އިސްރާއީލާއި އީރާނުންކުރި 12 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށްފަހު ފުރަތަމަ ފަހަރު އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި އާންމު ރައްޔިތުންނާއި އަދި ސަރުކާރާއި މިލިޓްރީގެ އިސް ބޭފުޅުންނާއި ވީޑިއޯގެ ޒަރީޢާއިން ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ އީރާނުން އެމެރިކާގެ މޫނުމަތީގައި ހަނދާން ނައްތާނުލެވޭ ވަރުގެ ތަފާލެއްޖަހާލެވިއްޖެ ކަމަށާއި އަދި މީގެ ފަހުން އީރާނާ ދިމާނުކުރަން އިންޒާރު ދެއްވިއެވެ.
އީރާނުގެ ރަސްމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނާ ބައްދަލު ކުރެއްވިއިރު މޫނުފުޅުމަތިން ވަރުބަލިވެފައި ހުންނެވިކަން ފާހަގަކުރެވުނެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އެންމެ ޚާއްސަކޮށް ފާހަގަ ކުރައްވާފައިވަނީ ފާއިތުވެގެން ދިޔަ ދިހަވަރަކަށް ދުވަހު އީރާނުން އިސްރާއީލަށް ދެމުން ގެންދާ ހަމަލާތަކުގައި އިސްރާއީލު ވީރާނާވަމުންދާ މިންވަރު ރައީސް ޓްރަމްޕް އަށް އެނގިވަޑައިގަތުމުން ހަނގުރާމަ ދިގުލައިފިނަމަ އިސްރާއީލު ވުޖޫދުން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ތަސައްވުރު ކުރެއްވުމުން ހަމަ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލަށް އަމުރުކުރެއްވީއެވެ. އަދި އޭރު އީރާނަށް ހަމަލާ ދިނުމަށް އުދުހެމުންދިޔަ އިސްރާއީލުގެ މިލިޓްރީ ޖެޓްތައް އަނބުރާ ގެނައުމަށްވެސް އަމުރު ކުރެއްވީއެވެ. އަދި ހަނގުރާމައިގާ އެމެރިކާއަށް ހާސިލު ކުރެވުނު އެއްވެސް ކާމިޔާބީއެއް ނެތްކަމަށްވެސް ޚާމަނާއި ވިދާޅުވިއެވެ. އެމަނިފާނު މިސާލެއްގެ ގޮތުން ވިދާޅުވެފައިވަނީ އެމެރިކާގެ މިލިޓްރީ ވަސީލަތްތައް ހުރީ އީރާނުން އަތްފޯރާފަށުގައި ކަމާއި ބޭނުންކޮންމެ ވަގުތަކު އެތަންތަން ސުންނާފަތި ކޮށްލެވިދާނެ ކަމަށެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާގޮތުގައި އީރާނާއި ގަތަރާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން އީރާނުން ގަތަރަށް ހަމަލާދޭކަށް ބޭނުމެއް ނުވިއެވެ. އަދި ހަމަލާދިނުމުގެ ކުރިން ގަތަރުގެ ވެރިންނާ ގުޅާފައި ދިފާއީ ނިޒާމްތައް އެކްޓިވޭޓް ކުރުމަށް ފުރުސަތު ދެއްވި ކަމަށްވެސް ބުނެފައި ވެއެވެ. ހަނގުރާމަ ހުއްޓާލިފަހުން ރައީސް ޓްރަމް ދެއްކެވި ވާހަކަފުޅުގައިވެސް އެކަމަށް އިޝާރާތް ކުރައްވައި ހަމަލާދިނުމުގެ ކުރިން ފުރުސަތު ދިން ކަމަށާއި އަދި ބާރުގަދަ ހަތިޔާރު ބޭނުން ނުކުރި ކަމަށްޓަކައި އީރާނަށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ ހައެއްކަ އަހަރުކުރިން ސައޫދީ އެރޭބިޔާއާއި އެމެރިރޭޓްސް އިސްވެ އޮވެ ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅިވަގުތުގައިވެސް ގަތަރަށް ބޭނުންވި އެހީތައް އީރާނުން ފޯރުކޮށްދީ އަދި ތުރުކީން ގަތަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އީރާނުގެތެރެއިން ވަނީ މަގު ހުޅުވާދީފައެވެ. ޚަބަރުތަކުގައި ބުނެފައިވާގޮތުން އީރާނުން ބޭނުންވީ ކޮންމެފަދަ ހަމަލާއެއްވެސް ދެވިދާނެކަން އެމެރިކާއަށް އަންގާދިނުމެވެ.
ސުޕްރީމް ލީޑަރ ވިދާޅުވެފައިވަނީ ކޮންމެފަހަރަކު ނަސީބު އެހާ ރަނގަޅު ނުވާނެކަން ދަންނަން ޖެހޭނެ ކަމަށާއި އަދާކުރަންޖެހޭ އަގު ވަރަށް ބޮޑުވެސް ވެދާނެ ކަމަށެވެ.
މި މަހުގެ 13 ވަނަދުވަހު ހަނގުރާމަ ފެށުނީއްސުރެން މިއަދާ ހަމަޔަށް އުމުރުން 86 އަހަރުފުޅުވެފައިވާ ސުޕްރީމް ލީޑަރ އުޅުއްވީ އާންމުންގެ ތެރެއަށް ނިކުމެވަޑައި ނުގަންނަވައެވެ.
ހަނގުރާމައިގާ އިސްރާއީލަށް ލިބިފައިވާ ގެއްލުންތައް ބަލާލުމުގެ ފުރުސަތު މީޑިއާތަކަށް ލިބުމުން އިސްރާއީލުން ފެނުނު މަންޒްރުތަކާއި ހަނގުރާމައިގެ ދުވަސްވަރު އިސްރާއީލުން ހާމަކުރި ގެއްލުންތައް އަޅާކިޔާލުމުގެ ފުރުސަތު މީޑިއާތަކަށް ވަނީ ލިބިފައެވެ. މީޑިއާތަކުން ހާމަ ކޮށްފައިވާ ޚަބަރުތަކާއި އިސްރާއީލު ސުންނާފަތި ކޮށްލާފައިވާ މިންވަރަށް ބަލާއިރު އިސްރާއީލު ސަރުކާރުގެ ހުއްދަ ލިބިގެން ހާމަކޮށްފައިވަނީ %10 އަށްވުރެންވެސް ކުޑަ މިންވަރެއް ކަމަށް ބުނެފައިވެއެވެ. ރައީސް ޓްރަމްޕް ވިދާޅުވެފައިވާ ފަދައިން އިތުރު ދިހަވަރަކަށް ދުވަހަށް ހަނގުރާމަ ދެމިގެން ދިޔަނަމަ އިސްރާއީލުގައި ދެން ވީރާނާ ކޮށްލާނެ އިތުރު ތަނެއް ނޯންނާނެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ދިރިއުޅޭ ގަނޑުވަރާއި މޮސާޑް ހެޑް ކުއާޓަރާއި ދިފާއީ ވުޒާރާއާއި ވައިޒްމަން އިންސްޓިޓިއުޓާއި އަދިވެސް މުހިންމު ހުރިހާތަނެއް އޮތީ ބިމާ ހަމަކޮށްލާފައެވެ. މަރުވެފައިވާ މީހުންނާއި ޒަޚަމް ވެފައިވާ މީހުންގެ އަދަދު އަދިވެސް އޮތީ ސިއްރުކޮށްފައެވެ.
ވޯޝިންގޓނުން ނެކްސްޓާރގެ ޚަބަރުތަކަށް ބަލާއިރު އިސްރާއީލަށް ފުރުސަތެއް ލިބިއްޖެނަމަ އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި ޝަހީދުކޮށްލާނެ ކަމަށް ރިޕަބްލިކަން ޓެކްސަސްގެ މެމްބަރ މައިކަލް މެކައުލް ބުނެފައި ވެއެވެ. މެކައުލް އާއި ބެންޖާމިން ނަތަންޔާހޫ ވަނީ ހަނގުރާމަ ފެށުމުގެ 2 ހަފުތާ ކުރިން ބައްދަލުކޮށްފައެވެ. މެކައުލް ބުނެފައިވަނީ ވޮއިސް އޮފް އެމެރިކާ އީރާނުގައި ހަރަކާތްތެރިވެ އީރާނުގެ ރައްޔިތުންނަށް ޑިމޮކްރެސީ ވިސްނާއިދީ މިހާރުގެ ސަރުކާރާ ދެކޮޅަށް ނިކުތުމަށް ހިތްވަރު ދޭންވީ ދުވަސް އަތުވެއްޖެ ކަމަށެވެ. ރައީސް ޓްރަމްޕްގެ ރިޔާސަތު ފެށުމާއެކުގައި ވޮއިސް އޮފް އެމރިކާއިންވެސް މުއައްޒިފުންމަދުކުރިއެވެ. އެހެންނަމަވެސް މިހާރު އަނެއްކާވެސް ފާރިސީ ބަހުން ވާހަކަ ދައްކާ މުއައްޒިފުންނަށް ވަނީ ޖާގަ ދޭން ފަށާފައެވެ. އާޔަތު އަލީ ޚާމަނާއި ދުނިޔޭގައި ހުރެގެން ނުވާނެ ކަމަށް މިދިޔަ ހަފުތާގައި އިސްރާއީލުގެ ދިފާއީ ވަޒީރުވެސް ބުނެފައި ވެއެވެ. އެހެންނަމަވެސް ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތެއްގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށެވެ.
އެމެރިކާއިން ބަންކަރ ބަސްޓަރ ބޭނުންކޮށްގެންދިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދީ އެ މަޝްރޫއު އަހަރުތަކަކަށް ފަހަތަށް ޖައްސައިފިކަމަށް ބުނެފައިވަނިކޮށް އާޔަތު އަލީ ޚާމަނާއި އަދިވެސް ދިރި ދުނިޔޭގައި އެބަ ހުންނެވިކަމަށާއި މުއްސަނދި ކޮށްފައިވާ 400 ކިލޯގްރާމް ޔުރޭނިއަމް އެމަނިކުފާނު ބޭނުން ކަމެއް ކުރުމަށް އަދިވެސް ހުރީ ރައްކާ ކުރެވިފައި ކަމަށް މިއަދު ޕެންޓަގަނުން ހާމަ ކޮށްފިއެވެ.
އީރާނަށް ހަމަލާދިނުމުގައި އިސްރާއީލުގެ އަމާޒަކަށްވެފައިއޮތީ އީރާނުގެ ނިއުކްލިއަރ މަޝްރޫއު ނެތިކޮށްކުމާއި އީރާނުގެ މިލިޓްރީގެ ބާރު ކަނޑުވާލުމާއި އަދި ރެޖީމް ބަދަލު ކޮށްލުމެވެ. އިސްރާއީލުން ހަނގުރާމަ ހުއްޓާލަން މަޖުބޫރުވެގެންދިޔައީ މިއިން އެއްވެސް ކަމެއް ހާސިލު ނުކުރެވިއެވެ. އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް 12 ދުވަސްވާންދެން ހަނގުރާމަ ކުރެވިއްޖެކަން ފަޚުރުވެރިކަމާއެކު އީރާނުން ބުނެވިދާނެކަމަށް އިސްރާއީލުގެ ކުރީގެ މިލިޓްރީ އިންޓެލިޖެންސް އޮފިސަރ ޑެނީ ޗިޓްރުނޯވިޒް ބުނެފައިވެއެވެ.
އީރާނުގެ ވަތަނީ ވިސްނުމުގެ ސިޔާސީ ބޭފުޅުން ނިއުކްލިއަރ ބޮން އުފެއްދުމަށް ބާރު އަޅަމުންގެންދާތާ ޒަމާންތަކެއް ވެއްޖެއެވެ. މިހާތަނަށް ސުޕްރީމް ލީޑަރ ވަނީ ހުއްދަ ދެއްވުމަށް އިންކާރު ކުރައްވާފައެވެ. އެހެންނަމަވެސް 12 ދުވަހުގެ ހަނގުރާމައަށްފަހު އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ދެން ދުއްވާ ގަންނާނެ މިސްރާބެއް އެމެރިކާއަކަށް އަދި އިސްރާއީލަކަށްވެސް ލަފާކުރާކަށް ނޭންގޭނެއެވެ. މިހާރު ފެންނަ މަންޒަރު ތަކުންވެސް ހުއްދަ ހޯދުމަށްޓަކައި ސުޕްރީމް ލީޑަރަށް އިތުރު ފިއްތުންތައް ކުރިމަތި ކުރުވާނެކަމާދޭތެރޭ ޝައްކު ކުރާނެ ޖަގައެއް ނެތް ކަމަށްވެސް ޗިޓްރުނޯވިޒް ބުނެފައި ވެއެވެ.