ޑިންގީއެއްގައި ގއ. ގައްދޫ އިން އެ އަތޮޅު ގަމަށް އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދު 79އ ދަތުރުކުރި ޑިންގީ ކަނޑުއަޑިން ފެނިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި އޭނާ ދަތުރުކުރި ޑިންގީ ފެނިފައިވާ ކަމަށެވެ.
އެގޮތުން އެ ޑިންގީ ފެނިފައި ވަނީ ގދ. ގައްދޫއާއި ގަމާއި ދެމެދު އޮންނަ ކަނޑު އޮޅީގެ 10 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެމްއެންޑީއެފްއިން ބުނީ މި ޑައިވްކޮށްފައި ވަނީ ސިފައިންނާއި ފުލުހުން ގުޅިގެން ކަމަށެވެ.
ގަމުން އޭނާ ފުރާފައި ވަނީ ޖުލައި 10ވީ ބުރާސްފަތި ދުވަހު ހެނދުނު 10.30ހާއިރު ކަމަށާއި، އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ސޯޓަކާއި ނޫކުލައިގެ ޓީޝާޓެއް ކަމަށް، ގައްދޫ ކައުންސިލުން ބުނެއެވެ.
އޭނާ ހޯދުމަށްޓަކައި ގައްދޫ ކައުންސިލާއި، ގައްދޫ ފުލުހުންނާއި، ކޯސްޓް ގާޑާއި، މެރިން ޕޮލިސް، އަދި ގައްދޫ މަސްވެރިން ގުޅިގެން ދަނީ މަސައްކަތްކުރަމުން ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
ގައްދޫ ކައުންސިލުން ބުނީ، ޒަކަރިއްޔާ ގެއްލިގައިވާކަން ކައުންސިލަށް ރިޕޯޓުކުރި ވަގުތުން ފެށިގެން ގައްދޫގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އެކްޓިވޭޓްކޮށްފައިވާ ކަމަށެވެ.