ކިޑްނީ ޓްރާންސްޕްލާންޓު ކުރުން ފަދަ ހިދުމަތްތައް ރާއްޖޭގައި ދެވޭނެ ފެންވަރަށް އޮޕަރޭޝަން ތިއޭޓަރުތައް އަޕްގްރޭޑުކުރަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގައި ސިއްހީ ނިޒާމުގެ ކަންކަން ތަރައްގީކުރުމުގައި ދެވަނަ މަރުހަލާއަކަށް ދާންޖެހޭ ކަމަށާއި ކިޑްނީ ޓްރާންސްޕްލާންޓު ކުރުން ފަދަ ހިދުމަތްތައް ރާއްޖޭގައި ދެވޭނެ ފެންވަރަށް އޮޕަރޭޝަން ތިއޭޓަރުތައް އަޕްގްރޭޑުކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ހޮސްޕިޓަލުތަކުން ކިޑްނީ ޓްރާންސްޕްލާންޓް ފަދަ ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތައް ފެށުމަށް ގާނޫނެއް ގެނައުމުގެ މަސައްކަތްކުރުމުން އަންނަކަން ހާމަކުރައްވާ ނާޒިމް ވިދާޅުވީ މިކަން ކުރުމަށްޓަކައި ބޭނުންވާ ލީގަލް ފްރޭމްވޯކް ގާނޫނީގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނުގެ ފަސްޓް ޑްރާފްޓް މިހާރު ހެދިފައިވާ ކަމަށެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ މަޖިލީހަށް ފޮނުވުމުގެ ކުރިން އެއަށް އިތުރުކުރަން ޖެހޭ ލަފައެއް ނުވަތަ އުނި ކުރަންޖެހޭ ކަމެއް އޮތްތޯކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.