އަހަރެން ވަރިކޮށްފައި އެއްލާލަން ފިރިމީހާ ނިންމި ހިނދު

Loading

Facebook
Twitter
WhatsApp

އެރޭ ބޭރުން އައިސް ވާހަކައެއް ދައްކާލަން ބޭނުމޭ މައިކަލް ބުނިހަމައިން އިންތިޒާރު ކޮށްގެންހުރި ވަގުތު މިޖެހުނީކަން އަހަރެންނަށް އެނގުނެވެ.

ދެމީހުން ކައިވެނިކޮށްގެން މިވީ 15 އަހަރުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް އުފާވެރިކަމުގައި ހަމަޖެހިގެން އުޅެވުނު ނަމަވެސް ފަހަކަށް އައިސް މައިކަލް ހުންނަނީ ކައިވެނިން ބޭރަށް އެއްފައި އަޅައިގެންކަން އަހަރެންނަށް އިހުސާސް ކުރެވެން ފެށިއެވެ. ކައިވެނި ދެމެހެއްޓުމަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭން ފެށިއެވެ. ދެމީހުން އެކުގައި ވަގުތު ހޭދަ ކުރުމަށް އިސްކަން ނުދޭން ފެށިއެވެ.އޭގެ ބަދަލުގައި އަމިއްލަ ”ބޮނޑި“ ބަންނަން ފެށިއެވެ. އަބަދު އަހަރެންނަށް އެއްޗެތިކިޔާ ގަދަރު ކުޑަ ކުރަން ފެށިއެވެ. އަހަރެންމީ އެއްވެސް މީހެއްނޫންކަމަށް ދެކެން ފެށިއެވެ.

އޭނަބޭނުން ކުރުމަށް އަބަދުވެސް ގަންނަން ބޭނުންވަނީ ޑިޒައިނަރ ގަމީހާ ކޯޓުތަކެވެ. އަގުބޮޑު ފޯނާއި ބޫޓާ، ޓައީފަދަ އެއްޗެތި އެއްކުރިއެވެ. މިފަދަ ކަންކަމާ ދެބަސްވުންތައް ގިނަވެ، ކަންތައް ތައް ގޯސްވަމުން ގޮސް އެންމެ ފަހުން ވަރިއާ ހަމައަށް ވެސް ދިޔައީއެވެ.

ވަކީލުގެ އޮފީހުގައި ދެއްކި ވާހަކައިގެ ތެރޭގައި ގެޔާއި ކާރާއި އަދި ބޭންކް އެކައުންޓް ގައި ހުރިފައިސާ ނަގާނީ އޭނާ ކަމަށް މައިކަލް ބުންޏެވެ. އަހަރެން އެއްފަހަރުން އެއްބަސްވީމެވެ. އަހަރެން އެހާފަސޭހައިން އެއްބަސްވީމަ އޭނަ އިނީ ފާޑަކަށް ހައިރާންވެފައެވެ. އެއްވެސް ވަރަކަށް ”ހަނގުރާމަ“ އަކަށް ނުގޮސް އަހަރެން އެއްބަސްވީމައެވެ. އޭނަހީކުރީ އަހަރެން ރޯންފަށާ، އާދޭސް ކުރަންފަށާނެ ކަމަށެވެ.  އޭނަޔަށް ނޭގޭ އެއްޗަކީ އަހަރެން އަދި ބަލިކޮށްނުލެވޭ ކަމެވެ. އެންމެ ފަހު ކާޑު ކުޅޭނީ އަހަރެން ކަމެވެ.

ވަކީލުގެ އޮފީހުން އަހަރެން ނިކުތް އިރު މުޅިދުނިޔެވަނީ ބަނަކޮށް ކަޅު ކޮށްލާފައެވެ. އަހަރެންގެ ދުނިޔެ ކަޅު ވެގެން ދިޔަ ގޮތަށޭ ބުނާކަހަލައެވެ. ދެކޮނޑު އެލުވާލައިގެން ވަރިކުރީމަ އަންހެނަކު ދާގޮތަށް ހިނގާފަގޮސް އަހަރެން ލިފްޓަށް އެރީމެވެ.އެހާ ހަމައިން އަހަރެންގެ ހިނގަނޑު ފަޅައިގެން ދިޔައެވެ.ކުޅިބައިގެ އެންމެ ފަހު ގުޑުވުން އޮތީ މަށަށް ކަން މައިކް އަށް ނޭނގުނީމައެވެ. އަހަރެން ހީނގަތްއިރު ނަސީބަކުން ކައިރީގަ އެހެން މީހަކު ނެތެވެ.

އަހަރެންގެ އެއްޗެތި ޕެކްކުރަން މައިކް ދިނީ އެރޭ އިރުއޮއްސި 6 ޖަހަން ދެންނެވެ. އަމިއްލަ އެއްޗެހި ޕެކް ކުރަން އެހާ ގިނަ އިރެއް ނުނެގިއެވެ. ފަހު ފޮށިގަނޑު ޓޭޕް އެޅުމަށްފަހު އަހަރެން ފުރަތަމަ ފޯން ކޯލް ކުރީމެވެ. އަހަރެންގެ މަންމަ އަށެވެ. އޭގެ ކުރިން މެސެޖް ކޮށްފަ އަހަރެން ބުނީމެވެ. ”މަންމަ ތައްޔާރުވާށެވެ. ވަކީލުގެ އޮފީހުން އަހަރެން މިހާރު މިދަނީ ގެޔަށް އެއްޗެތި ޕެކް ކުރާށެވެ. ނިންމާލާފަ ގުޅާނަމެވެ.“

އަހަރެންނާއި މައިކް ކައިވެނިކޮށްގެން ފުރަތަމަ އުޅުނީ މަންމަމެންގެ ގޭގައެވެ. ނަމަވެސް ވިއްކާ ބޮޑު ރީތި ގެޔެއް ފެނިގެން އެގެ ގަންނަން މައިކް ބޭނުން ވިއެވެ. ނަމަވެސް ގޭގެ ޑައުންޕޭމަންޓުވެސް ދައްކާނެ ވަރުވެސް ނެތުމުން އެކަމުގައި އެހީތެރިވީ އަހަރެންގެ މަންމަ އެވެ.އަދި މިކަމުގެ އެއްބަސްވުމުގެ ކޮންމެވެސް ތަނެއްގައި، މަންމަ ބޭނުން ވަގުތަކު ގޮސް ބޭނުންހާ ދުވަހަކު އެގޭގަ އިނދެވޭނެ ކަމަށް އެއްބަސްވާކަމަށް އިބާރާތެއް ލިޔެފައިވާނެއެވެ.އަދި މަންމަޔަށް ތަޅުދަނޑިވެސް ވަނީ ދީފައެވެ.

ގެގަންނަން އަވަސްއަރާފަ ހުރިވަރުން މައިކަލް އެގްރީމަންޓްގެ ހުރިހާ ކުދި ކުދި އިބާރާތްތައް ނުކިޔައެވެ. މިކަން އަހަރެން ދެނަހުރީމެވެ.

މައިކަލް އަހަރެން ބާކީ ކޮށް އެއްލާލަން އުޅޭކަން އިނގުނު ހަމައިން އަހަރެން ބޭނުން ކުރަން ނިންމީ މިކާޑެވެ.މަންމަޔާގުޅާ ހުރިހާ ވާހަކައެއް ކިޔާ ދިނުމަށްފަހު މިކަމުގައި އަހަރެންނަށް އެހީތެރި ވުމަށް އެދުނީމެވެ.މަންމަ އޭރު އޮތީ އެއްބަސް ވެފައެވެ.

ވަރިކުރިދުވަހު މަންމައާ ގުޅުމުން މަންމަ ވަރަށް ހިއްވަރު ދިނެވެ. އަދި ހުރިހާކަމެއްވެސް ރަގަޅުވާނެ ކަމަށްބުނެ ކުރިޔަށް ބެލުމަށް ނަސޭހަތްތެރިވިއެވެ. މައިކަލްގެ ކަންތައް ހުންނަ ގޮތުން މަންމަވެސް އައީ ފާޑަކަށް މިވަގުތަށް އިންތިޒާރު ކުރަމުން ކަމުގައި ބުންޏެވެ. ދެމީހުން އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު އަހަރެން ހިތްހަމަޖެހުމުގެ ނޭވާއެއް ލަމުން ފޯނު ބޭއްވީމެވެ.

އަހަރުމެން ކައިވެނި ކުރި ހަމައިންފެށިގެންވެސް މަންމައަށް މައިކަލްގެ ގޯސްކަން އިނގޭ ކަހަލައެވެ.އެދެމީހުން އެހާ ނުގުޅޭނެއެވެ.އެކަމަކު އަހަރެންނަށްޓަކައި ދެން ގަބޫލުވީއެވެ.

އެދުވަހު އަހަރެންގެ އަމިއްލަ އެތިކޮޅު ހިފައިގެން އަހަރެން ކުއްޔަށް ނެގި ކުޑަ އެޕާޓްމަންޓަށް ގޮސް ހަމަޖެހިލީމެވެ.

އަނެއްދުވަހު ހެނދުނު އެރި އިރާއެކީ އަހަރެންގެ ފޯނަށް ކޯލެއް އައެވެ. ބަލާލިއިރު ގުޅަނީ މައިކަލް އެވެ. އަހަރެން ކޯލް ނެގުމަށްފަހު ވަރަށް ލޯބި އަޑަކުން ހަލޯއޭ ބުނީމެވެ. މައިކަލް ފުރަތަމަވެސް ފެށީ ހަޅެއްލަވާށެވެ.“ކަލޭ އަހަރެންނަށް ލަނޑެއް ދިނީ އެވެ.އަހަރެންނަށް އޮޅުވާލީއެވެ.“

އަހަރެން ވަރަށް ހަމަޖެހިލާފަ ބުނީމެވެ. ”މިހާރު ކިހިނެއް ވީހެއްޔެވެ. ތިޔަކިޔާއެއްޗެއް ނޭގެއެވެ.“

”ކަލޭގެ މަންމައެވެ. މަންމަ ކުއްލިއަކަށް އައިސް މިގެޔަށް ވެރިވެގަނެގެން އެބައުޅެއެވެ.“

”މަންމަ ދިޔަނަމަ ދިޔައީ ގާނޫނީގޮތުން މަންމަޔަށް ލިބޭ ހައްގެއްގެ ދަށުންނެވެ.ޑައުންޕޭމަންޓް އެގްރީމެންޓްގައި ސޮއިކުރިއިރު އެބައި ހިމަނާފައި ވޭނޫންހެއްޔެވެ.“  

އަހަރެން މިހެން ބުނުމުން އެތައްއިރަކު އެއްޗެކޭ ނުބުނެ ހުރުމަށްފަހު އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.“ކަލޭ އަހަރެންނަށް އޮޅުވާލީއެވެ. އަހަރެންގެ ލޯޔަރުން ….“ މިހާހަމަޔަށް ބުނާއިރަށް މަންމަގެ އަޑު ފަހަތުން އިވުނެވެ. ”މައިކަލް ތިޔަ ކޮފީ ޓޭބަލުން ފައިނަގާށެވެ. އަދި ރިމޯޓާ ތިގޮތަށް ނުކުޅެ ރިމޯޓް ތަނެއްގައި މަޑުން ބާއްވާށެވެ.“ މައިކް ރުޅިއައިސްގެން އަޑުދަށުން އެތިވަރު ގޮވަމުން ފައި ތިރިކުރި އަޑު އިވުނެވެ. އޭގެ ފަހުން

”ބާބަރާ، މިއީ އަހަރެންގެ ގެޔެކެވެ.“ މައިކް މިހެންކިޔާފަ ހަޅޭއްލަވައިގަތް އަޑު އިވުނެވެ.

”މާބާރަށް ހަޅޭއް ނުލަވާށެވެ.ކަލޭގެ ގެޔެކޭ އެއްވަރަށް މީއަހަރެންގެވެސް ގެޔެކެވެ.“ އިރުކޮޅަކުން މަންމަ ބުނެޏެވެ. “ ފްރިޖް ގަ އެހެރީ ކޯޗެއް ހެއްޔެވެ.އަހަރެންނަކަށް އެކަހަލަ ގަނޑުކުރި އެއްޗިއްސެއް ނުކެވޭނެއެވެ.ރަގަޅަށް ގްރޯސަރީ ގަންނަންވެސް ކަލެޔަށް ނޭގޭދޯއެވެ.“

އަހަރެން ގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އިރުކޮޅަކުން މަންމަ ބުނާއަޑު އިވުނެވެ. ”ތިޔަ ޓީވީގެ އަޑުމަޑުކުރާށެވެ. ކަލޭތިޔަބަލާ ކުނިބުނި އަހަރެންނަކަށް ނުބެލޭނެއެވެ. ކަލޭބޭނުން ނަމަ އަޑު މަޑުކޮށްގެން ބަލާށެވެ.“ އަނެއްކާވެސް، ހިތުން މަންމަޔަށް ނީވޭ ވަރަށް އެތިވަރު ގޮވައިގަތުމަށްފަހު މައިކަލް ކުއްލިއަކަށް ފޯނު ކަނޑާލިއެވެ.

ހިނި އައިސްގެން ގޮސް އަހަރެންނަށް ކައިރީގައިހުރި ގޮނޑީގައި އިށީދެވުނެވެ.މިނިވަންކަން އިހުސާސް ކުރެވުނުލެއް ބޮޑުކަމުންނެވެ.

މަންމަ އެހެރީ ގަސްތުގަ މައިކަލް އަށް ތުރާ ކުރަން ނިންމައިގެންނެވެ. މަންމަޔާއި އަހަރެން އެއްބަސްވެފައިވާ ގޮތުގެ މަތިންނެވެ. މަންމަ އެގޭން ނެރޭނަމަ މައިކަލްއަށް ޖެހެނީ މަންމަ ބުނި ބަދަލެއް ދޭށެވެ. ފައިސާއެވެ. ކާރެވެ.އަދި ދެންވެސް ބުނިއްޔާ ބުނިހާއެއްޗެކެވެ. އެ ގެ އަހަރެން ބޭނުމެއްވެސް ނޫނެވެ. ދެމީހަކު އުޅެން މާބޮޑީއެވެ.އެކަމަކު އަހަރެންގެވެސް މަސައްކަތުން އެއްކުރި ފައިސާކޮޅު ބޭނުމެވެ.ކާރުވެސް ބޭނުމެވެ. މިއެއްޗެތި އަހަރެންނަށް ލިބޭނެ ކަމާމެދު ޝައްކެއް ނުކުރަމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް