިސާދީ ގޮތުން ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައި ވީނަމަވެސް ސީޔާސީ ވާދަވެރިންނާދެކޮޅަށް ހަރުކަށިކަންތައްތަކެއް ވަނީ ހިންގަވާފައެވެ.އަދި ރައީސް ސުހާޓޯގެ އަމުރަށް އެތައްހާސް އިދިކޮޅު މެމްބަރުން މަރާފައިވާ ކަމަށްވެސް ދަނީ ތުހުމަތު ކުރެވެމުންނެވެ.

ނެޝަނަލް ހީރޯ އެވޯޑް އެރުވުމަށް ހޯމަދުވަހު ބޭއްވުނު ރަސްމިއްޔާތުގައި ސުހާޓޯ އާއި އެކު 10 ފަރާތަކަށް މި އެވޯޑް ދީފައި ވެއެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ މިހާރުގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ އެވެ. ޕްރަބޯވޯ ސުބިއަންޓޯ އަކީ ސުހާޓޯ ގެ ދަނބިދަރިއެކެވެ.

ޖަކާޓާ ގައި ހުންނަ ސްޓޭޓް ޕެލަސްގައި ބޭއްވުނު ރަސްމިއްޔާތުގައި ސުހާޓޯގެ ފަރާތްޕުޅުން ނެޝަނަލް ހީރޯ އެވޯޑް އާއި ހަވާލުވީ ސުހާޓޯގެ ބޭފުޅުން ކަމަށް ވެއެވެ.

އެވޯޑް ސެރަމަނީ ރައީސް އޮފީހުން ލައިވް ސްޓްރީމް ކުރަމުން ދިޔައިރު ޕްރެސެންޓަރ ބުނި ގޮތުގައި ސުހާޓޯގެ ޚިދުމަތްތަކުގެ އަގު ބޮޑަށް ފާހަގަވެގެންދިޔައީ އިންޑޮނީޝިޔާ އަށް މިނިވަންކަން ލިބުނު ތާރީޚާ ގުޅުވާ ކަމުގައެވެ.އަދި އޭރު އިންޑޮނީޝިޔާގައި ތިބި ޖަޕާން ސިފައިން ބޭލުމަށް 1945 ވަނަ އަހަރު ކުރެވުނު ހަނގުރާމަވެސް ކާމިޔާބް ވީ ސުހާޓޯ ގެންގުޅުއްވި އުސޫލްތަކުގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ.

އިންޑޮނީޝިޔާގެ ނެޝަނަލް ހީރޯ އެވޯޑް ދިނުމަށް އޮކްޓޯބަރުމަހުވަނީ 50 ފަރާތެއް  ނޮމިނޭޓް ކޮށްފައެވެ. ސުހާޓޯ އެވޯޑަށް ނޮމިނޭޓް ވީހަމައިންވެސް އެކިފަރާތްތަކުން ވަނީ ނުރުހުން ފާޅު ކުރަން ފަށާފައެވެ.

ސުހާޓޯ އަށް ނެޝަނަލް ހީރޯ އެވޯޑް މިއަދު ދިނުމާއި ގުޅިގެން އިންޑޮނީޝިޔާގެ ސިވިލް ސޮސައެޓީ ގެ އެކިފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ. އަދި މިހާރުވަނީ އޮންލައިން ޕެޓިޝަން އެއްގައި ސޮއިކުރަންވެސް ފަށާފައެވެ. މިޕެޓިޝަންގައި މިއަދު މެންދުރު ވީއިރު 16،000 މީހުން ސޮއިކޮށްފައިވާ ކަމަށްވެއެވެ.         

Loading

Leave a Reply

ފަހުގެ އަޕްޑޭޓް