ބްރިކްސް އިން ޑޮލަރާ ދުރަށްދާން މަޝްވަރާކުރާއިރު އިންޑިއާ އޮތީ ވަކިފަރާތަކަށް ނުޖެހި

Loading

Facebook
Twitter
WhatsApp

ދާދިފަހުން ރިއޯ ޑި ޖެނެރޯގައި ބޭއްވި ބްރިކްސް ގައުމުތަކުންގެ ވެރިންގެ ބައްދަލު ކުރުން މީގެ ކުރިންވެސް ބޭއްވުނު ބައްދަލުވުން ތަކާ މާބޮޑުތަފާތެއް ހުރިކަމަކަށް ނުވިއެވެ. އަތާއަތްޖޯޑުކޮށް ސަލާން ކުރުމާއި އިތުރު ބައްދަލުކުރުންތަކަށް މަގުފަހިކުރުމާއި ޑިކްލަރޭޝަންތަކާއި ދުނިޔޭގެ ހާލަތު އިސްލާހް ކުރުމުގެ ވާހަކަތަކެވެ. ދުނިޔޭގެ މާލީ ނިޒާމުގެ ލޭނާރުތައް އޮތީ ކާކުގެ އަތްމަތީގައިކަން އެނގޭއިރުވެސް އެމެރިކާ ޑޮލަރުގެ މައްޗަށް ގުދުވެ ކުރުނީސް ކުރަން ޖެހޭނީ ކޮން ޒަމާނަކާ ހަމަޔަށްތޯ ކުރެވޭ ސުވާލު އޮތީ ހަމަ ފެށުނު ހިސާބުގައެވެ.    

ބްރިކްސްގެ ފައުންޑަރ މެމްބަރ ގައުމެއް ކަމުގައިވާ އިންޑިއާގެ ބަހަކީ ކަންތައް ކުރެވިދާނެ އެހެން މަގެއް ހޯދުމުގެ މާނައަކީ އެމެރިކާ ޑޮލަރުގެ ބަދަލުގައި ބާރުގަދަ އެހެން ނިޒާމަކަށް ބަދަލު ކޮށްލުމެއް ނޫނެވެ، ބްރިކްސް ގައުމުތަކުން އެމެރިކާ ޑޮލަރާ ދުރަށް ދިއުމަށް މަޝްވަރާކުރަމުންދާއި އަދި އިންޑިއާއިންވެސް ބްރިކްސްގެ އިގްތިސާދީ ނިޒާމަށް ތާއީދު ކުރާއިރު ހަރުދަނާ އެހެން ނިޒާމެއް ކަށަވަރު ކުރެވޭ ދުވަހަކާ ހަމަޔަށް އެމެރިކާ ޑޮލަރާ ދުރަށް ދާކަށް ބޭނުމެއް ނުވެއެވެ. އަދި މި ވަގުތަށް އެކަން އޮންނަން ޖެހޭނީ ބްރިކްސްގެ މާލީ ނިޒާމުން މަޖުބޫރު ކުރުމަކާ ނުލައި މެމްބަރ ގައުމުތަކުގެ އިޚްތިޔާރަށް ދޫކޮށްލާފައެވެ. އެހެންނަމަވެސް ބްރިކްސްގެ އާންމު ފައިސާއަކަށް އިންޑިއާ ތާއީދެއް ނުކުރެއެވެ.                                                    

އިންޑިއާ ދެކޭގޮތުގައި ބްރިކްސްގެ އާންމު ފައިސާއެއްގެ ވަގުތު އަދި ނުޖެހެއެވެ. މިވަގުތު އެކަންކުރުމުން މާލީ އަދި ސިޔާސީ މައްސަލަތަކެއް އުފެދިގެންދާނެއެވެ. ހަމަ އެއާއެކު އިންޑިއާގެ އިގްތިސާދު ޗައިނާގެ ޔުއާން އަށް ހުޅުވިފައިއޮތުންވެސް އިންޑިއާއަށް ގަބޫލުކުރުން ފަސޭހައެއް ނުވާނެއެވެ. އެމެރިކާ ޑޮލަރ ބޭނުންކުރުމަކީ އިންޑިއާއަށް މައްސަލައެއް ނޫނެވެ. މައްސަލައަކީ އެމެރިކާ ޑޮލަރަކީ ބާރުގަދަ ހަތިޔާރެއް ކަމުގައި އެމެރިކާއިން ވިސްނަމުން ގެންދިއުމެވެ.                                                      

އެމެރިކާ ޑޮލަރާ ދުރަށް ދިއުމުގެ ވިސްނުން ބާރުގަދަވެފައިމިވަނީ ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމާގުޅިގެން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކާއި އަދި އީރާނާއި ވެނެޒޫލާއާ ދެކޮޅަށް ކުރިމަތި ކޮށްފައިވާ ބާރުގަދަ އިގްތިސާދީ ހުރަސް ތަކުގެ ސަބަބުންނެވެ. ހަމަ އެއާއެކު އެމެރިކާ ޑޮލަރއަކީ ބާރުގަދަ ހަތިޔާރެއްގެ ގޮތުގައި އެމެރިކާއިން ބޭނުންކުރަން ފެށުމާ ގުޅިގެން ޗައިނާއިން ކުރިމަތިލާން ޖެހިފައިވާ މާލީ  ނުތަނަވަސްކަމެވެ.                                         

ފާއިތުވެގެންމިދާ ވިއްސަކަށް އަހަރުދުވަހު ބްރިކްސް ޖަމާއަތުން ދުނިޔެއަށް ވިސްނާދޭން މަސައްކަތް ކޮށްފައިވަނީ އެ ޖަމާއަތުން ދުނިޔޭގެ މާލީ ނިޒާމްގައި އޮތް އެމެރިކާގެ މޮނޮޕްލީ ނިމުމަކަށް ގެންނާނެ ކަމަށެވެ. އެކަމަކު މިއަދާ ހަމަޔަށްވެސް އެ ވާހަކަތަކުގައި ޖެހުނު ރީތި ކުލައެއް ނެތެވެ. މިފަހަކަށް އައިސް އެ ވާހަކަތަކަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ލިބޭތަން އެބަ ފެނެއެވެ.                                            

ބްރިކްސްގެ މިނިވަން މާލީ ނިޒާމެއް ލަސްކުރެވެން ނެތްކަމަށް ބްރެޒިލް އިން ގެންދަނީ ހަނދާންކޮށް ދެމުންނެވެ. ބްރެޒިލްއިން ބޭނުންވަނީ ބްރިކްސްގެ ބޭނުންކޮށްގެން ވިޔަސް ދެކުނު އެމެރިކާގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާށެވެ. ރަޝިޔާއޮތީ އިގްތިސާދީ ފިއްތުންތަކާއެކު ޑޮލަރުގެ މާރކެޓުން ބޭރުކޮށްފައެވެ. މިސަބަބަށްޓަކައި ޑޮލަރ ނޫން ހަރުދަނާ އެހެން ގޮތެއް ހޯދަން ވަރަށް އަވަހަށް ރަޝިޔާއިން ބޭނުން ވެއެވެ. ޗައިނާއިން ބޭނުންވަނީ ފުރުސަތުގެ ބޭނުންކޮށްގެން ޔުއާން އަކީ ބައިނަލް އަގްވާމީ ފައިސާއެއް ކަމުގައި ހަދާށެވެ.               

އިންޑިއާއިން ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ފައިސާ ބޭނުންކޮށްގެން ބައިނަލް އަގްވާމީ ވިޔަފާރި ކުރެވެން ވާނެކަމަށް ތާއީދު ކުރިނަމަވެސް އެމެރިކާ ޑޮލަރ އެއްފަރާތް ކުރުމަށްފަހު ބްރިކްސްގެ ނަމުގައި ވަކިފައިސާއެއް ބޭނުންކުރަން ތާއީދެއް ނުކުރެއެވެ. ނިއުދިއްލީން ދެކޭގޮތުގައި ބްރިކްސް ޖަމާއަތް ވާންޖެހޭނީ ދުނިޔޭގެ މާލީ ނިޒާމުގެ މޮނޮޕޮލީ ނައްތާލައި އެއްވެސް ގައުމަކުން ދުނިޔޭގެ އިގްތިސާދުގެ މައްޗަށް އަތްގަދަ ނުކުރެވޭނެ ގޮތެއްގައި މިނިވަންކަމާއެކު ގައުމުތަކުން އިޚްތިޔާރު ކުރާގޮތެއް ކަށަވަރު ކުރަން މަގުފަހިކޮށްދޭ ޖަމާއަތަކަށެވެ. އެމެރިކާ ޑޮލަރާ ދެކޮޅަށް ދުނިޔޭގެ އިގްތިސާދު ބައްޓަން ކުރަން މަސައްކަތްކުރާ ޖަމާއަތަކަށް ނޫނެވެ. އިންޑިޢާ އިން މަސައްކަތްކުރަނީ ދުނިޔޭގެ ވިޔަފާރީގައި ވީހާ ގިނައިން އިންޑިއާ ރުޕީސް ބޭނުންކުރެވޭނެ ނިޒާމެއް އުފައްދާށެވެ.   

ރިއޯ ސަމިޓްގައި ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ރަނގަޅު ފިޔަވަޅުތަކެއް ކުރިއަށް އެޅުނު ކަމަށް ބެލެވެއެވެ. ބްރިކްސް ޕޭ އަށް މަސައްކަތު ފްރޭމްވޯރކެއް އެކުލަވާލުމާއި އަދި ޑިޖިޓަލް ޕޭމެންޓްގެ ނިޒާމެއް ތައާރުފް ކުރުން ހިމެނެއެވެ، އަދި މިހާރު ކުރިއަށްދާ ގައުމުތަކުގެ އަމިއްލަ ފައިސާއިން ބައިނަލްއަގްވާމީ ވިޔަފާރި ކުރެވޭނެ މަގު އަލުށް އެ ގުރޫޕަށް ގުޅުނު  މިސްރާއި އިންޑޮނޭޝިއާއާއި އިތިއޯޕިއާ އަދި ބަންގްލާދޭޝް އާއި އެމިރެޓްސް ހިމެނޭގޮތުގައި ކުރިއަށް ގެންދެވޭނެ ގޮތް ދިރާސާ ކުރުން ވެސް ހިމެނެއެވެ. ދުނިޔޭގައި ބާރުގަދަ އެއްފައިސާއަކަށް ރުހިގެންތިބުމަކީ ރަނގަޅުގޮތެއް ނޫންކަމަށް ރަޝިޔާއާއި ބްރެޒިލް އިން ބާރުގަދަ ބަސްތައް ވަނީ ބޭނުން ކޮށްފައެވެ. ރަޝިޔާއަށްވުރެން ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރާއެކު ނިއު ދިއްލީގެ ގުޅުން ރަނގަޅު ވުމުގެ ނަތީޖާއެއްގެ ގޮތުން ނިއު ދިއްލީން އެމެރިކާއާއެކު އޮންނަ ގުޅުމަށްވެސް ބުރޫއަރުވާކަށް ބޭނުމެއް ނުވެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް