ގައްޒާގެ ބާރުގަދަ ގަބީލާއެއްގެ ސަރުދާރަކު ހަމާސްއާ ދެކޮޅަށް އިސްރާއީލަށް މަދަދު ކޮށްދެމުން ގެންދާތީވެ ގައްޒާގައި ހަމާސްއިން ހިންގަމުންގެންދާ ދާޚިލީ ވުޒާރާއިން އޭނާއާއި އޭނާއަށް ބައިއަތު ހިފައިގެންތިބި ހަތިޔާރުއެޅި ބައިވެރިން އަމާން ދިނުމަށް އަންގައިފިއެވެ.
އެ ވުޒާރާ އިން އިންގިލާބީ އިންސާފުގެ ކޯޓު އަމުރު ބަޔާންކުރަމުން ޔާސިރް އަބޫ ޝަހާބު 10 ދުވަހުގެ ތެރޭގައި އަމާން ދިނުމަށްފަހު އެ މިނިސްޓްރީއަށް ހާޒިރުވުމަށް ވަނީ އަމުރު ކޮށްފައެވެ. އަބޫ ޔާސިރަކީ ހަމާސްގެ ދައުލަތް ގަބޫލުކުރާ މީހެއްނޫނެވެ.
ކޯޓު އަމުރުގައި އޭނާ ދިރިއުޅޭ ކަމަށް މިހާރު ބެލެވެނީ އިސްރާއީލު ސިފައިންގެ ބާރުގެ ދަށުގައި އޮތް ރަފާހް ނުވަތަ ދެކުނު ގައްޒާގައި އެނގިފައިވާތީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އޭނާގެ މައުލޫމާތެއް ލިބިއްޖެނަމަ ކޯޓަށް އަންގަންވެސް އަމުރު ކޮށްފައިވެއެވެ. ކޯޓު އަމުރާ ގުޅިގެން އަބޫ ޝަހާބުގެ ޖަމާއަތުން ބުނެފައިވަނީ އެ އަމުރަކީ ’ސިޓްކޮމް‘ ދިވެހިން އާންމުކޮށް ބުނެއުޅޭ ފަދައިން ޖަމަލު ފޮޑިއެއް ކަމަށާއި އަދި އެޖަމާއަތުން ޖެހިލުން ނުވާ ކަމަށެވެ. އެ ޖަމާއަތުން މުވާސަލާތުކުރަން އާންމުކޮށް ބޭނުންކުރަނީ ފޭސްބުކް ޕޭޖެކެވެ.
އަބޫ ޝަހާބުގެ ޖަމާއަތުން މިހާރު ހަރަކާތްތެރިވަމުންގެންދަނީ ޔޫ އެން އިން ގައްޒާއަށް ފޯރުކޮށްދެމުން ގެންދާ އެހީގެ ތެކެތި ފޭރުމަށް ކަމަށާއި އޭނާ އަތުޖެހިއްޖެ ނަމަ ކޯޓާ ހަމަޔަށް ވެސް ނުގެންދާނެ ކަމަށް ހަމާސް އިން ބުނެފައި ވެއެވެ. ކަނޑައެޅިގެން ވަކި ލީޑަރެއްކަން ހާމަކުރުމަކާ ނުލައި ގައްޒާގެ ބާރުގަދަ ގަބީލާ ލީޑަރަކަށް އިސްރާއީލުން ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށް އެ ގައުމުން ބުނެފައިވެއެވެ.
މީޑިއާތަކުން ހާމަކުރަމުން ގެންދާ އެހެން ޚަބަރެއްގައި ޗައިނާއިން ވައިގެ މަގުން ގައްޒާއަށް އެހީ ފޯރުކޮށް ދިނުމަށްޓަކައި އުދުހެމުންދިޔަ ޖެޓަކަށް އިސްރާއީލުން ހަމަލާދިނުމާގުޅިގެން ޗައިނާއިން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. ޚަބަރުތަކުގައި ބުނެފައިވާ ގޮތުން ޗައިނާއިން އިސްރާއީލަށް ދިން އިންޒާރުގައި ޗައިނާއިން ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވުމުގެ ގާބިލުކަން އިސްރާއީލަށް ލިބިފައި ނުވާނެކަމަށާއި ޗައިނާއާއި ދެކޮޅަށް އެންމެ 2 މިނިޓްވެސް އިސްރާއީލަށް ވުޖޫދުގައި ދެމި ނޯވެވޭނެކަމަށް ބުނެފައި ވެއެވެ.