ހޫތީ މުޖާހިދުންގެ ޑްރޯނަކާއި ސްޕީޑް ބޯޓަކުން ދިން ހަމަލާ ލައިބީރިޔާ ދިދައިގާ ދުއްވާ ގްރީކުގެ ބަލްކް ކެރިއަރ އެމް ވީ އެޓަރނިޓީ ސީ އަށް އަމާޒުވެ 4 ފަޅުވެރިން މަރުވެފައިވާކަމަށް ރިޕޯރޓް ކޮށްފިއެވެ.
އެ ބޯޓަށް ކުރޫޒް މިސައިލުންނާއި ބެލިސްޓިކް މިސައިލުން ހަމަލާދީ އެ ބޯޓު ރެޑް ސީގެތެރެއަށް ފައްތާލާފައިވާނެ ކަމަށް ހޫތީ މުޖާހިދުންގެ ފަރާތުން ޔަހްޔާ ސަރާއީ އިއްޔެ މެންދުރުފަހުން ހާމަކޮށްފައި ވެއެވެ.
އެމްވީ އެޓަރނިޓީ ސީ އަކީ 2012 ވަނައަހަރު ދެކުނު ކޮރެއާގައި ބަނދެފައިވާ ދިގުމިން 613 ފޫޓު އަދި ފުޅާމިނުގައި 93 ފޫޓު އަދި 36830 ޓަނުގެ ބޯޓެކެވެ. ހޫތީ މުޖާހިދުން ބުނެފައިވަނީ އެ ބޯޓު ދަތުރުކަމުންދިޔައީ އިސްރާއީލުގެ އީލާތަށް ކަމަށެވެ. ހޫތީ މުޖާހިދުންގެ ފަރާތުން ބުނެފައިވަނީ އުއްމު ރަޝްރަޝް (އީލާތު) ގެ ބަނދަރަށް ރެޑް ސީގެތެރެއިން ދަތުރު ނުކުރެވޭނެކަން އެ ބޯޓުގެ ވެރިފަރާތަށްވެސް އޮންނާނީ އަންގާފައެވެ.
ބޯޓުން ދަތުރުކުރި ފަޅުވެރިންގެ ތެރެއިން 7 މީހަކު ވަނީ 24 ގަޑިއިރު ފަހުން ކަނޑުން ސަލާމަތް ކޮށްފައެވެ. އަނެއް 14 މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަން އެނގިފައިވެއެވެ.
އެމް ވީ އެޓަރނިޓީ ސީ އަކީ މި ހަފުތާގެ ތެރޭގައި ހޫތީ މުޖާހިދުންގެ އަމާޒަކަށް ވެފައިވާ ދެވަނަ ބޯޓެވެ. މިދިޔަ ހޯމަ ދުވަހު އެމް. ވީ. މެޖިކް ސީސް ނަންދީފައިވާ 35812 ޓަނުގެ އެހެން ބަލްކް ކެރިއަރެއް ވަނީ ރެޑްސީ ތެރެއަށް ފައްތާލާފައެވެ. އެ ބޯޓުގައި މަސައްކަތް ކުރާ ހުރިހާ މީހުން ވަނީ ސަލާމަތް ކުރެވިފައެވެ.
އިސްރާއީލުން ގައްޒާއަށް ހަމަލާދެމުން ގެންދާހާ ހިނދަކު އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރެވޭ ދުވަހަކާ ހަމަޔަށް އިސްރާއީލުގެ އެއްވެސް ބަނދަރަކަށް ރެޑް ސީގެ ތެރެއިން ދަތުރު ނުކުރެވޭނެކަމަށް ހޫތީ މުޖާހިދުން ވަނީ އަނެއްކާވެސް އިއުލާން ތަކުރާރު ކޮށްފައެވެ.
އެމްވީ އެޓަރނިޓީ ސީގައި ހަތިޔާރުއެޅި 3 ގާރޑުންވެސް ތިބި ކަމަށްވެއެވެ. އޭގެތެރޭގައި އިންޑިއާ މީހަކާ އަދި ގްރީކް މީހަކު ހިމެނެއެވެ. ކަނޑުން މިހާތަނަށް ސަލާމަތް ކުރެވިފައިވާ މީހުންގެ ތެރޭގައި އިންޑިއާ މީހާ ހިމެނެއެވެ. ގެއްލިގެން ހޯދާމީހުންގެ ތެރެއިން ބަޔަކު ހޫތީ މުޖާހިދުން ގެންގޮސްފައި ތިބެދާނެކަމުގެ ބިރުވެރިކަން ބޯޓުގެ ވެރިފަރާތުން ވަނީ ހާމަކޮށްފައެވެ.
ހޫތީ މުޖާހިދުންގެ ހަތިޔާރު އެޅި ސިފައިން ބުދަދުވަހު ބޯޓުގައިތިބި ފަޅުވެރިން ބޯޓުންކަނޑަށް ފުންމާލަން މަޖުބޫރު ކުރުވުމާ ހަމަޔަށް ބޯޓުގައި ތިބިކަމަށް ސަލާމަތްވި 2 ސެކިއުޓީ ގާރޑުން ރޮއިޓާރސްއަށް މައުލޫމާތު ދީފައި ވެއެވެ. ހޫތީ މުޖާހިދިން ވަނީ ބޯޓުގެ ލައިފްބޯޓުތައް އޭގެކުރިން ހަލާކު ކޮށްލާފައެވެ.
އެމްވީ އެޓަރނިޓީ ސީ ގެ ކާރިސާގައި މީހުންނަށް ލިބުނު ގެއްލުން އޮޅުން ފިލުވަން އެ ބޯޓު އޮޕަރޭޓްކުރާ ގްރީކުގެ ކޮސްމޯޝިޕް މެނެޖްމެންޓަށް ސުވާލުކުރުމުން ޖަވާބެއް ނުލިބުނެވެ. އެހެންނަމަވެސް ސައޫދީ އެރޭބިއާ މެދުވެރިކޮށް އެ ބޯޓުގެ މައްސަލާގައި ގްރީކުން މަސައްކަތް ކުރަމުން ގެންދާކަން ވަނީ އެނގިފައެވެ.