އަހަރެންގެ ބަނޑު

Loading

September 3, 2025
profile
Facebook
Twitter
WhatsApp

އަހަރެންގެ ބަނޑުލާފައި ހުންނާތީ ވަރަށް ގިނަ ބަހުގެ ގޯނާތަކާ ދިމާވިއެވެ. އޭރު އެކަމާ ވަރަށް ރުޅިވެސް އާދެވެއެވެ. އެހެންޏާފަހެއެވެ. މިއުޅޭ ”އާންޓީމެން“ ނުބެހޭކަށް ކަމެއްވެސް ނޯވެއެވެ. 

އެއްފަހަރަކު އަހަރެން މަސައްކަތްކުރި ފިހާރައަކަށް ކޮންމެ ދުވަހަކު އަންނަ ”އާންޓީ“އެއް އެހިއެވެ. ”ވިހަނީ ކޮންއިރަކުންހެއްޔެވެ؟“ ކިތަންމެ ރުޅިއެއް އަޔަސް އަހަރެންގެ ކަސްޓަމަރެއް ވިއްޔާއެވެ. ޖެހުނީ ހައްޕު ކިޔައިގެން ހުންނާށެވެ.

އޭރު ފެންނަ ކޮންމެ މީހަކުހެން އަހަރެންގެ ބަނޑާ ބެހެއެވެ. ބަނޑޭ ކިޔާފައި އެއްޗެއް ބުނެނުލައި ދެވޭ ކަމަކަށް ނުހަދައެވެ. ބައެއް ފަހަރަށް މޮޅެތި ޖަވާބުދީ މީހުންގެ އަނގަވެސް ބައްދާލަމެވެ. އެހެންޏާފަހެއެވެ. މިއީ ކޮންފަދަ ކަމެއްހެއްޔެވެ؟

ބަނޑު ހިންދަން އަހަރެން ނުކުރާ ކަމެއް ނެތެވެ. ކަސްރަތެވެ. ޑައިޓެވެ. ފައިދާހުރި ކާނާއެވެ. ގަވައިދުން ނިދުމެވެ. ޓަސްލާފައި ބަނޑު ހިންދާލާނެ ކަމަށް ބުނާ މޮޅެތި ބުއިންތަކެވެ.

ލައްކަ ދުވަހު މަސައްކަތުން އަހަރެން ހިކުނެވެ. އެކަމަކު ބަނޑަކަށް އެނގުމެއް ނުވިއެވެ. އެންމެފަހުން ފޫހިވެގެން އެކަންވެސް ހުއްޓާލައިފީމެވެ.

މިހާރު މީހަކު ބަނޑޭ ބުނާއިރަށް އަހަރެން ހެދެނީ މާބަނޑު މީހަކަށެވެ. މިހާރު މީހުންނަށް ފެންނާނީ އަބަދުވެސް އަހަރެން ވިހަންވެފައި ހުއްޓައެވެ. އެއަށްވުރެ މޮޅު ގޮތެއް ނޯންނާނެތާއެވެ!

ދެން ދިމާވާންފެށީ މާ ރަނގަޅު ގޮތެކެވެ. ތަނަކަށް ޚިދުމަތެއް ހޯދަން ދިޔަސް ކިޔޫގައި ތިބޭ މީހުން އެއްބަސް ކިޔާފައި އަހަރެންނަށް ކުރިން ފުރުސަތު ދެއެވެ.

އެއްދުވަހަކު ބަހަށް އެރިއިރަށް ގޮނޑިއެއްވެސް ހުސްކޮށްދީފިއެވެ. އެހެން ދުވަހަކު އެއާޕޯޓަށް އިންޓަވިއުއަކަށް ދިޔަތަނާ، ޓެކްސީ ޑުރައިވަރު އަހަރެން މާބަނޑު މީހެއް ކަމަށް ބުނުމުން ޚާއްޞަ ފުރުސަތެއް ލިބުނެވެ. އެހެން ދުވަހަކު މަގުމަތީ ބާޒާރުގައި ހުރި ސޭޓަކުވެސް އަހަރެން މާބަނޑު މީހެކޭ ހިތައި ނިކަން ހެޔޮކޮށް ކަންކަން ކޮށްދީފިއެވެ.

މިހާރު ހިތަށްއަރައެވެ. ބަނޑެއްލާފައި ހުރުމަކީވެސް ނިޢުމަތެކެވެ. މިހާރު މާ ރަނގަޅެވެ. އަހަރެން ހުންނަ ސިފަ ފެންނާނީ އެހެން މީހުންނަށްތާއެވެ. ކޮންމެ ގޮތަކުންވެސް އަހަރެންނަށް ރަނގަޅު ގޮތްގޮތަށް ކަންކަން ވަންޏާ އަހަރެންނަށް އެ ނިމުނީއެވެ.

Loading

One Response

  1. ޙީލަތުގެ ދިރިއުޅުމަކަށް ދިރިއުޅުން ބިނާކޮށްގެން ލިބޭނީ ކޮންހަމަޖެހުމަކާއި ފައިދާއެއް ހެއްޔެވެ.
    އޮޅުވައި ލައިގެން މަންފާއަކާއި ފައިދާއަކަށްވުރެ ، ތެދުހާމަކޮށްގެން ކުރިނަތިވާ އުނދަގުލަކާއި ތަޙަންމަލްކުރަންޖެހޭ ވޭނެއް މާރަނގަޅުވެފައި ހެޔޮކަންބޮޑުވެގެންވެއެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް