މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ކުރީގެ ބޮޑުވަޒީރު ދާޓޫކް ސެރީ އިސްމާއީލް ސަބްރީ ޔައުގުބާ ގުޅުން ހުރި ކަމަށް ބެލެވޭ 169 މިލިއަނަށް ވުރެ ގިނަ ރިންގިޓް އަތުލައިގަތުމަށް މަސައްކަތްކުރަމުންދާކަން ހާމަވެއްޖެއެވެ.
އިސްމާއިލް ސަބްރީ އާއި އޭނާގެ ކުރީގެ ޕޮލިޓިކަލް ސެކްރެޓަރީ ދަތުކް މުހައްމަދު އަނޫރު މުހައްމަދު ޔޫނުސްގެ މައްޗަށް ދައުވާކޮށް، ސެޝަންސް ކޯޓަށް ހުށަހެޅި ފޯފިޗާ މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި، 14.8 މިލިއަން ރިންގިޓް އާއި، 1.46 މިލިއަން ޑޮލަރާއި، 6.13 މިލިއަން އެސްޖީޑީ އާއި، 12.16 މިލިއަން ޔޫރޯއާއި، 3 މިލިއަން ސްވިޒަލޭންޑް ފްރާންސް އާއި، 363 މިލިއަން ޖަޕަނީސް ޔެންއާއި، 50،250 ޕައުންޑާއި، 34.75 މިލިއަން ދިރުހަމާއި، 352،850 އޮސްޓްރޭލިއަން ޑޮލަރާއި، 44،600 ނިއުޒީލެންޑް ޑޮލަރު ހިމެނެއެވެ.
އެމްއޭސީސީން މިކަން ކުރިއަށް ގެންދަނީ އެމްއޭސީސީ ގާނޫނު 2009 ގެ 41 ވަނަ މާއްދާގެ (1) ގެ ދަށުން، އެ ފައިސާ ހޯދާފައިވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ބުނެއެވެ. އެ ފައިސާއަކީ ހަމަ އެ ގާނޫނުގެ 36 ވަނަ މާއްދާގެ (2) ގެ ދަށުން ޝައްކު ކުރެވޭ ކުށްތަކާ ގުޅުންހުރި ފައިސާތަކެއް ކަމަށްވެސް އެމްއޭސީސީއިން ތުހުމަތުކުރެއެވެ.
މިއީ 2025 ވަނަ އަހަރުގެ މާރޗް މަހު ކުރިއަށް ގެންދިޔަ ތަހުގީގަކަށް ފަހު، ”ކެލޫރްގާ މެލޭޝިއާ“ ކެމްޕޭނާ ގުޅުން ހުރި އާންމު ފައިސާގެ 700 މިލިއަން ރިންގިޓް ހިމެނޭ މައްސަލައެއްގައި އިސްމާއިލް ސަބްރީ އަކީ ޝައްކު ކުރެވޭ މީހެއްގެ ގޮތުގައި ކަނޑައަޅާފައިވުމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅެކެވެ. އެ ތަހުގީގުގެ ތެރެއިން، އެކި ގައުމުތަކުގެ ފައިސާގެ އިތުރުން، ލަގްޒަރީ މުދަލާއި، ރަން ހިމެނޭގޮތަށް 177 މިލިއަން ރިންގިޓްގެ މާލު އަތުލައިގެންފައިވެއެވެ.
އަދި އަތުލައިގަތް އެސެޓްތައް ބެލެހެއްޓުމާއި، އެއާއިމެދު އަމަލުކުރަންވީ ކޮންގޮތަކަށްކަމާއި ބެހޭގޮތުން ކޯޓުގެ އިރުޝާދު ހޯދަމުންދާ ކަމަށްވެސް އެމްއޭސީސީން ބުނެއެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.