އޮކްޓޫބަރު 12 އިން ފެށިގެން ޔޫރަޕުގެ 29 ގައުމަކުން ދަތުރުވެރިންގެ ޕާސްޕޯޓުގައި ސްޓޭމްޕް ޖެހުން ހުއްޓާލުމަށް ތައްޔާރުވެއްޖެއެވެ.
މިގޮތުން، ބައިބަޔަށް ބަހާލައިގެން ސްޓޭމްޕްގެ ނިޒާމު ދޫކޮށްލައި، ”އެންޓްރީ/އެގްޒިޓް ސިސްޓެމް (އީއީއެސް) ނިޒާމަކަށް 2026 ވަނަ އަހަރުގެ އޭޕްރީލް މަހާއި ހަމައަށް އެއްކޮށް ބަދަލުކޮށް ނިމޭނެކަމަށް މިގައުމުތަކުން ލަފާކުރެއެވެ.
ބޯޑަރު ބެލެހެއްޓުމުގެ ކަންކަން އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލައިޒްކުރުމުގެ މަޤްޞަދުގައި، ޔޫރަޕަށް އެތެރެވާ ބޭރުގެ ފަތުރުވެރީންގެ އިނގިލީގެ ނިޝާނާއި، މޫނު ހިމެނޭގޮތަށް ބަޔޮމެޓްރިކްސް މައުލޫމާތު ރެކޯޑުކުރެވޭ މިނިޒާމަކީ ޝެންގެން ސަރަހައްދުގައި ހިމެނޭ 29 ގައުމަށް ހާއްސަކޮށް ތައާރަފްކުރެވުނު ނިޒާމެކެވެ.
މި ގައުމުތަކަކީ އޮސްޓްރިއާ، ބެލްޖިއަމް، ބަލްގޭރިއާ، ކްރޮއޭޝިއާ، ޗެކިއާ، ޑެންމާކު، އެސްޓޯނިއާ، ފިންލޭންޑް، ފްރާންސް، ޖަރުމަނު، ގްރީސް، ހަންގޭރީ، އައިސްލޭންޑް، އިޓަލީ، ލެޓްވިއާ، ލިޗްޓެންސްޓައިން، ލިތުއޭނިއާ، ލަކްޒަމްބަރގް، މޯލްޓާ، ނެދަލެންޑްސް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ރޯމޭނިއާ، ސްލޮވާކިއާ، ސްލޮވޭނިއާ، ސްޕެއިން، ސްވީޑްން އަދި ސްވިޒްލެންޑެވެ.