ބުރުކީނާ ފާސޯގެ މިލިޓްރީ ބޭސްއަކަށް ހަމަލާދީ 50 ސިފައިން މަރާލައިފި

Loading

Facebook
Twitter
WhatsApp

ބުރުކީނާފާސޯގެ ހަތިޔާރު އެޅި ޖަމާއަތަކުން އެ ގައުމުގެ އުތުރު ސަރަހައްދުގެ މިލިޓްރީ ބޭސްއަކަށް ހަމަލާދީ 50 ސިފައިން މަރާލައިފި ކަމަށް އެ ސަރަހައްދުގެ ކޮމިއުނިޓީ ލީޑަރުންނާއި ރައްޔިތުންގެ ފަރާތުން މައުލޫމާތު ދީފިއެވެ. ބައުލްސާ ސަރަހައްދުގެ ޑަރްގޯގެ މިލިޓްރީ ބޭސް އަށް ދިން އެ ހަމަލާއަކީ ޖަމާއަތު ނަސްރުލް އިސްލާމް ވަލް މުސްލިމީން އިން ދީފައިވާ ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭކަމަށްވެސް އެސޯޝިއޭޓެޑް ޕްރެސްއަށް ލިބުނު މައުލޫމާތުގައި ބުނެފައި ވެއެވެ.   

                                 

ޖަމާއަތު ނަސްރުލް އިސްލާމް ވަލް މުސްލިމީން އިން މެދުވެރިކޮށްފާނެ ބިރުވެރި ހާލަތަކަށްޓަކައި އެ މައުލޫމާތު ހާމަކުރި ފަރާތުގެ ވަނަވަރުތައް ވަނީ ސިއްރު ކުރެވިފައެވެ. އަދި މިލިޓްރީ ބޭސް އަށް ދިން ހަމަލާގައިހަތިޔާރު އަޅައިގެން ތިބި ސަތޭކަ ވަރަކަށް މީހުން ވަނީ ބައިވެރިވެފާކަމަށް އެ މައުލޫމާތުގައި ބުނެފައި ވެއެވެ. އެ ހަމަލާއާ ބެހޭ ގޮތުން ސަރުކާރުން މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ.                      

ބުރުކީނާ ފާސޯގެ ރަށްފުށު ސަރަހައްދުތަކުގައި އާންމު ރައްޔިތުންނާ އަދި ސިފައިންނާ ދެކޮޅަށް ގިނަ ހަމަލާތަކެއް ހިންގަމުން ގެންދާއިރު އޭގެ ތެރެއިން އެންމެ ބޮޑަށް އިނގިލި ދިއްކުރެވޭ އެއް ޖަމާއަތަކީ ޖަމާއަތު ނަސްރުލް އިސްލާމް ވަލް މުސްލިމީން އެވެ. ބުރުކީނާ ފާސޯގެ އިސްލާމިސްޓް ހަނގުރާމަވެރިން ހުއްޓުވުމަށް މިލިޓްރީ ލީޑަރ އިބްރާހިމް ޓްރައޯރޭ ކުރައްވަމުން ގެންދަވާ މަސައްކަތުގައި މިހާތަނަށް ރަނގަޅު ނަތީޖާއެއް ނުލިބެއެވެ. އަދި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒުން އެފްރިކާ ބައްރުގައި ގާއިމް ކޮށްފައިވާ އަދި މިހާރުވެސް ބާރުއަޅަމުން ގެންދާ ސިޔާސީ ނިޒާމުގައި ގައުމުތަކުގައި ރައްޔިތުން ބިކަވެފައިވާ މިންވަރު ދެކޭކަށް ބޭނުމެއް ނުވެއެވެ.                                                             

ފަހަކަށް އައިސް ބުރުކީނާފާސޯގައި ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ތަންފީޒުކުރެވި ގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމުގެ ނިޝާންތައް ފާހަގަކުރެވެމުންދާކަން ބައިނަލް އަގްވާމީ މީޑިއާތަކުން ގެންދަނީ ހާމަކުރަމުންނެވެ.                                                   

ބުރުކީނާ ފާސޯގެ އެތެރޭގެ ހަމަނުޖެހުންތަކަށް ބައެއް އަވަށްޓެރި ގައުމުތަކުންވެސް ހިތްވަރު ދެމުންގެންދާ ކަމުގެ އަޑުތަކެއް ދަނީ އިވެމުންނެވެ. ބުރުކީނާފާސޯގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއްކަމުގައި ފާހަގަކުރެވިފައިވާ  އާންމު ނަމެއްގެ ގޮތުން އަލިނޯ ފާސޯގެ ނަމުން މުޚާތަބު ކުރެވޭ އަލައިން ޓްރައޯރޭ ވަނީ މީގެ ހައެއްކަ މަސްދުވަސް ކުރިން އައިވަރީ ކޯސްޓުގައި ހައްޔަރުކޮށް ޖަލުގައި ބަންދު ކޮށްފައެވެ. އުމުރުން 44 އަހަރުގެ ޓްރައޯރޭ މިދިޔަ ހޮނިހިރު ދުވަހު ޖަލުގައި އަމިއްލައަށް މަރުވެފައިވާ ކަމަށް އައިވަރީ ކޯސްޓް ސަރުކާރަށް ހަވާލާދީ 29 ޖުލައިގާ ބީ ބީ ސީގެ ޚަބަރެއްގައި ބުނެފައިވެއެވެ. ޓްރާއޯރޭގެ މަރު ތަހްގީގުކުރަމުން ގެންދާކަމަށް އައިވަރީ ކޯސްޓުގެ ޕްރޮސެކިއުޓަރގެ އޮފީހުން ބުނެފައި ވެއެވެ.                            

އައިވަރީ ކޯސްޓުގެ މި ބަޔާން ބުރުކީނާ ފާސޯއިން ގަބޫލެއް ނުކުރެއެވެ. ބުރުކީނާ ފާސޯ ގެ އިންފޯރމޭޝަން މިނިސްޓަރ ވިދާޅުވެފައިވަނީ އަލިނޯ ފާސޯ އަކީ ސާހިލް ސަރަހައްދުގެ ކޮރަޕްޝަނާ ފަސާދައާ ދެކޮޅަށް އާންމުން ހޭލުންތެރި ކުރުވަން ބުރަމަސައްކަތްތަކެއް ކުރަމުން ގެންދަވާ ބޭފުޅަކަށް ވުމުގެ ސަބަބުން އެ ބޭފުޅާގެ އަޑު ކަނޑުވާލަންވެގެން މަރާލީ ކަމަށެވެ. އަދި އެބޭފުޅާއަކީ އެ ސަރަހައްދުގެ ގައުމުތަކުގައި ހާލުގައި ޖެހިފައިތިބޭ މީހުންނަށް މަދަދު ކުރުމުގައިވެސް ވަރަށް މަޝްހޫރުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. އަލިނޯ ފާސޯއަކީ ހުޅަނގު އެފްރިކާ ސަރަހައްދުގައި އިޖްތިމާއީގޮތުން ވަރަށް މަޝްހޫރު ވަމުން އަންނަ ބޭފުޅެކެވެ. އެލިނޯ ފާސޯގެ ހަށިގަނޑު ގައުމަށް ފޮނުވާދިނުމަށް ބުރުކީނާ ފާސޯ އިންވަނީ އެދިފައެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަލިނޯ ފާސޯ ހައްޔަރު ކުރުމުން އެއީ ސިޔާސީ އުކުޅެއް ކަމަށްބުނެ އެ ސަރަހައްދުގެ ގައުމުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ނުރުހުން ފާޅުކުރަމުން ގެންދިޔަކަމަށް ވެއެވެ. ސާހިލް ކަމަށް ބެލެވެނީ ހުޅަނގު އެފްރިކާގެ އެޓްލާންޓިކް ކަނޑުގެ ގޮނޑުދޮށުން ފެށިގެން ދިގުމިނުގައި 5500 ކިލޯމީޓަރ އަދި ފުޅާމިނުގައި 450 ކިލޯމީޓަރ ގައި ރެޑްސީގެ ގޮނޑުދޮށާ ހަމަޔަށް 12 ގައުމެއް އެކުލެވޭ ސަރަހައްދަކަށެވެ. ސާހިލް މި ބަސް ބޭނުންކުރެވެނީ އަރަބި ބަހެއްގެ ގޮތުގައި ގޮނޑުދޮށް މާނަކުރުމަށެވެ.   

 

ފުޓްބޯޅަ ކުޅުންތެރިއާ އެލައިން ޓްރައޯރޭ ( އަލިނޯ ފާސޯ ) އާއި ރައީސް އިބްރާހިމް ޓްރައޯރޭގެ ފޮޓޯއެއް

އެލިނޯ ފާސޯ މަރުވިކަން އާއިލާއަށްވެސް އެންގުމަކާ ނުލައި އައިވަރީ ކޯސްޓް ސަރުކާރުން އެންމެފުރަތަމަވެސް ސޯޝަލް މީޑިއާގެ ޕްލެޓްފޯމަށް އެ ޚަބަރު ދިނުމުން ބުރުކީނާ ފާސޯގެ ޚާރިޖީ ވަޒީރު ކަރަމޯކޯ ޖީން މާރީ ޓްރައޯރޭ ވަނީ ވަރަށްބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ނިޔާވެފައިވާ މީހާގެ އާއިލާއަށް ދޭންޖެހޭ އިހްތިރާމުންވެސް އައިވަރީ ކޯސްޓުން އެއްކިބާވެފައިވާ ކަމަށެވެ. އަދި މިކަމާގުޅިގެން އެ ގައުމުގައި ހުންނަވާ ސަފީރުވެސް ވަނީ ޚާރިޖިއްޔާއަށް ގެނުވާފައެވެ. އަލިނޯ ފާސޯ ހައްޔަރުކުރުމާއި އަދި އެއަށްފަހު އެބޭފުޅާއާ ދެތެރޭ އައިވަރީ ކޯސްޓުން ކަންތައްކުރަމުން ގެންދިޔަ ގޮތާދޭތެރޭ އެ ސަރަހައްދުގައި އިންސާނީ ހައްގުތައް ކަށަވަރު ކުރަން މަސައްކަތް ކުރަމުންގެންދާ ޖަމާއަތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުން ގެންގޮސްފައި ވެއެވެ.                                                

2021 ވަނައަހަރު ޓްރާއޯރޭ ( އެލިނޯ ފާސޯ ) ވަނީ އަނބިކަނބަލުންނާއެކު ބުރުކީނާ ފާސޯއިން އައިވަރީ ކޯސްޓަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ. އައިވަރީ ކޯސްޓްގައި އެބޭފުޅުންގެ ރެސްޓްރާންޓް ވިޔަފާރިއެއް ހިންގަވަމުންގެންދަވައެވެ. އެލައިން ޓްރެއޯރޭ އަކީ އެ ސަރަހައްދުގައި ވަރަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އަދި އެބޭފުޅާއަކީ ބުރުކީނާފާސޯގެ ރައީސް އިބްރާހިމް ޓްރައޯރޭ އާއި ތިމާގެ ބޭފުޅެއް ނޫނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް