މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ބެޗު ރާއްޖެ އަތުވެއްޖެއެވެ.
ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެ އައިސްފައި ވަނީ މިއަދު މެންދުރު އެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެއައިސްފައި ވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ.
ދިވެހި ޙައްޖާޖީންގެ ދެވަނަ ގްރޫޕު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ގްރޫޕުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
މީގެ އިތުރުން ހައްޖުވެރިންގެ ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވަނީ ހައްޖުގެ އަޅުކަމަށް ފަހު މީހުން އަނބުރާ އަންނައިރު، ތޮއްޖެހުން ކުޑަކޮށް، ރޯގާތައް ފެތުރުން ކުޑަކުރުމަށް މަދުން މީހުން ދިއުމަށް އެދިވަޑައިގެންފައެވެ.