އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ނަމާއި އެއީ ކުރީގެ ފާރިސްކަރަކަން އަޅުގަނޑުމެން ދަންނަމުއެވެ. ދިވެހިރާއްޖެ އިސްލާމް ވުމުގައި ފާރިސްކަރައިގެ އިލްމުވެރިއެއްގެ ހިއްސާ ހިމެނޭކަމަށް ދިވެހިރާއްޖޭގެ ބައެއް ތާރީޚް އިލްމުވެރިން ފާހަގަ ކޮށްފައި ވެއެވެ. އެހެން ބައެއް ތާރީޚީ އިލްމު ވެރިން ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖެ އިސްލާކުރެއްވީ މަޣްރިބް ކަރައިގެ އިލްމުވެރިއެކެވެ. ސައްހަ ރިވާޔަތަކީ ކޮބައިކަން އަޅުގަނޑުމެން ބަހުސް ކުރާކަށް ނެތީމެވެ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި 2 ރިވާޔަތުވެސް ސައްހައެވެ. އަޅުގަނޑުމެންގެ މިއަދުގެ ހާލަތުގައިވެސް ތަފާތު އިލްމުވެރިންގެ ދަރުސްތައް ލިބެމުންދާއިރު އެ ޒަމާނުގައި އެކަން ނުވާންވީ ސަބަބެއް ނެތެވެ. މައުލޫމާތު އެއްކޮށް ޖަމާކުރުމުގައި ހުރި އުނިކަމެއްގެ ސަބަބުން 2 ރިވާޔަތެއް މެދުވެރިވީ ކަމަށް ބުނެލާފާ މި ވާހަކަ ނިންމާލާނީއެވެ.
ޖޫންމަހުގައި އިސްރާއީލުން އީރާނަށް ދިން މިލިޓްރީ ހަމަލާއާ ގުޅިގެން ޖެހިގެންއައި 12 ވަރަކަށް ދުވަހު ހިނގާދިޔަ ހަނގުރާމައިގެ ތެރޭގައި އީރާނުގެ ގިނަ މައުލޫމާތުތަކެއް މީޑިއާ ޕްލެޓް ފޯމް ތަކުން ހާމަވެގެން ދިޔައެވެ. ހަނގުރާމައިގެ ވާހަކަތަކާއި އީރާނުގެ މިލިޓްރީ ކުރިއަރަމުންދާ މިންވަރާއި އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއިގެ ޝަޚްސިއްތާ ގުޅޭގޮތުން ފާހަގަކުރެވޭ އެތައް ޚަބަރުތަކެއްވެސް ލިބުނު ފުރުސަތަކަށް ވެގެން ދިޔައެވެ. އެ ޚަބަރުތަކުގެ ތެރެއިން ފާހަގަކުރެވުނު ޚަބަރެއް އަޅުގަނޑުމެންގެ ކިއުންތެރިންގެ މައުލޫމާތަށް ޓަކައި ހުށައަޅާލަން ގަސްދު ކުރީއެވެ. އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅުންގެ އަމަލުތައް ހުންނަގޮތް އަޅާކިޔާލުމަށްޓަކައެވެ. ބޭރުގައުމުތަކުން ލިބިވަޑައިގަންނަވާ ޝަރަފް ވެރި ހަދިޔާތައް އަމިއްލަ ކޮށްލުމުގެ ވިސްނުންފުޅާއި އަދި ސަރުކާރުގެ ތިޖޫރީގައި ނެތިއްޔާ ދަރަންޏަށް ނަގައިގެންވެސް ތިމަ ޔިމާމެންގެ މުހުތާޖުތައް ފުއްދުމަށްޓަކައި ކުރެވުނު ކޮންމެކަމެއް ހަލާލުކޮށްލުން އަޅުގަނޑުމެންގެ ސިޔާސީ ގިނަ ބޭފުޅުންގެ އާދައަކަށް ވެފައި އޮންނާތީއެވެ.
ރޫސީ ވިލާތުގެ ރައީސް ވްލާޑިމިރ ޕުޓިން އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި އާއި ރަސްމީ ބައްދަލުކުރެއްވުމުގައި ހަދިޔާއަކަށް ވަރަށް މޮޅު އަދި ރީތި ރޮލެކްސް އަތުކުރީ ގަޑިއެއް ވެދުމަށް އެރުވިއެވެ. އަލީ ޚާމަނާއި ޝުކުރު ވެރިކަމާއެކު ހަދިޔާ ބަލައިގަތުމަށްފަހު އަނބުރާ ރައީސް ޕުޓިން އަތްޕުޅަށް ދެއްވިއެވެ. ގަޑި އަނބުރާ ދެއްވުމުން އެ މަނިކުފާނުގެ ހައިބަތާ ނުގުޅޭ ހަދިޔާއެއް ދެވުނީ ކަމަށް ހީފުޅުކުރައްވައި ގަޑި ކަމުނުދަނީ ތޯ ރައީސް ޕުޓިން އެއްސެވި ކަމަށްވެއެވެ. ޖަވާބުގައި ޚާމަނާއި ވިދާޅުވިއެވެ. ތިޔައީ ދުނިޔެ މަތީގައި ނަސީބު ވެރިއަކަށް ނޫނީ ނުލިބޭނެ ވަރުގެ ވަރަށް މޮޅު ރީތި ގަޑިއެކެވެ. އެކަމަކު ތިޔަ ގަޑި އަޅުގަނޑު ބޭނުންކުރަން އުޒުރުވެރި ވެވެނީއެވެ.
ރައީސް ޕުޓިންނަކީވެސް ވަރަށް ވިސްނުންތެރި ބޭފުޅަކަށްވީތީ އުޒުރު ވެރިވެ ވަޑައިގެންނެވިސަބަބު އެނގި ވަޑައިގަތުމަށް ބޭނުންފުޅު ވިއެވެ.
ރައީސް ޕުޓިންއަކީ އިމާމު ޚާމަނާއީ އަށް ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅެކެވެ. ގައުމުތަކުގެ ވެރިންނާއެކު ބޭއްވޭ ކޮންމެ ބައްދަލު ކުރެއްވުމުގައި އެމަނިކުފާނުގެ ހައިބަތު ވަރަށް ރަނގަޅަށް ހާމަކުރައްވާ ބޭފުޅެކެވެ. އެހެންނަމަވެސް އިމާމް ޚާމަނާއި އާއެކު ބާއްވަވާ ކޮންމެ ބައްދަލު ކުރެއްވުމެއްގައި ރައީސް ޕުޓިން ދެ އަތްޕުޅު އުނގުތެރެއަށް ލައްވައިގެން ދިވެހިން ބުނާގޮތަށް “ ކުޑަ ވެފާ “ އިންނަވާތަން މީޑިއާއަށް ވަނީ ހާމަވެފައެވެ. މިކަމާބެހޭގޮތުން ރައީސް ޕުޓިންއަށް ރިޕޯރޓަރަކު ސުވާލު ދެންނެވުމުން ރައީސް ޕުޓިން ޖަވާބު ދެއްވި ކަމަށްވެއެވެ. އީރާނުގެ ސުޕްރީމް ލީޑަރަކީ ވަރަށް އަޚްލާގު ރަނގަޅު އިލްމުވެރިއަކަށް ވުމުގެ އިތުރުން އަހަރެންގެ ބަފައަށް ކުރާ މިންވަރަށް އިޙްތިރާމް ކުރާ ބޭފުޅެކެވެ. މި ސަބަބަށްޓަކައި އެބޭފުޅާގެ ކުރިފުޅުމަތީގައި އަހަރެންގެ މަގާމުގެ ހައިސިއްޔަތުން އެއްކިބާވެހުރެ ބަފައަކަށް ކުރާފަދައިން އިޙްތިރާމް ކުރަނީއެވެ. އެ ބޭފުޅާގެ އަރިހުގައި ހުރުމަށް ލިބޭ ވަގުތުކޮޅު އަހަރެންގެ މަގާމުގެ ހައިސިއްޔަތުގައި ދެމިހުރުން ޖާއިޒް ކަމަށް ޒަމީރު ގަބޫލެއް ނުކުރެއެވެ.
ކޮންމެއަކަސް ވެދުމަށް އެރުވި އަތުކުރީ ގަޑި އަނބުރާ ދިނުމަށްފަހު ޝުކުރުވެރިކަން ފާޅުކުރަމުން ޚާމަނާއި ވިދާޅުވިއެވެ. މަނިކުފާނު އިޚްލާސްތެރި ހިތަކާއެކު އަޅުގަނޑަށް ތިޔަ ދެއްވި ހަދިޔާ ގަބޫލުކުރަން އުޒުވެރިވެވުނު ސަބަބު ދަންނަވާލާނަމެވެ. އަޅުގަނޑު ހިތު ތެރޭގައި ބިންވަރު ނެގިފައިވާ ހާދިސާއެކެވެ. އަޅުގަނޑުމެންގެ އިސްލާމީ އުންމަތުގެ މައިކަނބަލުން ޚަދީޖާގެ ފާނަކީ މައްކާގެ އެންމެބޮޑެތި މުއްސަނދިންގެ ތެރޭގައި ގުނާލެވޭ އަންހެން ބޭކަނބަލެކެވެ. އެ ކަމަނާގެ ފަރާތްޕުޅުން މިއުންމަތުގެ މާތް ނަބިއްޔާ އަށް ލިބިވަޑައިގެންނެވި ދަރިކަނބަލުން ފާތިމާގެ ފާނަކީ އަޅުގަނޑުމެންގެ އިމާމް އަލީގެ ފާނުގެ އަނބި ކަނބަލުންނެވެ. ފާތިމާގެ ފާނަށް މަންމާފުޅުގެ ފަރާތުން ލިބިވަޑައިގެންނެވި ރަނުގެ ގަހަނާއެއް ތުރުކުރައްވައިގެން އިންނެވިކަން މާތް ނަބިއްޔާއަށް އެނގިވަޑައިގަތުމުން އެކަމަނާގެ ގަނޑުވަރުގެ އެތެރެއަށް ވެދެވަޑައި ނުގެން އެނބުރި ވަޑައިގަތުމުން ބައްޕާފުޅު އެ ގަނޑުވަރު ތެރެއަށް ވެދެވަޑައިނުގަތުމުން ކީރިތި ކުރައްވަމުން އެކަމަނާ ބައްޕާފުޅުގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި ބައްޕާފުޅު އެ ކަމަނާއާއި ބައްދަލު ނުކުރައްވައި އަދި އެކަމަނާގެ ގަނޑުވަރަށް ވެދެވަޑައިނުގެނެވި ސަބަބަކާދޭތެރޭ އެއްސެވުމުން ޖަވާބުގައި ހަދީސް ކުރައްވާފައިވަނީ ކަމަނާ ރަނުގެ ގަހަނާ ތުރުކުރެއްވީމާ މި ގައުމުގައި ތިބި އެކަމަށް ކުޅަދާނަކަން ލިބިފައި ނުވާ މީހުންގެ ހިތަށް ތަދުވާނެ މިންވަރު ތިމަންކަލޭގެފާނަށް އިޙްސާސްކުރެވޭ ކަމަށެވެ.
ފާތުމަތުގެފާނަށް މިއަޑު އިވުމާއެކު އެ ގަހަނާ ނަންގަވައި އަދި އޭގެފަހުން ދުވަހަކުވެސް އަގުބޮޑު ގަހަނާއެއް އެކަމަނާ ތުރު ނުކުރައްވައެވެ.
އަޅުގަނޑަކީ އެބޭފުޅުންނަށް ތަބާ ވެގެން އުޅެވޭތޯ ބަލާ މީހަކީމެވެ. އަޅުގަނޑު އަތުގައި މިއޮތީ 50 ރިޔާލައަށް ލިބޭ ގަޑިއެކެވެ. މިއިން އަޅުގަނޑަށް ވަގުތު ބެލެއެވެ. މިވަރުން ފުދޭނެއެވެ. އަޅުގަނޑު އެދުމަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ޚާދިމެއްގެ ގޮތުގައި ދިރިއުޅެ އަދި އެގޮތުގައި ދުނިޔެ ދޫކޮށްދިއުމެވެ.
އީރާނުގެ އިންގިލާބީ ސަރުކާރުގައި ކުރިން 5 އަހަރުގެ 2 ދައުރުގައި ރައީސް ކަންކުރެއްވި އަހްމަދީ ނެޖާދު އާއިބެހޭގޮތުން ޕާކިސްތާނުގެ ރިޕޯރޓަރަކު ހަމަ މިމޭރުމުން އެމަނިކުފާނު ސިފަކުރައްވާފައި ވެއެވެ. ރައީސްކަމުގެ ދުވަސްވަރުގައި އެއްވެސް ރައްޔިތެއްގެ ހައްގަށް އިހްމާލުވެވިފާ އޮވެދާނެ ކަމަށް ބިރުފުޅު ގަންނަވާތީ މުސާރަ ފުޅު ނުނެންގެވުމާއި ގޭގެ ޚަރަދަށްޓަކައި ފައިސާ ހޯއްދެވުމަށް ލިބިވަޑައިގަންނަވާ ހުސްވަގުތުގައި ޔުނިވަރސިޓީ ތަކުގައި ކިޔަވާ ދެއްވުން ހިމެނޭކަމަށް ވިދާޅުވި ކަމަށް އެ ރިޕޯރޓުގައި ބުނެފައި ވެއެވެ.
ރިޔާސަތުގެ ދައުރު ނިންމާލެއްވުމަށްފަހު ދިރިއުޅުއްވުމަށްޓަކައި މިހާރު ކުރައްވަމުންގެންދަވަނީ ދަނޑު ހެއްދެވުމުގެ މަސައްކަތެވެ. މިއީ މިޒަމާނުގައިވެސް އިސްލާމީ ބައެއް ގައުމުގައި ވެރިކަން ކުރައްވާ ބޭފުޅުންގެ ކިބައިން ފެންނަމުންދާ ރިވެތި ޝަޚްސިއްތެވެ.