ހޫތީ މުޖާހިދުންގެ ސަބަބުންލިބުނު ގެއްލުން ފޫ ބެއްދޭނެގޮތެއް ނެތިގެން އީލާތުގެ ބަނދަރު ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp
މިސްރުގެ ސަރަހައްދާ އިންވެގެން އޮންނަ އިސްރާއީލުގެ އީލާތު ބަނދަރުގެ ފޮޓޯއެއް

އިސްރާއީލުގެ އިލާތު ބަނދަރު ހިންގާ ކުންފުނިން އިސްރާއީލުގެ މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ހޫތީ މުޖާހިދުންގެ ސަބަބުން ލިބޭ ގެއްލުން ތަކާހުރެ އިލާތުގެ މުނިސިޕަލިޓީއަށް ދައްކަން ޖެހިފައި ޓެކްސް އާއި ދަރަނި ނުދެއްކިގެން އީލާތު ބަނދަރު ބަންދުކުރަންޖެހުމަކީ އިސްރާއީލަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.

އަދި އެއީ ހޫތީން މުޖާހިދުންނަށް ލިބުނު ނަސްރެއްކަމަށްވެސް ގަބޫލު ކުރަން ޖެހެއެވެ. އިސްރާއީލުގެ ބޮޑުވަޒީރުގެ ސިޔާސީ ޕާރޓީއަށް ނިސްބަތްކުރެވޭ ޕާރލަމެންޓް މެމްބަރ އޯޑެޑް ފޯރަރ ބުނެފައިވަނީ އީލާތ ބަނދަރު ބަންދުކުރަންޖެހުމަކީ އިސްރާއީލުން ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށެވެ. އޭނާގެ އިބާރާތުން ބުނާނަމަ އިސްރާއީލުގެ ވިޔަފާރީގެ ދެކުނު ދޮރާށި ހުޅުވުމަށް މި ގައުމުން ވަނީ ނުކުޅެދިފައެވެ. އަދި އެ ދޮރުގެ ފާރަވެރިންނަށް ނޭވާ ނުލެވޭވަރަށް އެހުރީ ކަރަށް މަޅި ފައްތާފައެވެ. މި ވާހަކަ އަހަރެމެން ދައްކާތާ ކިތަންމެ ދުވަހެކެވެ. އެކަމަކު ސަރުކާރަށް ކުރެވުނު ހަމަ އެއްކަމެއްވެސް ނެތެވެ. މިއީ އިސްރާއީލުގެ އިގްތިސާދުގެ އެންމެ މުހިން އެއް ލޭނާރު ބުރިކޮށްލުންކަން ސަރުކާރަށް އެނގޭއިރުވެސް ބުރިކޮށްލާފައިވާ ލޭނާރުން މަޑުމަޑުން ލޭ ފައިބަމުންގޮސް ހަކަތަނެތިގެން ވެއްޓުނު އިރުވެސް މިތިބީ ބަލާށެވެ.                                                           

2023 ވަނައަހަރު އެ ބަނދަރަށް 63 މިލިއަން ޑޮލަރ ލިބިފައިވާއިރު 2024 ގައި އެ އަދަދުވަނީ 12.5 މިލައަން ޑޮލަރަށް ދަށްވެފައެވެ. ހޫތީ މުޖާހިދުންގެ ހަމަލާތަކުން ކުރިމަތިލާން ޖެހިފައި އޮތް ނުރައްކާތެރިކަން އެއީ އީލާތުގެ ބަނދަރަށް ބޯޓުފަހަރު އައުން ހުއްޓާލި ސަބަބުކަމުގައި ބުނެފައި ވެއެވެ. އަދި 2023 ވަނައަހަރު 134 ބޯޓު ބަނދަރުކޮށް 150000 ކާރު އެ ބަނދަރަށް ބާލާފައި ވާއިރު 2024 ވަނައަހަރު ބަނދަރު ކޮށްފައިވަނީ ހަމައެކަނި 64 ބޯޓެވެ. އަދި އެންމެ ކާރެއްވެސް އެ ބަނދަރަށް ބާލާފައެއް ނުވެއެވެ. މި އަހަރު މޭ މަހުގެ ނިޔަލަށް އެ ބަނދަރަށް އައިސްފައި ވަނީ އެންމެ 6 ބޯޓެވެ.                                

ހޫތީ މުޖާހިދުން އަންސާރު ﷲ އިން އިއުލާން ކޮށްފައިވަނީ އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހަމަލާ އެއްކޮށް ހުއްޓާލައި އެ ގައުމުގެ ސިފައިން ގައްޒާއިން ފައިބާ ދުވަހަކާ ހަމަޔަށް އިސްރާއީލާ ގުޅުންހުރި އެއްވެސް އުޅަނދަކަށް ރެޑްސީ ތެރެއިން ދަތުރުކުރުން އަމާން ނުވާނެ ކަމަށެވެ. އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 58000 މީހުން މިހާރުވަނީ ޝަހީދު ކޮށްލާފައެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި އަދި އޭގެ އިތުރުން 21000 ކުޑަކުދިން ގެއްލިފައިވާ ކަމަށާއި 140000 މީހުން ޒަޚަމްކޮށްލާފައިވާކަމަށް އިންޓަރނޭޝަނަލް ސޭވް ދަ ޗިލްޑްރެން އިން ބުނެފައި ވެއެވެ.                              

ރެޑްސީގައި ހޫތީ މުޖާހިދު ހިންގަމުންގެންދާ ހަމަލާތަކާ ގުޅިގެން ރެޑްސީ އަށް ހުޅުވާލާފައި އޮންނަ އިސްރާއީލުގެ މައި ބަނދަރު އީލާތު ޕޯރޓަށް ދަތުރުކުރާ ބޯޓުފަހަރު މަދުވުމުން އެ ބަނދަރުން ދައްކަންޖެހޭ ދަރަނި ނުދެއްކޭތީވެ މިއަދުން   ( 2025 ޖުލައި 20 ) ފެށިގެން އެ ބަނދަރު ބަންދުކުރަން ނިންމައިފިއެވެ.              

އިލާތު މުނިސިޕަލިޓީއިން މިދިޔަ ބުރާސްފަތި ދުވަހު އެ ބަނދަރުގެ ބޭންކް އެކައުންޓްތައް ފްރީޒް ކޮށްފައިވާ ކަމަށް އިސްރާއީލުގެ ބިޒްނަސް އެންޑް އިކޮނޮމިކް ނިއުސް ޕޭޕަރުން ރިޕޯރޓް ކޮށްފައި ވެއެވެ. އެނޫހުން ބުނެފައިވާގޮތުގައި އެ ބަނދަރުން މުނިސިޕަލިޓީއަށް މިހާރު ދައްކަންޖެހިފައިވާ ޓެކްސްގެ އަދަދު 3 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އެ ނޫހުން އިތުރަށް ރިޕޯރޓް ކޮށްފައިވާ ގޮތުގައި ހޫތީ މުޖާހިދުންގެ ހަމަލާތަލުގެ ސަބަބުން އެ ބަނދަރު މިހާރު އޮންނަނީ އެއްވެސް ބޯޓެއްނެތި ހުސްކޮށެވެ. އިލާތު ބަނދަރަށް މެދުވެރިވެފައިވާ މާލީ ހުރަސްތަކަކާހުރެ އިލާތު ޕޯރޓުން މުނިސިޕަލިޓީއަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ ގޮތެއް ނެތުމުގެ ސަބަބުން މުނިސިޕަލިޓީން އެ ބަނދަރުގެ ބޭންކް އެކައުންޓްތައް މިހާރު ވަނީ ހިފާއްޓާފއި ކަމަށް އިސްރާއީލުގެ ޝިޕިންގ އެންޑް ޕޯރޓްސް އޮތޯރިޓީން އެންގުމާގުޅިގެން މާދަމާއިން ފެށިގެން އެ ބަނދަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލާނެ ކަމުގެ ލިއުން މިހާރު ވަނީ ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައެވެ.                                        

އީލާތު ބަނދުން އެކިފަރާތްތަކަށް ދައްކަންޖެހިފައިވާ ފައިސާއަށް 4.5 މިލިއަންޑޮލަރު މި ހުސްވި މަހު ސަރުކާރުން ވަނީ ދީފައެވެ. އަދި  އީލާތު ބަނަދަކީ ސަރުކާރުގެ ވަރަށް މުހިންމު ރައުސުލްމާލެއްކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އެ ބަނދަރު ހިންގާ ކުންފުނިން ބުނެފައިވަނީ ސަރުކާރުން އެކަށީގެންވާ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަމަށެވެ. ހަނގުރާމައިގާ 2 އަހަރު ވެގެންދާއިރު ސަރުކާރުގެ އެހީތެރިކަންނެތި އަމިއްލަ ކުންފުންޏަކުން ބަނދަރު ހިންގަން އެންގުމަކީ މަގުމަތީ ކުއްތާއަށް ކާން ދިނުން ކަހަލަ ކަމެކެވެ. އެސޮރަށް ލިބުނުގޮތަކަށް ލިބުނު އެއްޗެއް ކައިގެން ދިރިއުޅޭށޭ ބުނުންކަހަލަ ކަމެކެވެ.            

އީލާތު ޕޯރޓަކީ އިސްރާއީލުން އިންޑިއަން އޯޝަނާއި އިރުމައްޗަށް ދަތުރުކުރާ އުޅަނދުފަހަރަށް ވަރަށް މުހިންމު ބަނދަރެކެވެ. އެ ބަނދަރު ހުޅުވުނީ 1957 ވަނަ އަހަރުގައެވެ. އެ ބަނދަރުން އިރުމައްޗަށް ދަތުރުކުރާ އުޅަނދު ފަހަރުން ސުއޭސްކެނަލް ހުރަސްކުރަން ނުޖެހުމުން އެ އުޅަނދުފަހަރުގެ ދަތުރުން ބޮޑު ޚަރަދެއް ސަލާމަތް ކުރެވޭނެއެވެ. އެ ކުންފުނިން އިތުރަށް ބުނެފައިވަނީ މުސާރަ ދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން އެ ބަނދަރުގައި މަސައްކަތްކުރާ މީހުންގެ އަދަދަކީ މިހާރު ހަމައެކަނި 47 އެކެވެ.                             

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް