ފާއިތުވެގެން މިދާ ހައެއްކަ ދުވަހުގެ ތެރޭގައި މުޅިދުނިޔޭގެ ލޯތައް އަމާޒުވެފައި ވަނީ އިސްރާއީލާއި އީރާނުގެ ހަނގުރާމައަށެވެ. އެހެންނަމަވެސް ދުނިޔޭގެ މަޝްހޫރު މީޑިއާތަކުން އެ ޚަބަރުތައް ފުރިހަމައަށް ގެނެސް ދިނުމަށް ސަމާލުކަން ދީފައެއް ނުވެއެވެ. މައުލޫމާތު ހާމަކުރުމުގެ މަގުތައްވެސް އޮތީ ހުޅުވިފައެއް ނޫނެވެ.
އީރާނުގެ ހަމަލާތަކުގައި އިސްރާއީލަށް ލިބެމުންދާ ގެއްލުންތައް ފޮޓޯ ނެގުމާއި ވީޑިއޯ ކުރުން އޮތީ މަނާކޮށްފައެވެ. އީރާނަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ހާމަކުރާއިރު އިސްރާއީލަށް ލިބޭ ގެއްލުންތަކުގެ ކުޑަ މިންވަރެއްނަމަވެސް ހުޅަނގުގެ މީޑިއާތަކުން ހާމަކުރުން އޮންނަނީ މަޖުބޫރުވެފައެވެ.
މިހާރު އިސްރާއީލުން އީރާނާ ދެކޮޅަށް ފަށައިގަނެގެން އުޅޭ ހަނގުރާމައިގާ އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު އަލީ ޚާމަނާއި ވަނީ އެ މަނިކުފާނުގެ އަޒުމާއި މަގްސަދު ވަރަށް ސަރީހަކޮށް އީރާނުގެ ރައްޔިތުންނަށް ވިދާޅުވެ ދެއްވާފައެވެ. އެ މަނިކުފާނުގެ ބަސްފުޅުތަކުގައި ކުރިއަށް އޮތްތަނުގައި އިސްރާއީލުން ހަމަޖެހިލާނެ ފުރުސަތު ނުދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އިސްރާއީލަށް ވާގިވެރިދޭ ގައުމުތަކަށް ވިދާޅުވެފައި ވަނީ އީރާނު ދެމިއޮންނާނީ ޝަރަފުވެރި މިނިވަން ގައުމެއްގެ ގޮތުގައި ކަމަށާއި އެއްވެސް ގައުމެއްގެ ޣުލާމީއަކަށް ނުވާނެކަމަށެވެ. އީރާނުގެ މަސްލަހަތު ނިންމަން ގޮތްކިއުމުގެ ފުރުސަތު އެމެރިކާއަކަށްވެސް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.
އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން މަގު ފަހިކުރުމުގެ ބޭނުމުގައި އެގައުމުން ބައިނަލް އަގްވާމީ ނިއުކްލިއަރ މުއާހަދާ އެންޕީޓީ(ނޮން ޕްރޮލިފެރޭޝަން ޓްރީޓީ)އިން ވަކިވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ބިލް އީރާނުގެ (ޕާރލަމެންޓް) މަޖިލީހަށް ހުށައަޅަން ތައްޔާރު ކުރަމުންގެންދާ ކަމަށް އެ ގައުމުގެ ޚާރިޖިއްޔާއިން ބުނެފިއެވެ.
މިހާރު ކުރިމަތިވަމުންދާ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތަކަށް މަގުފަހި ކުރަން އެބަ ޖެހެއެވެ. މަޖިލީހުން ފާސްކުރާ ގާނޫނުތައް ސަރުކާރުން ބާރުވެރިކުރަން ޖެހޭނެއެވެ. މަޖިލީހުގެ މަސައްކަތަށް އެއްބާރުލުން ދިނުމަކީ އަބަދުވެސް ސަރުކާރުގެ ސިޔާސަތެވެ. ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބާޣެރީ ވިދާޅުވިއެވެ. އެހެންނަމަވެސް އަދި މިހާތަނަށް އެފަދަ ނިންމުމެއް މަޖިލީހުން ނިންމާފައި ނުވާކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ އިސްރާއީލުން ދިން ހަމަލާ ފަދަ ކަންތައްތައް މުސްތަގްބަލްގައި ކުރިމަތިވެދާނެ ކަމަށްޓަކައި އީރާނުގެ ސިޔާސަތު އަލުން ބައްޓަން ކުރަން ވަނީ ޖެހިފައެވެ. އަދި އިސްރާއީލުގެ ހަމަލާއަކީވެސް އައިއޭއީއޭގެ މުއާހަދާގައި ހުރި އުނި ކަންތައްތަކެއްގެ ނަތީޖާކަމަށް ވިދާޅުވިއެވެ. އިސްރާއީލަކީ ނިއުކްލިއަރ މުއާހަދާގެ މެމްބަރު ގައުމެއް ނޫނެވެ. އެކަމަކު އެ ގައުމުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަން މުޅި ދުނިޔެއަށް އެނގެއެވެ.
ނިއުކްލިއަރ މުއާހަދާގެ މެމްބަރު ގައުމުތަކުން މަދަނީ ބޭނުންތަކަށްޓަކައި ޔޫރޭނިއަމް މުއްސަނދި ކުރުން ވަނީ ހުއްދަ ދީފައެވެ. އަދި ނިއުކްލިއަރ ހަތިޔާރު އުފެއްދުމުން އެއްކިބާވުންވެސް މަޖުބޫރު ކުރުވައެވެ.
އީރާނުން ނިއުކްލިއަރ މުއާހަދާ ތަސްދީގު ކުރީ 1970 ވަނަ އަހަރުގައެވެ.
އިސްރާއީލުން މިދިޔަ ހަފުތާގައި އީރާނަށް ބޮން އެޅުމުގެ ސަބަބުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަ ވެފައިވާ އީރާނަށް މަގު ހުޅުވިގެން ދިޔަ ކަހަލައެވެ. އީރާނުން ޔުރޭނިއަމް މުއްސަނދި ކުރަމުންގެންދަނީ މަދަނީ ބޭނުންތަކަށްޓަކައި ކަމުގައި ބުނަމުން ގެންދިޔަ ނަމަވެސް ޔޫއެންގެ ނިއުކްލިއަރ ”ފާރަ ކުއްތާ “ އިން މިދިޔަ ހަފުތާގައިވެސް ބުނެފައިވަނީ އީރާނުން ނިއުކްލިއަރ މުއާހިދާއާއި ޚިލާފް ވަމުންދާ ކަމަށެވެ.
ރޭޑިއޯ ފްރާންސް އިންޓަރނޭޝަނަލްގެ 15 ޖޫންގެ ޚަބަރުތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ފާއިތު ވެގެން މިދާ 3 ދުވަހު ކެނޑިނޭޅި އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކާއި އަދި އީރާނުން އިސްރާއީލުގެ މައްޗަށް އޮއްސަމުންގެންދާ މިސައިލްގެ ވާރޭއާއިގުޅިގެން 2 ގައުމަށްވެސް ލިބެމުންދާ ގެއްލުންތަކެވެ. މި ހަމަލާތައް ފެށިފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ފުނޑާލުމަށްޓަކައި ހުކުރުދުވަހުގެރޭ އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއި އަދި އެ ހަމަލާގައި އީރާނުގެ މިލިޓްރީ އަދި ނިއުކްލިއަރ ސައިންޓިސްޓުންތަކެއް ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އިސްރާއީލާއި އީރާނުގެ ހަމަލާތައް ހުއްޓުވުމަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ވެރިން ގޮވާލަމުންދާއިރު ޖަވާބެއް ލިބިދާނެ ކަމަށް އުންމީދު ނުކުރެވޭ ހިސާބަށް ހަމަލާތައް ވަނީ ހޫނުވެގެން ގޮސްފައެވެ. އީރާނު އަންދާ ހުލި ކޮށްލާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އިންޒާރު ދެމުންގެންދާއިރު އީރާނުގެ ރައީސް ވިދާޅުވެފައި ވަނީ އިސްރާއީލަށް ނަރަކައިގެ ދޮރުތައް ތަންމިނަށް ހުޅުވާދޭނެ ކަމަށެވެ.
އިސްރާއީލާއި އީރާނުގެ ހަމަލާތަކާ ގުޅިގެން އާދީއްތަ ދުވަހަށް ތާވަލް ކުރެވިފައިވާ އެމެރިކާއާއި އީރާނުގެ ނިއުކްލިއަރ މަޝްވަރާތައް ވަނީ ކެންސަލް ކޮށްފައެވެ. ބައެއް ރިޕޯރޓް ތަކުން އެނގޭ ގޮތުގައި އެ މަޝްވަރާތަކަކީ ހަގީގަތުގައި އީރާނަށް ހަމަލާދިނުމަށް އިސްރާއީލަށް މަގުފަހިކޮށް ދިނުމަށްޓަކައި ރައީސް ޓްރަމްޕްގެ މަކަރުވެރި ރޭވުމެކެވެ. އަދި އެމެރިކާއާއެކު އީރާނުން މަޝްވަރާގެ މޭޒަށް ދިއުމަކީ ބޭކާރު ކަމެއް ކަމުގައި ބުނެފައި ވެއެވެ.
އިސްރާއީލުގެ އިންޓެލިޖެންސް ރިޕޯރޓްތަކުން ހާމަކޮށްފައިވާގޮތުގައި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ އިސްރާއީލު ދެމިއޮތުމަށް އޮތް ނުރައްކާތެރި ބިރުވެރިކަމެކެވެ. އިސްރާއީލުގެ ވަރށް އިސް ދިފާއީ އޮފިޝަލަކު ބުނެފައިވަނީ އީރާނުން އެއްވެސް ނުރައްކަލެއް މެދުވެރި ނުވާނެކަން ޔަގީން ކުރެވޭ ދުވަހަކާ ހަމަޔަށް އީރާނާ ދެކޮޅަށް ދެމުންގެންދާ މި ހަމަލާތައް ހުއްޓާނުލާނެކަމަށެވެ. މިހާރުވެސް 15 ނިއުކްލިއަރ ބޮން ހެދޭވަރަށް އީރާނުގައި ޔޫރޭނިއަމް މުއްސަނދި ކޮށްފާ އެބަހުރިކަން އިސްރާއީލުގެ އިންޓެލިޖެންސަށް އެނގޭކަމަށް އޭނާ ބުނެފައި ވެއެވެ. އައި ޑީ އެފް ގެ އޮފިޝަލަކު ބުނެފައިވަނީ ހުކުރު ދުވަހުގެ ރޭގެ ހަމަލާއަށް ފަހު އީރާނުގެ ދިފާއީ ނިޒާމް ހަލާކު ކޮށްލާފައިވާނެ ކަމަށާއި އީރާނަށް ވައިގެ މަގުން ހަމަލާ ދިނުމުގެ ހުރިހާދޮރެއް މިހާރު އޮތީ ހުޅުވިފައި ކަމަށެވެ.
އެކަމަކު އޭގެ ބާރަވަރަކަށް ގަޑިއިރުފަހުން އީރާނުގެ މިސައިލް ހަމަލާތައް އިސްރާއީލަށް އޮއްސާލަން ފެށުމުން އިސްރާއީލަށް ނިދިން ހޭލެވި ހަގީގަތާ ކުރިމަތިލާން ޖެހިއްޖެއެވެ. އީރާނުގެ ހަމަލާތަކުން ދިފާއުވުމަށް އިސްރާއީލުން ނުކުޅެދިފައިވާ މިންވަރު އެނގި ހާމަވެއްޖެއެވެ. އީރާނުގެ ހަމަލާތަކުން ފުނޑިގެންދާ އިމާރާތްތަކާއި ވަސީލަތްތައް ފޮޓޯ ނެގުން މަނާ ކޮށްފައިވާއިރުވެސް ފޮކްސް ނިއުސް އާއި އެންޑީޓީވީ ފަދަ ޗެނަލްތަކުން ބައެއްފޮޓޯތައް ދުނިޔެއަށް ގެންދަނީ ހާމަކުރަމުންނެވެ.
ނިއުކްލިއަރ ހަތިޔާރު ލިބިފައިނުވާ ގައުމަކަށް ހުއްދަ ނުކުރެވޭފަދަ މަތީ ފެންވަރަކަށް އީރާނުން ޔުރޭނިއަމް މުއްސަދި ކޮށްފައިވާ ކަމަށް އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރ ތުލްސީ ގައްބާރޑް މިދިޔަ މާރޗްމަހު ކޮންގްރެސްއަށް ރިޕޯރޓް ކޮށްފައިވެއެވެ. އެކަމަކު އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު އަލީ ޚާމަނާއިގެ ހުއްދި ލިބިފައި ނުވާތީ މިހާތަނަށް އެއްވެސް ނިއުކްލިއަރ ހަތިޔާރެއް އުފައްދާފައެއް ނުވެއެވެ. އެ ކަމަނާގެ ރިޕޯރޓުގައި ބުނެފައިވެއެވެ.
ކެނެޑާގައި ހިނގަމުންދާ ޖީ-7 ގެ އެންމެ އިސްވެރިންގެ ބައްދަލުވުން މެދުކަޑުއްވާލައްވާފައި ތެހެރާންގެ ބިމުން މީހުން ފައިބާ ހުސްކުރަން އިންޒާރު ދިނުމަށްފަހު ރައީސް ޓްރަމްޕްވެސް ވަނީ އެމެރިކާއަށް އެނބުރި ވަޑައިގެންފިއެވެ.
އީރާނުން ސުލްހައިގެ ވާހަކަތަކާ ދޭތެރޭ ވިސްނަން ފަށާނީ އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގެ ރައްދު ފުރިހަމައަށް ދިނުމަށްފަހުގައި ކަމަށް އިސްރާއީލާއި އީރާނުގެ ހަނގުރާމަ ހުއްޓުވޭނެ މަގެއް ފެނޭތޯ މަސައްކަތް ކުރައްވަމުންގެންދަވާ ގަތަރާއި އޮމާނަށް މިދިޔަ އާދީއްތަ ދުވަހު އީރާނުން އަންގައިފިއެވެ.