ބައިނަލް އަގްވާމީ އަދާލަތު ކޯޓުން 2024 ޖުލައި 19 ގައި ދީފައިވާ އިސްތިޝާރީ ލަފާގެ މައްޗަށް ބިނާކޮށް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އުފެއްދުން ގަތުމާއި ވިޔަފާރި ކުރުމާއި އުފެއްދުންތައް އަޔަރލޭންޑަށް އެތެރެކުރުން ގާނޫނީގޮތުން މަނާ ކޮށްފިއެވެ.
ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް ހިމެނޭ ގޮތުގައި އިސްރާއީލުން ހިފާފައިވާބިމުގައި އުފައްދާ އެއްވެސް އުފެއްދުމެއް އަޔަރލޭންޑަށް އެތެރެކުރުމާއި ވިޔަފާރުކުރުން ގާނޫނީ ގޮތުން މަނާކުރެވުނީކަން އަޔަރލޭންޑުގެ ޚާރިޖީ އަދި ވިޔަފާރިއާ ބެހޭ ވަޒީރު ސައިމަން ހަރިސް ވަނީ މިދިޔަ ބުދަ ދުވަހު އިއުލާންކުރައްވާފައެވެ. އަޔަރލޭން ވެގެން މިދިޔައީ އިސްރާއީލާއެކު ވިޔަފާރި ކުރުން ގާނީ ގޮތުން މަނާ ކުރި ޔޫރަޕުގެ ފުރަތަމަ ގައުމު ކަމުގައެވެ.
ސައިމަން ހަރިސް އަކީ އަޔަރލޭންޑްގެ މިހާރުގެ ބޮޑުވަޒީރުވެސް މެއެވެ.
ޔޫރަޕްގެ މަސްލަހަތުވެސް ހިމެނޭގޮތުގައި އިސްރާއީލުން ކުރަމުން މިގެންދާ ކަންތައްތައް އަޔަރލޭންޑަށް ނުވިސްނޭތީވެ ހިތާމަކުރާކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑޯން ސާއަރ ބުނެފައި ވެއެވެ.
އަޔަރލޭންޑްގެ ގާނޫނުގައި ކަނޑައަޅާފައިވާގޮތުން މީގެ ފަހުން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އުފެއްދުން އެތެރެ ކުރުމާއި އިސްރާއީލާއެކު ވިޔަފާރި ކުރާނަމަ އެ ގައުމުގައި 2015 ވަނައަހަރު ތައާރުފްކުރި ކަސްޓަމްގެ ގާނޫނުގެ ދަށުން ބަލައި، ފާސްކޮށް އަދި އެފަދަ މުދާ ސަރުކާރަށް ނެގުމުގެ ބާރު ލިބިދޭނެއެވެ. ޔޫރަޕިއަން ޔޫނިއަނުން މިހާރު އިސްރާއީލުގެ އުފެއްދުންތަކާއި އަދި ހިފަފައިވާ ބިންތަކުގެ (ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް) އުފެއްދުންތައް ވަކިން ދެނެގަތުމަށްތަކައި ބޭނުންކުރާ ޕޯސްޓަލް ކޯޑް އަޔަރލޭންޑުންވެސް ބޭނުންކުރަން ވަނީ ގަސްދު ކުރެވިފައެވެ.
ހަރިސް ވިދާޅުވެފައިވަނީ ފަލަސްތީނުގެ މައްސަލައިގާ އަޔަރލޭންގެ ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ރަނގަޅަށް އިހްސާސްކުރެއްވެވޭ ކަމަށެވެ. ފަލަސްތީނުގެ މައްސަލަ 2 ދައުލަތުގެ މައްޗަށް ބިނާކޮށް އަޔަރލޭންޑުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށްވެސް ވިދާޅުވިއެވެ. ފަލަސްތީނުގެ ބިމަށް އިސްރާއީލުން ވެރިވެގަތުމަކީ ޣައިރު ގާނޫނީ އަމަލެއްކަމަށް ޔޫރަޕިއަން ޔުނިއަނުންނާއި އަދި ބައިނަލް އަގްވާމީ ގާނޫނުތަކުން ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް ދުނިޔޭގެ އަދާލަތުގެ ކޯޓުން 2024 ޖުލައި 19 ގެ ނިންމުމާގުޅިގެން ޔޫރަޕިއަން ޔޫނިއަނުން އަޅާނެ ފިޔަވަޅުތަކަކަށް އަހަރެން މިހުންނަނީ ބަލަބަލައެވެ. ބޮޑުވަޒީރު ހަރިސް ވިދާޅުވިއެވެ.
ބޮޑުވަޒީރު ހަރިސް އާއެކު ބެލްޖިއަމް ފިންލޭންޑް ލަގްޒަމްބާރގް ޕޮލޭންޑް ޕޯރޗުގަލް ސްލޯވީނިއާ ސްޕެއިން އަދި ސްވިޑްންގެ ޚާރިޖީވަޒީރުން ވަނީ ދުނިޔޭގެ އަދާލަތުގެ ކޯޓުގެ ނިންމުމާގުޅިގެން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އުފެއްދުންތަކާއި ވިޔަފާރި މަނާކުރުމާ ބެހޭގޮތުން އެޅުން ލާޒިމްކުރާ ފިޔަވަޅު ތަކުގެތެރެއިން އެ ޔޫނިއަނުން އަޅަން ގަސްދުކުރާ ފިޔަވަޅުތައް ހާމަކުރަން ޔޫރަޕިއަން ޔުނިއަންގެ ކޮމިޝަނަށް ގޮވާލާފައެވެ.
ރިޕޯރޓަރުންނާ ވާހަކަދައްކަވަމުން ހަރިސް ވިދާޅުވީ އަހަރެމެން މިދައްކަނީ ގައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ ގަތުލު އާންމު ހުއްޓުވޭނެ މަގެއް ހޯދުމުގެ ވާހަކައެވެ. މި އެކުލަވާލެވުނު ގާނޫނަކީ އަޔަރލޭންޑުގެ އާންމު ރައްޔިތުންގެ ވިންދު ހާމަކޮށްދޭ ގާނޫނެކެވެ. މިގާނާ އެއްފަދައިން އެހެން ގައުމުތަކުންވެސް އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަލާނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަންދާނުގެ ގިނަ ކިއުންތެރިންނަށް 2024 ޖުލައި 19 ވަނަ ދުވަހު ދުނިޔޭގެ އަދާލަތު ކޯޓުން ދީފައިވާ އިސްތިޝާރީ ލަފާ އެނގިވަޑައިގަންނަވާނެކަން ގަބޫލު ކުރަމެވެ. އެހެންނަމަވެސް ހަނދާންކޮށްލަ ދިނުމުގެ ގޮތުން އެލަފާގެ ޚުލާސާއެއް ބުނެލަން ބޭނުންވެއެވެ.
”ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި އިސްރާއީލުން ވަޒަންވެރި ކުރުވަމުން ގެންދިއުމަކީ ޖެނީވާ ކޮންވެންޝަންގެ އާރޓިކްލް 49 ގެ 6 ވަނަ ޕެރެގްރާފްގެ ދަށުން ޣައިރު ގާނޫނީ އަމަލެކެވެ. މި ސަބަބަށްޓަކައި ސްޓޭޓް އޮފް އިސްރާއީލާއެކު އެއްވެސް ގައުމަކުން ނުވަތަ ސްޓޭޓަކުންވިޔަސް މާލީ، އިގްތިސާދީ، މިލިޓްރީ ގުޅުމެއް ނުބޭއްވުމަށާއި އަދި އެއްވެސް ބާވަތެއްގެ ޓެކްނޯލޮޖީ އެހީތެރިކަމެއް ފޯރުކޮށް ނުދިނުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި އަދި މި ބުނެވުނު ކަންތަކާ ޚިލާފްވާ ފަރާތްތަކަށް ބައިނަލް އަގްވާމީ މުއާހަދާތަކުގެ ދަށުން އަދަބު ދިނުން ހިމެނެއެވެ.“