ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގައި އަރަބި ގައުމުތަކުގެ ނުރުހުން ހަމާސް އަށް

Loading

Facebook
Twitter
WhatsApp


އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ބައިނަލް އަގްވާމީ ގޮތުން ކުރެވެމުންދާ މަސައްކަތުން ހާސިލު ކުރެވިދާނެ ނަތީޖާއާއި ގުޅޭގޮތުން ތަޖްރިބާކާރުން ފާޅުކުރަމުންގެންދާ ޚިޔާލުތަކާއި ރައުޔުތަކުން ކުޑަމިންވަރެކެވެ. އެ ބޭފުޅުން ފާޅުކޮށްފައިވާ ވިސްނުންފުޅުތަކަށް ބަލާއިރު އެމެރިކާއާއި އިސްރާއީލުން ދެކޮޅު ހަދަމުންގެންދާއިރު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން އައުމަށް އަދިވެސް މުހުލަތެއް ނަގާނެއެވެ. އެންމެ ފަހުގެ ޚަބަރު ތަކުން އެނގޭ ގޮތުގައި މީޑިއާގެ މިނިވަންކަން ލިބިފައިވާ މިޒަމާނުގައިވެސް ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ އަނިޔާވެރިކަން ދުނިޔެއަށް ހާމަކޮށްފާނެތީވެ އެމެރިކާގެ ނިއު ޔޯރކް ޓައިމްސް ފަދަ ބާރުގަދަ މީޑިއާތަކަށްވެސް ސަރުކާރުން ގެންދަނީ މައިކްރޮސްކޯޕް އަޅައިގެން ފާރަލަމުންނެވެ.


ކޮންމެފަދަ ނިކަމެތި ހާލަތެއް މެދުވެރިވެގެންނަމަވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުން ނޫން އެހެންގޮތެއް ނެތްކަމަށް ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުންވެސް މިއަދު ގަބޫލުކޮށް އެކަމަށް ނިމުމެއް ގެނައުން މަޖުބޫރު ކުރުވައިފިއެވެ. މި ހާލަތު އުފެއްދުމުގައި ޑިޕްލޮމެސީއޭ މިކިޔާއެއްޗެއްގެ އެއްވެސް ބޭނުމެއް ކުރެވުނު ތަނެއް މާޒީގައި ނުފެނުނެވެ. ދުނިޔޭގެ އެންމެ ބިޔަ ބާރު ކަމަށް ބެލެވޭ އ ދ ގެ ނިންމުންތަކަށް އަދި މާބާރުގަދަ ގައުމަކުން ގެންދިޔައީ ހުރަސް އަޅަމުންނެވެ. އެންމެ ފަހުން އިސްރާއީލުން ދެމުން ގެންދިޔަ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ ލައްކައަކަށްވުރެން ގިނަ މީހުން ޝަހީދުވެ ކުޑަކުދިންނާއި އަންހެނުންގެ އެތައް ދަރިފަސްކޮޅެއް ބަނޑަށް މަރަމުން ގެންދާތަން ބަލަން ތިބުން ކެތް ނުކުރެވިގެން ބާރުގަދަ ގައުމުތަކަކުން މި މައްސަލައިގެ ތެރެއަށް ވަނުން މަޖުބޫރު ވެގެން ދިޔައީއެވެ. އެކަމަކު އެ އަނިޔާވެރިކަމާއި ނިކަމެތިކަން މެދުވެރި ކުރުވުމުގައި ހަމާސް ޖަމާއަތުގެ ހިއްސާ ބޮޑުކަމަށް އަރަބި ގައުމުތަކުން ރަސްމީގޮތުން އިއުލާން ކުރުންވެސް ލާޒިމް ކުރުވާފައެވެ.
ތަޖްރިބާ ކާރުންގެ ދެކޭގޮތުގައި މިއަދު ފެންނަ މަންޒަރުތަކުންވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދުކުރެވިގެން އައުން ކައިރި މުސްތަގްބަލެއްގައި ފެންނާކަށްނެތެވެ. ދުނިޔޭގެ ހުރިހާ ބާރެއް ހަމައެކަނި އެއްގައުމުގެ މުށުތެރޭގައި އޮތުން ބަދަލުކުރެވިގެން ނޫނީ އަމާން ދުނިޔެއެއް ފެނިދާނެކަމުގެ އުންމީދެއްވެސް ނުކުރެވޭފަދައިންނެވެ.
އޮންޓާރިއޯ އާއި ޕެރިސް އަދި ލަންޑަނުން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އިއުތިރާފުވެއްޖެނަމަ އެކަމަށް ދިގުރާސްތާއެއްގެ އުންމީދެއް ނުލިބޭނެއެކޭ ނުބުނެވޭނެއެވެ. ހަމަ އެއާއެކު ފަލަސްރީނުގެ އިތުރު ސަރަހައްދުތަކަށް އިސްރާއީލުގެ ގާނޫނުން ބާރުލިބިގެން އެމެރިކާގެ ފުރިހަމަ އެއްބާރު ލުމާއެކު ވެރިވެގަންނަމުން ދާއިރު 1960 ގެ އަހަރުތަކުގައި އ ދ އިން ފާސްކޮށްފައިވާ ގަރާރުގައި ހިމެނޭ ސަރަހައްދު ތަކުގައި ފަލަސްތީނުގެ މިނިވަންދައުލަތަކަށް ކުރަމުން ގެންދާ ވަކާލާތުގެ މައްޗަށް އެޅިފައިވާ ކަޅު ހިޔަނި ނުފެންނަ ކަމަށްވެސް ނުހެދޭނެއެވެ.
ޔޫރަޕިއަން ޔުނިއަންގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި މިއަދުވެސް ޖަރުމަނު ވިލާތް ހިމެނެއެވެ. ޖަރުމަނަކީ ނާޒީންގެ ހޮލޮކާސްޓްގެ ބަހަނާގައި ވިޔަސް އަޚްލާގީ ގޮތުންވެސް އިސްރާއީލަށް ހެޔޮއެދެން ޖެހޭ ގައުމެކެވެ. ޖަރުމަނުން ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމުގައި ކޮންމެވެސްވަރަކަށް ފަހަތުފަޔަށް ބުރަވާ ސަބަބަކީ މިއީ ކަމަށް ބެލެވެއެވެ. ފަލަސްތީނަށާއި އިސްރާއީލަށް މިހާރު ވަޑައިގެން އުޅުއްވާ ޖަރުމަނުގެ ޚާރިޖީ ވަޒީރު ވަރަށް ސަރީހަ ބަހުން އެކަން ވަނީ އިއުލާން ކުރައްވާފައެވެ. “ އަހަރެމެން އަބަދުވެސް އިސްރާއީލާ އެކުގައި ތިބޭނަމެވެ. އެކަމަކު ޔޫރަޕިއަން ޔޫނިއަންގެ ވިސްނުން ހުރިގޮތުން އިސްރާއީލް ދުނިޔޭގައި އެކަހެރި ވެގެން ހިނގައިދާނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ޔޫރަޕިއަން ޔުނިއަނުން އަޅަނެ ފިޔަވަޅުތަކަކީ އިސްރާއީލަށް ވަރަށް ރިހުންގަދަ ފިޔަވަޅުތަކަކަށް ވާނެއެވެ. “ މި މޭރުމުން ޖަރުމަނުގެ ޚާރިޖީ ވަޒީރު ވަނީ އިންޒާރު ދެއްވާފައެވެ.
ޖޯރޖް ޓައުން ޔުނިވަރސިޓީގައި އަރަބިންނާބެހޭ ދިރާސާގެ އިލްމުވެރިޔާ ޚާލިދު އަލްގިންޑީގެ ނަޒަރުގައި އިސްރާއީލުން ގަސްދުގައި ފަލަސްތީނުގެ ކުދިބޮޑު އެންމެން ބަނޑަށް މަރަމުން ގެންދާއިރު އެންމެ ފުރަތަމަ ޖެހޭނީ އެކަމަށް ރަނގަޅު ހައްލެއް ގެންނާށެވެ. ފެންނަ މަންޒަރުތަކުގައި ދުނިޔެ އެކަމަށް ނުކުޅެދިފައިވާއިރު ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދު ކުރަން ކުރަމުން ގެންދާ މަސައްކަތާ ދޭތެރޭ އޮތީ ކޮން އިތުބާރެއްތޯ ގިނަ ސުވާލުތަކެއް އުފެދެއެވެ. ބައެއް އެހެން ސިޔާސީ ތަޖްރިބާކާރުންގެ ރައުޔުގައި ފަލަސްތީނުގެ ރައްޔިތުން ތަހަންމަލް ކުރަން ޖައްސާފައިވާ ހިތްދަތިކަމާއި ބިރުވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އިގްތިސާދީ ގޮތުން ދަތިކުރުމުގެ ބޮޑެތި ފިޔަވަޅުތައް އަޅައި މިލިޓްރީ އެއްވެސް ހަތިޔާރެއް ވިއްކުން މަނާކުރުންފަދަ ހަރުކަށި ފިޔަވަޅުތައް އަޅައިގެން އިސްރާއީލު އިނދަ ޖައްސާލުމަކާ ނުލައި އަވަސް އަވަހަށް ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވާހަކަ ދެއްކުމަކީ އަވާމެންދުރުފަހާ ދުވުންކަހަލަ ކަމެކެވެ. އެމެރިކައާއި އިސްރާއީލުން އެކަމަށް ހުރަސްއަޅާނެކަން ކަށަވަރު ކުރެވޭތީއެވެ.
ޔޫރަޕިއަން ކައުންސިލްގެ ޚާރިޖީ ސިޔާސަތާ ބެހޭ ތަޖްރިބާކާރު ލޯވަޓް ދެކޭގޮތުގައި ބާރުގަދަ ބައެއް ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އިއުތިރާފު ވުމުގެ ސަބަބުން އިތުރު ސަރަހައްދުތަކަށް އިސްރާއީލުން ވެރިވެގަތުން ހުއްޓުވުންފަދަ ރަނގަޅު ގޮތްތަކަކަށްވެސް މަގު ފަހިވެގެން ހިނގައިދާނެއެވެ. އެހެންނަމަވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ވުޖޫދު ކުރުމަށްޓަކައި ހަމައެކަނި އެކަމަށް އިއުތިރާފް ވުމަކުން ނުފުދޭނެއެވެ. އިތުރު ގިނަ ފިޔަވަޅުތަކެއް ވިސްނުންތެރިކަމާއެކު އަޅަން ޖެހޭނެއެވެ.
ލޯވިޓްގެ ނަޒަރިއްޔާއަށްބަލާއިރު ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދުމުގައި އަރަބި ގައުމުތަކުގެ ވިސްނުމަށްމިއައި ކުއްލި ބަދަލާއެކު ހަމާސްއަށް އެ ސަރުކާރުގައި އެއްވެސް ފުރުސަތެއް ނެތުމުން އުފެދޭނެ ދާޚިލީ ދެބަސްވުންތަކާއި މަހްމޫދު އައްބާސްގެ ސަރުކާރަށްވެސް އިސްރާއީލުން އިތުބާރު ނުކުރުމުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މި ކަންތައްތައް ހައްލުކުރުމަށްޓަކައި ރޭވުންތަކަކާއި ވަގުތުތަކެއް ބޭނުންވާނެއެވެ.
ބައިނަލް އަގްވާމީ ގޮތުން ފަހަކަށްއައިސް އިސްރާއީލާ ދެކޮޅަށް ކުރިމަތި ކޮށްފައިވާ ފިއްތުންތަކާއި ނުރުހުންތަކުގެ ސަބަބުން މިވަގުތަކީ ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އެންމެ އެކަށޭނަ ވަގުތުކަމުގައި އެއްބަސްވެވެއެވެ. ދުނިޔޭގެ ޖިނާއީ އަދާލަތުގެ ކޯޓުން އިސްރާއީލުގެ އިސް ބައެއްވެރިން ނަކީ ގާތިލުން ކަމަށް ކަނޑައަޅާފައިވުމާއި އެ މީސްމީހުން ހައްޔަރުކުރުމުގެ އަމުރުވެސް ނެރެފައިވުމާއެކުގައި އެ ހުކުމްތައް ތަންފީޒުކުރުން އޮތީ ހަމަކޮންމެ ގައުމެއްގެ މައްޗަށް ލާޒިމް ވެފައެވެ. ހަމަ އެއާއެކު ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ވަޒަންވެރިވުމަކީވެސް ބައިނަލް އަގުވާމީ ގާނޫނުތަކާ ޚިލާފަށް ކޮށްފައިވާ އަދި ކުރަމުންގެންދާ ކަމެއްކަމުގައިވެސް އެވަނީ ނިޔާ ކަނޑައަޅާފައެވެ. މި ހުރިހާ ކަމެއް ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދުމަށް މަގުފަހި ކޮށްދީފައިވާ ނަމަވެސް އިސްރާއީލުގެ މިހާރުގެ ސަރުކާރުގެ ސިޔާސަތު ބަދަލު ނުކުރާނެއެވެ. އަދި އެހެން ސަރުކާރެއް އައި ކަމުގައި ވިޔަސް ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދުމަށް އިސްރާއީލުގެ ރުހުން ލިބިދާނެ ކަމަށް ގަބޫލު ކުރުން އުދަނގުލެވެ.
ފަލަސްތީނުގެ މިނިވަންދައުލަތް ބިނާކުރެވިގެންދާނީ ޑިމޮކްރެސީގެ އުސޫލުތަކުގެ މައްޗަށް ކަމުގައި ވަކާލާތު ކުރަމުންދާއިރު ހަމާސް އެކަހެރިކުރާނީ ކޮންފަދައަކުންތޯ ކުރެވޭ ސުވާލުތަކަށް ލިބޭނެ ޖަވާބެއްނޭނގެއެވެ. އެހެންނަމަވެސް އަރަބި ގައުމުތަކުގެ ވިސްނުމަށް މިއައި ކުއްލި ބަދަލު އެމެރިކާއާއި އިސްރާއީލުގެ ފިއްތުން ތަކަށް ލެނބުން ނޫންގޮތަކަށް މާނަ ނުކުރެވޭނެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ކުރިމަތީގައިވެސް މަހްމޫދު އައްބާސް އަކީ ސިޔާސީ ގޮތުން ކާމިޔާބު ބޭފުޅަކަށް ނުވެއެވެ.
ލަންޑަންގެ ޔުނިވަރސިޓީ ކޮލެޖުގެ މެދުއިރުމަތީ ސިޔާސަތާބެހޭ ތަޖްރިބާކާރުގެ ވިސްނުމަށްބަލާއިރު ކުރިމަގުގައި ޖެހިޖެހިގެން އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެން ޖެހުމުން މިއަދުގެ ދެކޮޅުވެރިކަން ނެތިކޮށްލައި ސުލްހަވެރި ވެއްޓެއް ގާއިމް ކުރުމަށްޓަކައި ކުރަންޖެހޭނެ މަޝްވަރާތަކުގައި ހަމަހަމަ މަގާމެއް ބޭނުންވާނެއެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި އ ދ އިން ސިއްކަ ޖެހުމުން ނޫނީ އެފަދަ ކޮންމެ މަޝްވަރާއެއްގައި އިސްރާއީލުން ދެކޭނީ ފަލަސްތީނަކީ އިސްރާއީލުގެ ބައެއް ކަމަށެވެ.
އެރެބް ނިއުސްގެ ޗީފް އެޑިޓަރ އައްބާސް ފައިސަލް ދެކޭގޮތުގައި އަރަބި ގައުމުތަކާއި ޔޫރަޕުން ފަލަސްތީނުގެ މިނިވަންދައުލަތެއްގެ ވާހަކަ ދެއްކުމާއެކުގައި ހަމާސް އިން ހަތިޔާރު ބަހައްޓައި މަހްމޫދު އައްބާސްގެ ސަރުކާރަށް ބައިއަތު ހިފުން ލާޒިމް ކުރެއެވެ. ވޯޝިންޓަނާއި ތެލްއަވީވުން ކިތަންމެ ވަރަކަށް ބޭނުންވިއަސް މިއީ ހާސިލުކުރެވުން ފަސޭހަ ލަނޑުދަނޑިއަކަށް ނުވާނެއެވެ. ރިޔާޒުން ފަލަސްތީނުގެ މިނިވަން ދައުލަތަކާ ގުޅޭގޮތުން ގެންގުޅޭ ސިޔާސަތު ވޯޝިންގޓަނުން ގަބޫލުކުރާނެއެވެ. ރިޔާޒުގެ ސިޔާސަތުތައް ވޯޝިންގޓަނާ ފުށޫ އަރާފާނެކަމަށްނުބެލެވޭތީއެވެ.
މީޑިއާއާއި މައުލޫމާތު ފެތުރުމުގެ މިނިވަންކަނަ މުޅި ދުނިޔެއަށް އާންމު ވެފައިވާއިރު ގައްޒާގެ ޚަބަރުތައް އެމެރިކާގައި ޝާއިއުކުރުން މިހާރު ފަސޭހަކަމަށް ނުވެއެވެ. ނިއު ޔޯރކް ޓައިމްސްގެ އިދާރާ ހުންނަ މުޅި މަގުގެ ފާރުތަކުގައި އިސްރާއީލާ ދެކޮޅު ޚަބަރުތައް ނުގެނައުމަށް އިންޒާރުދޭ ޕޯސްޓަރތައް ވަނީ ހަރުކޮށްފައެވެ. އެމެރިކާގެ މަޝްހޫރު މީޑިއާ އައުޓްލެޓް ސެމާފޯރ އިން ބުނެފައިވާ ގޮތުގައި ގައްޒާގެ ހާލަތު ހާމަކުރުމުން އެމެރިކާގެ މަޝްހޫރު މީޑިއާތަކަށް ސަރުކާރުން ސުވާލު ކުރިމަތި ކުރުމުގެ ބިރުވެރިކަންވެސް ވަނީ އުފެދިފައެވެ. މީގެ ކުރިން މިނިވަންކަމާއެކު ގައްޒާގެ ހާލަތު ދުނިޔެއަށް ހާމަކުރަމުން ގެންދިޔަ ޔޫރަޕްގެ ބޮޑެތި މީޑިއާތަކަކަށް އިސްރާއީލުން ގައްޒާވަނީ ބަންދުކޮށްފައެވެ. ގައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ އަނިޔާވެރިކަމުގެ މަންޒަރުތައް ސީ އެން އެން އަދި އެން ބީ އެސް އިން ގެނެސްދިނުން މިހާތަނަށް ހުއްޓުވޭގޮތެއް އެމެރިކާއަށް އަދި ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް ދާދި ފަހުން ސީ އެން އެން ގެ ރިޕޯރޓަރަކު ލައިވް ކެމެރާގެ ކުރިމަތީގައި ރައީސް ޓްރަމްޕް އަށް ކުރިމަތި ކުރި ސުވާލަކާ ގުޅިގެން ކޯފާ އިސްކުރައްވައި އެ ރިޕޯރޓަރ ބޭރުކުރެއްވި މަންޒަރުވެސް ދުނިޔެ ވަނީ ދެކިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް