ސައުދީ އަރަބިއްޔާ އާއި ރަޝިޔާއިން މައިނިން އަދި ބޭސްވެރިކަމުގެ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓް ޕާޓްނަޝިޕްތަކެއް ގާއިމްކުރުމުގެ މަޝްވަރާތަކެއް ކުރަމުންގެންދާކަން އިތުބާރުހުރި މަސްދަރުތަކުން ހާމަވެއްޖެއެވެ.
މި ހަފްތާގެ ކުރީކޮޅު ފެށި މި މަޝްވަރާތަކަކީ، ސައުދީ އަރަބިއްޔާގެ ވިޝަން 2030 ގެ އަމާޒުތަކުގެ ތެރެއިން، ތެލުގެ ބާޒާރުގެ ބޭރުން އިގްތިސާދު ފުޅާކުރުމުގެ އަމާޒު ހާސިލްކުރުމުގެ ބައެކެވެ.މިގޮތުން، ރަޝިޔާއިން، ރަނާއި ފޮސްފޭޓް ހިމެނޭގޮތަށް، ސައުދީ އަރަބިއްޔާގެ މަޢުދަނީ ވަސީލަތްތަކަށް އިންވެސްޓްކުރާއިރު، ޓެކްނޮލޮޖީގެ ތަޖުރިބާ ފޯރުކޮށްދޭނެއެވެ. އަދި ބަދަލުގައި ސައުދީގެ އަމާޒަކީ ކެޕިޓަލް އިތުރުކޮށް، ކުރިއަރަމުން އަންނަ ސިނާއަތްތަކުގައި ވަޒީފާތައް އުފެއްދުމެވެ.
މިފަދަ ޕާޓްނަޝިޕްތަކަކީ ތަފާތު އަދި ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކުރުމުގެ މުހިއްމު ކަމެއް ކަމަށް ބުނެ، ސައުދީގެ އޮފިޝަލަކު ސިފަކުރެއްވި ގޮތުގައި މި ޑީލަކީ ”ގްރޯތް އެންޑް އިނޮވޭޝަން އަށް އެޅޭ ބޮޑު ފިޔަވަޅެ“ ކެވެ.މި ޕާޓްނަރޝިޕްގެ ސަބަބުން، ގަލްފް ސަރަހައްދުގައި އިގްތިސާދީގޮތުން ސާބިތުކަން އިތުރުކުރުމުގެ ފުރުސަތު ރަޝިއާއަށް ލިބިގެން ދާއިރު، ސައުދީ އަރަބިއްޔާއާއެކު ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
އެނަލިސްޓުން ބުނާ ގޮތުގައި މި އެއްބަސްވުމަކީ ސައުދީ އާއި ރަޝިޔާގެ އިގްތިސާދީ ގުޅުމަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމެކެވެ. އަދި ސަރަހައްދީ ޑައިނަމިކްސް އަށް ނުފޫޒުވެސް ފޯރުވާނެ އެއްބަސްވުމެކެވެ.އެއްބަސްވުމުގެ އަމާޒުކަމަށްވާ، މައިނިން އާއި ބޭސްވެރިކަމަކީ ސައުދީ އަރަބިއްޔާގެ ވިޝަން 2030 ސްޓްރެޓެޖީގައި ހިމަނާފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކެކެވެ. މިގޮތުން، އޮފިޝަލުން ލަފާކުރާ ގޮތުގައި މި ޕާޓްނަޝިޕްގެ ސަބަބުން ޓެކްނޮލޮޖީ ޓްރާންސްފާއާއި، ވަޒީފާއާއި، ސިނާއީ ތަރައްގީގެ ރޮނގުން ގޮތުން ދިގު ރާސްތާގެ ފައިދާތަކެއް ލިބޭނެއެވެ.އަދި މިހާތަނަށް، ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވި ނަމަވެސް، މަސްދަރުތަކުން ރިޕޯޓުކޮށްފައިވަނީ އެއްބަސްވުމެއްގެ ބިންގާ އަޅަމުންދާ ކަމަށެވެ. މީގެ ސަބަބުން، ދެގައުމުގެ ދެމެދުގައި އިގްތިސާދީ ގޮތުން ގާތް ގުޅުމެއް އުފެދިގެންދާނެކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.