މިހާރު ހުޅުވަން ތައްޔާރުވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި އެވެ.
ފަސިންޖަރު ބޯޑިން ބްރިޖަކީ ރައްކާތެރި ކަމާއެކު މަތިންދާބޯޓުން ޓާމިނަލްއަށް ފޭބުމަށް ގުޅާލެވޭ ބްރިޖެކެވެ. މި ބްރިޖުގެ ސަބަބުން ޓާމިނަލުން މަތިންދާބޯޓަށް އަދި މަތިންދާބޯޓުން ޓާމިނަލަށް ދިއުމަށް ބަސް ބޭނުންނުކޮށް މަތިންދާބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެ އެވެ. މިއީ އާ ޓާމިނަލްއާއެކު ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ ހިދުމަތެކެވެ.
މި ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރަން މިހާތަނަށް ވަނީ 46 މުވައްޒަފުން ތަމްރީންކޮށްފަ އެވެ. އޭގެ ތެރެއިން 14 މުވައްޒަފުން ތަމްރީން ކޮށްފައިވަނީ މެލޭޝިއާއަށް ފޮނުވައިގެންނެވެ.
އެމްއޭސީއެލުން ބުނީ މި ތަމްރީނުތަކުގެ ބޭނުމަކީ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާ މުވައްޒަފުން އިންޑަސްޓްރީގެ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިކުރުވުން ކަމަށެވެ. އަދި ބޯޑިން ބްރިޖުތައް ސަލާމަތްތެރިކަމާއެކު އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ކަމަށެވެ.
މި ތަމްރީނުތަކުގައި ބައިވެރިވި މުވައްޒަފުން، ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރުމުގެ ކުރިން އޭގެ ސިމިއުލޭޓާ އެކްސަސައިޒްތަކެއްވެސް ހަދާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ މެލޭޝިއާ އަށް ފޮނުވައިގެން ތަމްރީނު ހެދި މުވައްޒަފުން މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ފަސިންޖަރު ބޯޑިން ބްރިޖަށް އޮޕަރޭޓް ކުރާނެ އިތުރު މުވައްޒަފުން ތަމްރީނު ކުރުން ކަމަށެވެ.