މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމާއެކު، އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، އަދި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތަށް ވަޑައިގެންނެވުމުން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، އެމަނިކުފާނަށް ޝަރަފުގެ ގާޑެއްވެސް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިފައިންގެ ތެރެއިން ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެލި އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ލިބިވަޑައިގެންނެވި އަސްކަރީންނަށް މެޑެލި ހަވާލުކޮށްދެއްވާފައެވެ.

އަދި ފުލުހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި މަތިވެރި ޚިދުމަތުގެ މެޑެލި ލިބިވަޑައިގެންނެވި ފުލުހުންނަށްވެސް އެމަނިކުފާނު ވަނީ މެޑެލި ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހި ސިފައިންނާއި ފުލުހުންނަށްޓަކައި އަދުގެ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް، ފަޚުރުވެރިކަމާއެކު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމުގައި ދިވެހި ސިފައިންނާއި ފުލުހުން އަދާކުރަމުންދާ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި، ރައީސް ވަނީ އެކަން ފާހަގަކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، އަދި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ. ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދެވި ރަސްމިއްޔާތު ނިންމާލުމުގެ ކުރިން، ސިފައިންނާއި ފުލުހުންގެ ޢަޒުމު އައުކުރުން އޮތެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ދިވެހި ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން، ގިނަ ޢަދަދެއްގެ އަސްކަރީންނާއި ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް