މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި / ފުނަމާގެ، މުޙައްމަދު ޢާލިމް (22އ) އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ 00:41 އެހާކަންހާއިރު ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 7 ގެ ގްރައުންޑް ފްލޯ ޕާކިންގ ޒޯނުން ކަމަށެވެ.
އޭނާ ހައްޔަރު ކުރީ ޕާކިން ޒޯނަށް ސައިކަލެއްގައި ވަދެ ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލް ޕާކްކޮށްފައި ދާން މަސައްކަތްކުރުމުން އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމުން ކަމަށް ފުލުހުން ހާމަކުރެއެވެ.
އޭނާގެ ގެންގުޅުނު ކޮތަޅުތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްގެ ވަގުތީ ބަރުދަނަކީ 259 ގްރާމެވެ.
ފުލުހުން ބުނީ މި މައްސަލަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.