ހެމަރހެޑްގެ ނަން ދީފައިވާ ވިހަގަދަފަންޏެއް އެމެރިކާގެ ބިމުން ނިކުމެއްޖެ

Loading

Facebook
Twitter
WhatsApp

ހެމަރހެޑްގެ ނަން ދީފައިވާ ވިހަގަދަ ނުރައްކާތެރި ހަރުފައެއްކަހަލަ ބިޔަ ފަންޏެއް އެމެރިކާގެ ބިމުން އަނެއްކާވެސް ފާޅުވެއްޖެއެވެ. ބުނެވޭގޮތުގައި މި ފަނި މިފަހަރު ފާޅުވެފައިވަނީ ގިނަ ދުވަސްތަކަކަށް ވާރޭވެހުމުގެ ސަބަބުން ޓެކްސަސް އިންނެވެ. ޓެކްސަސްގައި ހުންނަ ނުރައްކާތެރި ސޫފާސޫފީގެ މައުލޫމާތު ދިރާސާކުރާ އިންސްޓިޓިއުޓްގެ ޑިރެކްޓަރ އެޝްލީ މޯރގަން އޮލްވީރާ ޔޫ އެސް އޭ ޓްޑޭ އަށް ކިޔާދީފައިވާ ގޮތުގައި ދުވާލުގެ  އަލިކަމުގެތެރޭގައި އެސޮރު ނިކުމެއެއް ނޫޅެއެވެ. އަދި އެސޮރު އުޅޭނީ އާންމުންގެ ލޯތަކަށް ފިލައިގެންނެވެ.

މި ވިހަގަދަ ފަނީގެ އެންމެ ނުރައްކާތެރި ބައެއް ސިފަތަކުގެ ތެރޭގައި އެއްޗަކުން ޖަހާ އެ ސޮރު ބުރިކޮށްލައިފިނަ ދޭއްޗަށް ބަދަލުވެގެން ދިއުމާއި އަދި އޭގައި އަތް ލެވިއްޖެނަމަ ހަމުގެ ބަލިތަކަށް މީހާ ހުށަހެޅިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.  ތަޖްރިބާކާރުން ގަބޫލުކުރާގޮތުގައި މިހާރުގެ ތެތްފިނި މޫސުމުގައި އެސޮރުމެންގެ ފުރިހަމަ ބާރާއެކު މަގުތަކަށް ނިކުމެގަންނާނެއެވެ.                                                         

މި ވިހަގަދަ ފަނި ދެނެގަތުމުގައި އެސޮރުގެ ދިގުމިނުގައި ގާތްގަނޑަކަށް 15 އިންޗި ހުންނާނެ ކަމަށާއި އެ ސޮރުގެ ބޯ އެންމެ ވައްތަރު ވަނީ ހެމަރހެޑް މިޔަރެއްގެ ބޮލަށް ކަމުގައި ޓެކްސަސް ގެ އިންސްޓިޓިއުޓުން ބުނެފައި ވެއެވެ. އެސޮރުގެ ކުލައަކީ މާމުއި ކުލަ ކަމަށާއި ކަޅު ކުލައިގެ ފަސްވަރަކަށް ގަޅި (ސްޓްރައިޕްސް) ހުންނާނެއެވެ.

ގޭތެރޭގައި ގެންގުޅޭ ކުއްތާފަދަ ޖަނަވާރުތަކަށް އެ ފަނީގެ ނުރައްކާތެރިކަން ނޯންނާނެ ކަމަށް ޓެކްސަސްގައި ހުންނަ ނުރައްކާތެރި ސޫފާސޫފީގެ މައުލޫމާތު ދިރާސާކުރާ އިންސްޓިޓިއުޓްގެ ޑިރެކްޓަރ އެޝްލީ މޯރގަން އޮލްވީރާ ބުނެފައި ވެއެވެ. އެހެންނަމަވެސް އެ ޖަނަވާރުތަކުގެ ކެހެރިތަކުގެ ތެރޭގައްޔާއި އަދި ދަނޑު ބިންތަކާއި ޖަންގަލީގައި އެސޮރު އާލާވެގަތުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.                                     

މި ވިހަގަދަ ފަނި މަރާލުމަކީ ވަރަށް އުދަނގޫ ކަމެކެވެ. މަރާލަން އުޅުމުގައި އެ ސޮރު ބުރިވެއްޖެނަމަ ދެން ތެދުވާނީ ދޭއްޗަށް ވެގެންނެވެ. އެސޮރު މަރާލުމަށް މިހާތަނަށް ހޯދިފައިވާ ހަމައެކަނި ގޮތަކީ ލޮނާއި ވިނެގަރ ނުވަތަ ސިޓްރަސް އޮއިލް އަޅާފައިހުރި ޕްލާސްޓިކް ކޮތަޅަކަށް އެ ސޮރު ވައްޓާލުމެވެ. އެއަށްފަހު ގަނޑުވަންދެން ފްރިޖްގައި ބަހައްޓާނީއެވެ.  އެސޮރުގައި އަތްލެވިއްޖެނަމަ ސައިބޯނި ފަދަ އެއްޗަކުން ވަގުތުން ދޮވެ ސާފުކުރުމަށްފަހު ހޭންޑް ސެނިޓައިޒަރ އުނގުޅަން ވާނެއެވެ. ހެމަރހެޑް އެންމެ ގިނައިން ފެންނަނީ ޓެކްސަސް އާއި އަލަބާމާ އާއި މިސިސިޕީ އަދި ފްލޮރިޑާ ފަދަ އެމެރިކާގެ ދެކެނު ޝަހަރުތަކުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް