ކަނޑުތަކަކީ ދިވެހި އިޤްތިޞާދުގެ ހަކަތަ: ރައީސް

Loading

Facebook
Twitter
WhatsApp

ކަނޑުތަކަކީ ދިވެހި ޤައުމު ރައްކާތެރިކަމާއެކު ދެމިއޮތުމުގެ މުހިން މަސްދަރެއް ކަމަށާ، ދިވެހި އިޤްތިޞާދުގެ ހަކަތައަކީވެސް އެއީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކަނޑުތަކަކީ ދިވެހި ޤައުމު ރައްކާތެރިކަމާއެކު ދެމިއޮތުމުގެ މުހިން މަސްދަރެއް ކަމަށާ، ދިވެހި އިޤްތިޞާދުގެ ހަކަތައަކީވެސް އެއީ ކަމުގައި ވިދާޅުވިއެވެ. ދިވެހި ޘަޤާފަތް ބައްޓަންކުރުމުގެ އިތުރަށް، ދިވެހިވަންތަކަމުގެ ބިންގަލަކީވެސް ދިވެހި ކަނޑުތައްކަން، ރައީސްގެ މެސެޖުގައި ސިފަކުރައްވާފައިވެއެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އުފުލި، ފަރުތަކުގެ މުރަކަތައް ހަލާކުވެ، ގައު ހުދުވުމުގެ އިތުރަށް، މަސްއައިންތަކުގެ ހިޖުރައިގެ އުސްލޫބަށްވެސް ބަދަލު އަންނަކަން ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެ ފަދަ ޤައުމަކަށް، މިކަންކަމަކީ މިހާރުން މިހާރަށް ސަމާލުކަން ދޭންޖެހޭ، އިޤްތިޞާދީ ޙަޤީޤަތްތަކެއް ކަމުގައިވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ކަނޑުތައް ޙިމާޔަތް ކުރުމަށްޓަކައި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެތެރޭގައި މުރަކައިގެ ދިރުންތައް ރައްކާތެރިކޮށް އާލާ ކުރުމަށް ހިންގާ ހަރަކާތްތަކާއި، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތު ކުރުމަކީ މި މޭރުމުން ދިވެހިރާއްޖެއިން އަޅަމުންދާ ބައެއް ފިޔަވަޅުތައް ރައީސް ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ކުރިއަށް އޮތީ ސައިންސާއި، އިޔާދަކުރަނިވި ހަކަތައިގެ ރޮނގުން އައު ފުރުޞަތުތައް ފަހިކޮށް، މަސްވެރިކަން ކުރިއަރުވައި، ކަނޑުތަކުން ލިބެން ހުރި ނިޢުމަތްތައް ދެނެގަތުމުގެ އީޖާދީ މަސައްކަތްތައް ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް