އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ދިން ހަމަލާގެ ބަދަލުގައި މެދު އިރުމައްޗާއި އަދި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ހުރި އެމެރިކާގެ މިލިޓްރީ އަދި އެހެނިހެން ވަސީލަތްތަކުން ކުރިމަތިލާން ޖެހޭނެކަމަށް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު އަލީ ޚާމަނާއިގެ ވަރަށް އަރިސް ބޭފުޅަކު ކަމުގައިވާ އަލީ އަކްބަރ ވިލާޔަތީ މިދިޔަ ހޯމަ ދުވަހު ވަނީ ވިދާޅުވެފައެވެ.
އީރާނުން ދިން ރައްދު ހަމަލާ އެންމެ ފުރަތަމަ އަމާޒުކުރީ ގަތަރުގައި ހުރި އެމެރިކާގެ އަލް އުދައިދު އެއާރބޭސް އަށެވެ. އަލްއުދައިދު އެއާރބޭސްއަކީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އެންމެބޮޑު މިލިޓްރީ ބޭސް އެވެ. އެމެރިކާއިން މި އެއާރބޭސް ގާއިމް ކޮށްފައިވަނީ ތެލާ ގޭހުގެ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ގަތަރުގެ ވެރިރަށް ދޯހާގެ ރަށްބޭރުގައި 60 އޭކަރުގެ ބިމެއްގައެވެ. އެއީ މިސްރުން ފެށިގެން ކަޒަކިސްތާނާ ދެމެދުގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސްތަކުގެ ކޮމާންޑް ސެންޓަރެވެ. އަލް އުދައިދު އެއާރބޭސް ގާއިމް ކޮށްފައިވަނީ 1998 ވަނަ އަހަރު ގައެވެ. ގަތަރުގެ އަމީރީ އެއާރފޯސް އާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކަން އެއާރފޯސް އާއި އިނގިރޭސި ވިލާތުގެ ރޯޔަލް އެއާރފޯސް އަދި އެހެންގައުމުތަކުން މެދު އިރުމައްޗަށް އިޚްތިޔާރުކޮށްފައިވާ މިލިޓްރީ ގޮފިތައް ހަރަކާތްތެރި ވަމުންގެންދަނީ އަލް އުދައިދުގެ ތެރޭގައެވެ. އެތަނުގައި ގާތްގަނޑަކަށް ދިހަ ހާސް ސިފައިން އަބަދުވެސް ހަރަކާތްތެރިވަމުން ގެންދެއެވެ. އަލް އުދައިދުގައި އެތަނަށް ޚާއްސަ ވަރަށް ދިގު ރަންވޭއެއްވެސް އޮވެއެވެ. އެ މިލިޓްރީ ބޭސްއަށް ގަތަރ ސަރުކާރުން ކުރާ ބޮޑު ހޭދައިގެ ސަބަބުން އެމެރިކާއިން ކުރަންޖެހޭ ޚަރަދުތައް ވަރަށް ކުޑަކަން އެމެރިކާގެ ސިޔާސީ ނޫސް ދަ ހިލް އިން ހާމަކޮށްފައި ވެއެވެ. އެ ނޫހުން ހާމަކޮށްފައިވާ ގޮތުގައި އެ މިލިޓްރީ ބޭސް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި މިހާތަނަށް ގަތަރ ސަރުކާރުން 8 ބިލިއަން އެމެރިކާ ޑޮލަރ ޚަރަދު ކޮށްފައި ވެއެވެ.
އަލް އުދައިދު އެއާރބޭސް ގާއިމް ކޮށްފައިވާ ގަތަރ ޖަޒީރާއާއި އީރާނާ ދެމެދުގެ ދުރުމިނަކީ 120 މޭލެވެ.
އިރާގު ހަނގުރާމައާއި އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ހަރަކާތްތަކުގައި އަލް އުދައިދުން ވަރަށް ބޮޑު ހިއްސާއެއް ވަނީ އަދާކޮށްފައެވެ.
އީރާނުން އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް ހަމަލާ ދޭނެ ކަން އިއުލާން ކުރުމާ ގުޅިގެން ގަތަރުގެ ޚާރިޖީ ވަޒީރު ވަނީ އެގައުމުގެ އެއާރސްޕޭސް ވަގުތީގޮތުން ބަންދުކޮށްފައިވާކަން އިއުލާން ކުރައްވާފައެވެ. ގަތަރުގެ މި އެންގުމުގެ ކުރިން އެގައުމުގައި ހުރި އެމެރިކާއާއި އިނގިރޭސި ވިލާތުގެ އެމްބަސީތަކުގެ މުއައްޒިފުން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް އެ ގައުމުތަކުން ވަނީ އަންގާފައެވެ. އީރާނުން އަލްއުދައިދު އެއާރބޭސް އަށް ހަމަލާދޭނެކަނަ ރޮއިޓާރސް އަށްވެސް އެނގިފައިވާކަން ހޯމަ ދުވަހު ބުނެފައި ވެއެވެ. ހޯމަ ދުވަހުގެ ހަވީރު އީރާނުގެ މިސައިލްތައް ގަތަރުގެ އެއާރ ޑިފެންސް ނިޒާމުން ނައްތާލާފި ކަމަށް ގަތަރުގެ ދިފާއީ ވުޒާރާއިން އަލް ޖަޒީރާއަށް މައުލޫމާތު ދިންކަމަށް ބުނެފައި ވެއެވެ.
ޚަބަރުތަކުން އެނގިފައިވާ ގޮތުގައި އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާ ދިނުމުގެ ކުރިންވެސް މެދު އިރުމަތީގައި ހުރި އެމެރިކާގެ މިލިޓްރީއާއި އެހެނިހެން ވަސީލަތްތަކުގެ ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތައް ވަނީ އަޅާފައެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން އިސްރާއީލާއެކު ބައިވެރިވުން ރައީސް ޓްރަމްޕް އިއުލާން ކުރެއްވުމާއެކުގައިހެން އަލް އުދައިދުގައިހުރި އެމެރިކާގެ މިލިޓްރީ އެއާރކްރާފްޓްތައް އެއާރޕޯރޓްގެ ޓާރމެކުން ނަގައިފިކަން ޕްލެނެޓް ލެބްގެ ގެ ފޮޓޯތަކުން އެސޯޝިއޭޓެޑް ޕްރެސްއަށް އެނގިފައިވާކަމަށް ބުނެފައި ވެއެވެ. ޖޫން 5 ވަނަ ދުވަހުގެ ފޮޓޯތަކުގައި ސާޅީހަކަށް އެއަރކްރާފްޓް ފެންނަން ހުއްޓެވެ. ނަމަވެސް ޖޫން 19 ވަނަދުވަހު ފެންނަން އޮތީ ހަމައެކަނި 3 އެއާކްރާފްޓެވެ. ރޮއިޓާރސް އާ ވާހަކަ ދެއްކި އެމެރިކާގެ އޮފިޝަލަކު ބުނެފައިވަނީ ބަޙްރައިން ބަނދަރުގައި ހުރި އެމެރިކާ ނޭވީންގެ އުޅަނދުތައްވެސް އެމެރިކާގެ މިލިޓްރީގެ 5 ވަނަ ފްލީޓަށް ގެންގޮސްފައިވާނެކަމަށެވެ. އެއީ ރައްކާތެރި ކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އީރާނުގެ ހަމަލާއާ ގުޅޭގޮތުން ގަތަރުން ބުނެފައިވަނީ އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އީރާނުން އަރައިގެންފި ކަމަށެވެ.