200 އަހަރު ވަންދެން އިންޑިއާގައި ބޭނުންގޮތަކަށް ވެރިކަންކުރި އީސްޓް އިންޑިއާ ކުންފުންޏަކީ މިއަދު އިންޑިއާގެ ރައްވެއްސަކު މިލްކެކޭ ބުނީމާ ހައިރާން ނުވާނީ ކާކު ހެއްޔެވެ. އިނގިރޭސި ވިލާތުގެ ދިދައަށް އިރު ނުއޮއްސޭނެ ކަމަށް ގޮވަމުންދިޔަ ޒަމާނުގައި އިންޑިއާ ބައްރުގެ މައްޗަށް ވެރިވެ ގަނެގެން އެތާނގެ ރައްޔިތުން އަޅުވެތި ކުރި ޒަމާން މިހާރުވެސް ލޮލުގެ ކުރިމަތީގައި ކަޝްފުވަމުންދާކަހަލައެވެ. އެ އަޅުވެތިކަމުގައި އިންޑިއާ ބައްރުގެ ގައުމުތައް 200 އަހަރު ހޭދަކުރަން ޖެހުނެވެ. އެ މުއްދަތުގެ ތެރޭގައި އިންޑިއާ ބައްރުގެ މުއްސަނދިކަން ފޭރިގަނެ އެތަނުގެ ރައްޔިތުންގެ އިންސާނީ ކަރާމަތަށް ދާންދެން އޮތީ އަޅުވެތި ކޮށްލާފައި ކަމަށް ތާރީޚު އިލްމުގެ ފަތްފުއްތަކުން ފެންނާނެއެވެ.
އީސްޓް އިންޑިއާ ކުންފުނި އުފެއްދީ ވިޔަފާރި ކުރާ ކުންފުންޏެއްގެ ގޮތުގައި އިނގިރޭސި ވިލާތުގެ ޚާއްސަ ޝާހީ ގަރާރަކުން 1600 ވަނަ އަހަރު ޑިސެމްބަރ މަހު 31 ވަނަ ދުވަހުއެވެ. އިންޑިއާއާއި އަދި އިރުމަތީ އޭޝިއާ ޚާއްސަގޮތެއްގައި ފާހަގަކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައި ވިޔަސް އިނގިރޭސި ހުކޫމަތު ހިންގުމުގެ ބާރު އެގަރާރުގައި އެކުންފުންޏަށް ވަނީ ދީފައެވެ.
ގައުމެއް އަޅުވެތި ކުރުމަށްޓަކައި ދުނިޔޭގައި އޭރުވެސް އަދި މިހާރުވެސް ބޭނުންކުރާ އެންމެ އާދައިގެ އުކުޅަކީ ގައުމުގައި ތިބޭ މުއްސަނދިންނާއި ސިޔާސީ މަގާމުތައް ގަނެލުމެވެ. އީސްޓް އިންޑިއާ ކުންފުނީގެ ސިޔާސަތަކަށްވެސްވީ އެ ކުންފުނީގެ ވިޔަފާރީގެ މުއާމަލާތުތަކުގެ ތެރެއިން އަލުން ނުނިކުމެވޭވަރަށް އިންޑިއާގެ ބޮޑުން ގަންބާލުމެވެ. އެއަށްފަހު މިލިޓްރީ ބާރު ފަތުރަމުންގޮސް އެ ކުންފނީގެ ބާރުގެ ދަށަށް އިންޑިއާ ދަމައިގަތީއެވެ. ޕްލަސޭގެ ނަން ދީފައިވާ ހަނގުރާމައަށްފަހު 1757 ޖޫން 23 ގައި އެންމެ ފުރަތަމަ ދަމައިގަތްކަމަށް ތާރީޚުން އެނގެނީ ހުޅަނގު ބަންގާޅު ކަމަށެވެ.
ޕްލަސޭ ހަނގުރާމައިގާ އިނގިރޭސީންގެ މިލިޓްރީ ބާރު އިންޑިއާގެ ބޮޑު ސަރަހައްދަކަށް ފަތުރާލިއެވެ. އިނގިރޭސީންގެ ނަސްލީ ތަފާތުކުރުންތަކާއި އެހެނިހެންގޮތްގޮތުން އިންޑިއާގެ ވަޒަންވެރިންނަށް ކުރިމަތި ކުރަމުންގެންދިޔަ ފިއްތުންތައް އޭގެ ހައްދުން ނައްޓާލައިގެން ދާންފެށުމުން އޭގެ ސަތޭކަ އަހަރުފަހުން 1857 ވަނައަހަރު އިނގިރޭސީންނާ ދެކޮޅަށް އިންގިލާބީ ވަރަކާތްތައް ފަށާ ގަނެވުނެވެ. އެއީ އިންޑިއާގެ މިނިވަންކަމަށްޓަކައި އެނެމް ފުރަތަމަ އެޅުނު ފިޔަވަޅެވެ.
އީސްޓް އިންޑިއާ ކޮމްޕެނީއާ ދެކޮޅަށް އިންޑިއާގައި ހިންގަމުންދިޔަ އިންގިލާބީ ހަރަކާތްތައް ފުޅާވެ އޮބި އޮންނަވަރު ނުވުމުން އިންޑިއާއަކީ ސީދާ އިނގިރޭސި ތަޚުތުން ވެރިކަން ކުރާ ގައުމަކަށް ބަދަލުވެގެން ދިޔައެވެ. އަދި އިންޑިއާ ބައްރު އަޅުވެތިކޮށްގެން ގެންގުޅުމުގެ ބާރު އީސްޓް އިންޑިއާ ކޮމްޕެނީއަށް ލިބިދީފައިވާ ގަރާރުވެސް 1874 ވަނައަހަރު އިނގިރޭސި ތަޚްތުން ޖެހުނީ އުވާލާށެވެ. އެއަށްފަހު 1947 ވަނައަހަރު އޯގަސްޓްމަހު 15 ވަނަ ދުވަހު އިނގިރޭސި ވިލާތުން އިންޑިއާއަށް މިނވަންކަން ދިނުން މަޖުބޫރުވީއެވެ. އަދި ކުރިން ފުރިހަމަ ބާރާއެކު ހަރަކާތްތެރިވަމުންދިޔަ އީސްޓް އިންޑިއާ ކޮމްޕެނީއަކީ ސިޔާސީ ބާރެއްނެތް އަދި ހަމައެކަނި އިނގިރޭސި ވިލާތް ތަމްސީލުކުރާ ހިޔަންޏަކަށް ވެގެންދިޔައީ އެހިސާބުންނެވެ.
ދުނިޔޭގައި އުފެދުނު އެހެނިހެން ޖައްބާރުންގެ ވެރިކަން ނިމިދިޔަގޮތަށް އިނގިރޭސީންގެ އަޅުވެތި ކަމުން އިންޑިއާ ބައްރުވެސް ސަލާމަތްކުރެވިގެން ދިޔައީ ގިނަ އަދަދެއްގެ ނިކަމެތި ރައްޔިތުންގެ ލެއިން އެ ބިން ތެންމާލާފައެވެ. މިނިވަންކަމަށް ޖިހާދުކުރި ބައެއް މީހުން ސަފަކަށް އަތުރާލާފައި ބަޑިޖަހާ މަރާލި ބައެއް މަންޒަރުތަކުގެ ވީޑިއޯ ފެންނައިރު މިހާރުވެސް ގައިން ހީބިހި ނަގައިގެން ދެއެވެ.
އީސްޓް އިންޑިއާ ކޮމްޕެނީއަކީ އިނގިރޭސި ސަރުކާރުގެ ނަމުގައި އިންޑިއާ އަޅުވެތިކޮށްގެން ގެންގުޅުނު ބާރެވެ. އެކަމަކު 2 ވަނަ ބޮޑު ހަނގުރާމަ ނިމި އިނގިރޭސި ވިލާތުގެ އަޅުވެތިކަން އިންޑިއާގައި ނިމުމަކަށް އައުމުން ދެން އެ ކުންފުންޏަށްވީ ކީއްހެއްޔެވެ ؟ މިއީ މިއަދުގެ އިންޑިއާގެ އާންމު ރައްޔިތުންނަށްވެސް ނޭނގޭ ކަމަކަށް ވުން ވަރަށް ގާތެވެ. އަދި އިންޑިއާ ބައްރާއެކު ދުނިޔޭ ބައެއް އެހެން ގައުމުތައްވެސް އަޅުވެތިކުރުމަށް އިނގިރޭސި ވިލާތުގެ ބާރުތައް ތަންފީޒުކުރަމުން ގެންދިޔަ މި ބާރުގަދަ ކުންފުނީގެ މިއަދުގެ މިލްކުވެރިއަކީ ކާކު ހެއްޠެވެ ؟
200 އަހަރުގެ ދިގު މުއްދަތަކަށް އިންޑިއާ އަޅުވެތިކޮށްގެން ގެންގުޅުނު ބާރުގަދަ އީސްޓް އިންޑިއާ ކޮމްޕެނީގެ މިއަދު ވެރިޔަކީ އަދި އެކުންފުނީގެ ސީ އީ އޯ އަކީ އިނގިރޭސި ވިލާތަށް އުފަންވެފައިވާ އިންޑިއާގެ ވިޔަފާރި ވެރިޔާ ސަންޖީވެ މެހެތާއެވެ. މިއަދު އެކުންފުންޏަކީ ތަފާތު ވައްތަރުގެ ލަގްޒަރީ އުފެއްދުންތަކުގެ ވިޔަފާރި ކުންފުންޏެކެވެ.
ދުނިޔޭގެ ކަންތައްތައް ބަދަލު ވެގެންދާނެ ގޮތެއް އެއްވެސް އިންސާނަކަށް ނޭނގޭނެއެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ބަލާލިއަސް އެތައް ދިމާލަކުން މި ހަގީގަތްތައް ފެންނާނެއެވެ. މާލޭ އެންމެ ޝަރަފްވެރި ބިންތަކުގެ ތެރޭގައި ގުނާލެވުނު ރަސްކަމުގެ ކޮއިލާއި މާބަގީޗާގެއާއި މާންދޫގެއާއި އަތިރީގެއާ ވެލާނާގެ މިއީ ކޮންމެ ވަގުތަކު ލޮލުގެ ކުރިމަތިން ހާމަވަމުންދާ ހަގީގަތެކެވެ. ރާއްޖޭގެ ވެރިކަމަކީ މާލޭ ބޭފުޅުންނަށް ޚާއްސަ ކުރެވިފައިވާ އިއްޒަތެއްކަމަށް ދުށް ޒަމާންވެސް މާޒީވެގެން ދިޔައީއެވެ. ރައްޔިތުން މަގުތަކަށް ނިކުމެގެން މަޖުބޫރު ކުރުވައިގެނެއް ނޫނެވެ.
ހިތައަކީ މިއަދުގެ ވެރިންވެސް މާޒީން ފިލާވަޅު ލިބިގަންނަތަން ނުފެނުމެވެ. ވެރިކަމަކީ ރައްޔިތުންގެ ހައްގެއްކަން ގަބޫލުކުރަން ބޭނުންނުވާކަހަލަ ނިޝާންތައް ގިނަގިނައިން ފެންނަމުންދާކަމެވެ. ހަނދާނަށް އަންނަނީ މިހާރުގެ ގާނޫނު އަސާސީ ޑްރާފްޓް ކުރުމުގެ އެންމެ އިސް ސަފުގައި އުޅުއްވި އިބްރާހިމް އިސްމާއީލު ވިދާޅުވި ބަސްފުޅެކެވެ. “ ގާނޫނު އަސާސީގައި ސިޔާސީ ޕާރޓީއެއްގެ ވާހަކައެއް އަދި ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާރޓީއަށް ނިސްބަތް ކުރެވޭ މެމްބަރުން ތިބޭ ވާހަކައެއް ނޯންނާނެއެވެ. އަދި ތިމާ އިންތިޚާބު ކުރެވޭ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުން ފިޔަވައި އެ މެމްބަރުގެ އަމިއްލަ މަސްލަހަތު ރައްކާތެރިކުރުން ހުއްދަވެސް ނުކުރާނެއެވެ. “ އެހެންވީ އިރު މި ގައުމު މިދަނީ ކާކު ކުރަހާ ދީފައިވާ މިސްރާބަކަށްތޯ ރައްޔިތުން ސުވާލު ކުރަންޖެހެއެވެ. އީސްޓް އިންޑިއާ ކޮމްޕެނީގެ ފެންވަރަށް ވަކި ބަޔަކު މި ގައުމު އަޅުވެތި ކުރަންދެން އަތް އުރާލައިގެން ތިބުމަކީ ދިވެހިންގެ މާޒީން ފެންނަ މަންޒަރެއް ނޫނެވެ.
އެއްދުވަސްވަރެއްގައި ސަންދާނަކީ ސަރުކާރާ ދެކޮޅު ވިސްނުމެއްކަމަށް އޮތީ ލޭބަލް ކޮށްފައެވެ. އެކަމަކު އެދުވަހުވެސް އަދި މިއަދު ސަންދާނަކީ ސަރުކާރާ ދެކޮޅު ވިސްނުމެއް ގެންގުޅޭ ޕްލެޓްފޯމެއް ނޫނެވެ. ސަންދާނުގެ މަގްސަދަކީ ގައުމުގެ ހާލަތު ބަދަލުވަމުންދާގޮތް ރައްޔިތުންނަށް ވިސްނާދިނުމާއެކު ވެރިކަމުގެ ފަރާތަށް ހަނދާންކޮށްދިނުމެވެ.
ދިވެހި ގައުމުގެ މިއަދު ހާލަތާދޭތެރޭ ވިސްނަމުން ގެންދާއިރު ހުކުރު ޚުތުބާގައި ގިނަގިނައިން ވިދާޅުވާ އިންޒާރެއްގެ މަތިންވެސް ހަނދާކޮށްލަން ޖެހެއެވެ. ”ވައްކަން ކޮށްފިނަމަ ތިމަން ކަލެޣެފާނުގެ ދަރިކަނބަލުން ފާތިމާގެ އަތްވެސް ބުރި ކުރައްވާނަމެވެ. މާތް ނަބިއްޔާގެ އިންޒާރެކެވެ. މީހުން މަރާ މީހުންނަށް މަރުގެ އަދަބުދިނުމަށް ކަރުން ނާރު ހިއްލުވާފއި ގޮވަމުންދާއިރު މިވާހަކަ ދައްކާނެ ސިޔާސީ ޕްލެޓް ފޯރމެއް ނެތޭވެސް ބުނެވިދާނެއެވެ. އަދިވެސް އިލްމުވެރިންގެ ގިނަ ދަރުސްތަކެއްގައި ވިދާޅުވާތީ އަޑު އަހަމެވެ. ”މަދީނާގެ މަގުމަތީގައި ކުއްތާއެއް ބަނޑަށް މަރުވިޔަސް ގިޔާމަތްދުވަހުން ތިމަންކަލޭގެފާނާ ސުވާލު ކުރެވޭނެއެވެ ”އަޅުގަނޑުމެންގެ 2 ވަނަ ޚަލީފާ އުމަރުގެ ފާނުގެ އިންޒާރެކެވެ.