ވަޅި

Loading

August 12, 2025
profile
Facebook
Twitter
WhatsApp

އެއީ ސިނަމާލެ ބުރިޖު ހުޅުވި ދުވަސްވަރެވެ. އަހަރެން އޭރު ދިރިއުޅެނީ ހުޅުމާލޭގައެވެ. ވަޒީފާގެ ގޮތުން ކޮންމެ ދުވަހަކުވެސް އަހަރެން އަންނަންޖެހެނީ މާލެއަށެވެ. އޭރު ބަސް ނަގަން ދާން ޖެހެނީ މާފަންނު ބަސް ޓަރމިނަލަށެވެ.

ޗާލު ޓަރމިނަލެކެވެ. ކުޑަވަރެއްގެ އެއާޕޯޓެއް ކަހަލައެވެ. ބޭރުގައި ބަގީޗާ ހައްދާފައި އޮންނައިރު، އެތެރެވެސް އެހާމެ ތަނަވަސްވެފައި ހިތްގައިމެވެ. އެތެރޭގައި ގޮނޑިބަރި ޖަހާފައި ހުންނައިރު ބޭރުގައިވެސް ދެތިން ބެންޗެއް ހުރެއެވެ. އަހަރެން އާންމުކޮށް އިންނަނީ ބޭރުގައި ހުންނަ ބެންޗުތަކުގައެވެ. ހިތްގައިމު ބަގީޗާއެކެވެ. މި ބަގީޗާގެ ގަސްތައް ލޯބިން ބަލަހައްޓަނީ މުޅިންވެސް ހީވާގި ދިވެހި އަންހެނުންނެވެ.

ޓަރމިނަލުގެ އާކޮޅު އަހަރެން އަބަދުވެސް އެތަނުގެ ތެރޭގައި ހިނގާލައި އެކި ތަންތަން ބަލާލައި ހަދަމެވެ. ފާޚާނާއެވެ. ނަމާދުގެއެވެ. ބައެއް ފަހަރަށް ނަމާދުކޮށްލައި ފާޚާނާއަށް ވަދެލައި ހަދަމެވެ. އެތަނުގެ ފާޚާނާ ސާފުވެފައި ރީތިކަމުންނެވެ.

މީހުން ނުތިބޭ ދިމާއެއްގައި ފާޚާނާ ހުންނާތީ ކުޑަކޮށް ޖެހިލުންވެސް ވެއެވެ. ވާނީވެސް އެހެންތާއެވެ. އޮޅިގެންވެސް މީހުން މަރާ ބަޔަކު އުޅޭ ޤައުމެއް ވިއްޔާއެވެ. އެހަދަ ކަމެއް އަހަރެންނަށް ދިމާވެއްޖިއްޔާ އަހަރެންގެ ކުޑަ ދެ ދަރިންނަށް ވާނެ ގޮތެއްވެސް ނޭނގެއެވެ.

އާދައިގެމަތިން އެރޭވެސް އަހަރެން އިނީ ޓަރމިނަލުގައެވެ. ބަހަށް މަޑުކޮށްގެންނެވެ. އެހެން އިނދެފައި ފާޚާނާއަކަށް ދާންޖެހިގެން އަހަރެން ދިޔައިމެވެ. މުޅި ތަނުގެ ތެރޭގައި ވަނީ ހަމަހިމޭންކަމެވެ. އެހިސާބުން މީހަކުވެސް ފެންނާކަށް ނެތެވެ. ބިރުވެރި ފިލްމުތަކުގައި ދައްކާ ކަހަލަ ފަޅު ތަނެއް ސިފަވެގެންދިޔައެވެ. އަހަރެން ބާރުބާރަށް ހިނގާފައި ގޮސް ފާޚާނާއަށް ވަނީ ބިރުން ހުރެއެވެ. ކަމެއްދަމެއް ޖެހިގެން ހަޅޭއްލަވައިގަތަސް މީހަކަށް ނީވޭނެވިއްޔާއެވެ.

ކޮންމެއަކަސް ޚިޔާލުތަކުގައި ހުރެގެން ގޮސް ފާޚާނާއަށް ވަނީމެވެ. އަހަރެން ބޭނުންވީ އަވަސް އަވަސް ކޮށްލައިގެން ނުކުންނާށެވެ. ބިރު ފިލުވައިލުމަށް، ފާޚާނާއަށް ވަދެފައި އިފާއަށް މެސެޖުކޮށްލީމެވެ. ހުރި ތަން ބުނީމެވެ. އިފާއަކީ އަހަރެން ޑިއުޓީގައި އުޅޭ ވަގުތު އަހަރެންގެ ދަރިން ބަލަހައްޓާ ކުއްޖާއެވެ.

އަހަރެން ހުރީ ނުލާހިކު ބިރުންނެވެ. ޖެހިގެން ހުރި ފާޚާނާގައިވެސް މީހަކު އުޅޭއަޑު އިވެއެވެ. ކާކު ކަމެއް، ކޮންކަހަލަ މީހެއް ކަމެއްވެސް ނޭނގެއެވެ. ކޮންމެއަކަސް ފާޚާނާކޮށްގެން ނުކުމެ އަތްދޮންނަތައްޓާ ދިމާއަށް ހިނގައިގަތީމެވެ. އޭރު ގާތްގަނޑަކަށް ފަންސާހަކަށް އަހަރުގެ އަންހެނަކު އެތަނުގައި އަތްދޮންނަން ހުއްޓެވެ. އޭނާ ހުރީ ދިގުހެދުން ލާފައި ބުރުގާއަޅާފައެވެ. އަހަރެން އަޅާނުލައި ގޮސް ޖެހިގެންހުރި އަތްދޮންނަތައްޓާ ގާތްވެލީމެވެ.

ކުއްލިއަކަށް އަހަރެންނަށް އެ އަންހެންމީހާއާ ދިމާއަށް ބަލައިލެވުނެވެ. މާތްކަލާކޯއެވެ! އޭނާ އެހެރީ އޭނާގެ ކަރާ ދިމާއަށް ބޮޑު ވަޅިއެއް މަޅައިގެންނެވެ. ވަޅީގެ ތިލައިގައި އެކަނިވެސް ދޮޅުފޫޓުވަރު ހުންނާނެއެވެ. ދެ ލޯ ހުރީ ބޮޑުވެފައެވެ. ޔަގީނެވެ. މިއީ އަމިއްލައަށް މަރުވާން އުޅޭ މީހެކެވެ. މި ލައިގަތީ އަނެއް ކަންތަކެވެ. އަހަރެންނަށް މި ޖެހުނީ މަރަކާ މަތިވާށެވެ. ހިތަށްއެރިއެވެ. މީނާ ހުއްޓުވަން ހަދާނީ ކިހިނެއްބާވައެވެ؟ ގަދަކަމުން ވަޅި އަތުލަން އުޅެނިކޮށް އަހަރެންނަށްވެސް އަނިޔާވެދާނެއެވެ. އަނެއްކޮޅުން، އޭނާ އަހަރެންނަށްވުރެ އިސްކޮޅުންދިގެވެ. މިއީ ވާނެވަރުގެ ކަމެއް ނޫނެވެ. މިތާ ހުރެ ހަޅޭއްލެވިއަސް މީހަކަށް އަޑެއްވެސް އިވޭނީއެއް ނޫނިއްޔާއެވެ. ނޫންނަމަ ހަޅެއްލަވައި މީހުންވެސް އެއްކުރެވުނީހެވެ.

”ކިހިނެއްވީ؟“ އަނގައިން ކުޅުހިކި މީހާ ގަނޑުވެފައި ހުއްޓައި ހޭވެރިކަންވީ އޭނާ އަނގައިން ބުނުމުންނެވެ.

”ވަ…ވަ..ޅި…“ އަހަރެންނަށް ބުނެވުނީ އެވަރަށެވެ.

”މިތަނުގަ ހުރި ގަސްތައް ސާފުކޮށްލާފަ ވަޅި ދޮވެލަން މި އައީ.“ އޭނާ ބުންޏެވެ.

އަހަރެންނަށް މޭގައި އަތްއަޅައި ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ތެދެކެވެ. އޭނާއަކީ އެ ބަސް ޓަރމިނަލުގެ ބަގީޗާ ބަލަހައްޓާ މީހެކެވެ. އަހަރެން ފުންކޮށް ބަލައިލީމެވެ. ވަޅީގައި ހުރީ ޗަކަ ވެއްޔެވެ. ކަރާދިމާއަށް ވަޅި ދިއްކޮށްގެން ހުރިހެން ހީވީ އޭނާ އަތް އޮޅައިލަންވެގެން އަތް ހިއްލާލި ވަގުތާ ދިމާވީމައެވެ. ދެ ލޯ ބޮޑުވެފައި ހުރީ އަހަރެން އެހާ ބޮޑަށް ސިއްސައިގެންދިޔައީ ކީއްވެކަން ނޭނގޭތީއެވެ.

”ބޮޑު ވަޅިއެއް ހިފައިގެން ހުރީމަ ބިރުގަތީ ދޯ!“ އެ މީހާ ހީނލަމުން ބުންޏެވެ.

އަހަރެން ބޯޖަހައިލީމެވެ. ކުށް ހީއެއް ކުރެވުނީތީ ލަދުން ހުރެއެވެ. ވީ ގޮތް ފަހުމުވުމުން އެމީހާވެސް އަހަރެންނާ އެއްބައިވިއެވެ. އަދުގެ ހާލަތު އޮތްގޮތުން އެކަހަލަ ހީއެއް ވެދާނެ ކަމަށް އޭނާވެސް އެއްބަސްވިއެވެ. އާނއެކެވެ! މިއީ ޖެހިގެން ހުރި މީހާއަށްވެސް އިތުބާރުކުރަން ދަތި ޒަމާނެކެވެ.

(ނިމުނީ)

One attachment • Scanned by Gmail

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް