ޓެލެގްރާމް ހެކްކުރާ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށެވެ.
މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކު ކަމަށާއި އެ މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނެއެވެ. އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ވަނީ އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަން ނުދިނުމަށް އިލްތިމާސްކޮށްފައެވެ. އެއީ ޓެލްގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިންގ ލިންކެއް ކަމަށާއި އެހެންކަމުން މިފަދަ ލިންކުތަކަށް ނުފިތުމަށް އެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.
”އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެއެވެ. އަދި ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ޕިޝިންގ ލިންކު ފޮނުވަމުންދެއެވެ“ ފުލުހުން ބުނެފައި ވެއެވެ.
ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯކޮށްލާށެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރާށެވެ.
ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެގޮތް:
- ޓެލެގްރާމް ސެޓިންގ
- ޕްރައިވަސީ އެންޑް ސެކިއުރިޓީ
- ޓޫ-ސްޓެޕް ވެރިފިކޭޝަން
- ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން
- ރިކަވަރީ އީމެއިލް އެޑްކުރުން
ފުލުހުން ބުނީ ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ.